ޙަޤީޤީ ވާހަކަ: ބައްޕަ މަރުވޭތޯ 2 މަސްކުރިން ތައްޔާރުވާންފެށި ދަރިފުޅު

މިއީ ޖިއްދާގެ އެންމެ ބޮޑު ގަބުރުސްތާނުގެ ވެރިއެއްގެ ގޮތުގައި ފާއިތުވި 30 އަހަރު ހަރަކާތްތެރިވި ޝައިޚް ޢައްބާސް އަލް-ޘަވީ އަމިއްލައަށް ދެކެ، ކިޔައިދެއްވާފައިވާ ވާހަކައެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އޭނާގެ ހިތަށް ނުހަނު އުނދަގޫކުރުވާ، އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި އިޙްތިރާމް ކުޑަކުރުމުގައި އިންސާނުން ކިހާ ދުރަކަށް ގޮސްދާނެކަން ހަނދާންކޮށްދޭ ބިރުވެރި ހާދިސާއެކެވެ.

ޝައިޚް ޢައްބާސް ހަނދާން އައުކުރައްވަމުން ވިދާޅުވީ، އެއްދުވަހަކު އޭނާއަށް މީހަކު ގުޅާފައި “ޝައިޚް، އަހަރެންގެ ބައްޕަ ބަލިވެއްޖެ” އޭ ބުނި ކަމަށެވެ. ޝައިޚް އެމީހާގެ ބައްޕައަށް ހެޔޮ ދުޢާކުރައްވަމުން “މާތްﷲ އޭނާއަށް އަވަސް ޝިފާއެއް ދެއްވައި، ދުޅަހެޔޮކަން ދެއްވާށި” އޭ ވިދާޅުވިއެވެ. ދެވަނަ ދުވަހުވެސް އެމީހާ ގުޅާފައި “ޝައިޚް، ބައްޕަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި” އޭ ބުންޏެވެ. ޝައިޚް ވިދާޅުވިއެވެ: “މާތްﷲ އޭނާއަށް ކަންތައްތައް ލުއިކޮށްދެއްވާށިއެވެ.” ތިންވަނަ ދުވަހު އެމީހާ ގުޅާފައި، މައްޔިތުން އުފުލާ ކާރު ނުވަތަ އެމްބިއުލާންސް ގަބުރުސްތާނުގައި ތައްޔާރަށް ހުރިތޯ އެއްސެވެ. ޝައިޚް ހުރި ކަމަށް ވިދާޅުވިއެވެ. ހަތަރުވަނަ ދުވަހު އަނެއްކާވެސް ގުޅާފައި، ރަނގަޅު ފެންވަރުގެ ކަފުން ތައްޔާރަށް ހުރިތޯ އެއްސެވެ.

މިހިސާބުން މި މީހާއަށް މިއުޅެނީ ކިހިނެއްވެގެންތޯ ޝައިޚްގެ ހިތްޕުޅުގައި ސުވާލު އުފެދުނެވެ. ފުރިހަމަ ދެ މަސް ދުވަސް ވަންދެން، ކޮންމެ ދުވަހަކު މި މީހާ ޝައިޚް ޢައްބާސްއަށް ގުޅައި، ބައްޕަގެ ހާލަތާއި، ދެވޭ ބޭސްތަކާއި، ކުރެވޭ ފަރުވާތަކުގެ މަޢުލޫމާތު ދެމުން ދިޔައެވެ. އެންމެ ފަހުން ކޮންމެ ދުވަހަކު މިގޮތަށް ގުޅާތީ އުނދަގޫވެގެން، ޝައިޚް އެމީހާގެ ނަންބަރު ބްލޮކް ކުރެއްވިއެވެ. ދުވަސްކޮޅެއް ފަހުން، އާ ނަންބަރަކުން ޝައިޚަށް ފޯނެއް އައެވެ. ފޯނު ނެންގެވިއިރު، އެއީ ހަމަ އެމީހާ އޭނާގެ ދަރިފުޅުގެ ފޯނުން ގުޅާފައި، “ޝައިޚް، ބައްޕަ އޮތީ ވަރަށް ނާޒުކު ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއްގައި” އޭ ބުންޏެވެ. ޝައިޚް ވިދާޅުވިއެވެ: “އަހަރެން އޭނާއަށް ދުޢާކުރަން، އެކަމަކު އަހަރެން މިހާރު ކުރަންވީ ކީއް؟ ބައްޕަ ނިޔާވުމުން އަހަންނަށް ގުޅާށެވެ.”

މިހެން ބުނިތާ މަދު ދުވަސްކޮޅެއްގެ ފަހުން، ބައްޕަ ނިޔާވެއްޖެ ކަމަށް ބުނެ އެމީހާ ގުޅިއެވެ. ޝައިޚް ޢައްބާސް މައްޔިތާއަށް ހެޔޮ ދުޢާކުރައްވައި، އޭނާއަށް ސުވަރުގޭގެ ނިޢުމަތާއި ރަޙްމަތް ލެއްވުމަށް އެދި ދުޢާކުރެއްވިއެވެ. އެވަގުތު ޝައިޚްގެ ހިތްޕުޅަށް އެރިއެވެ: މި ނިޔާވި މީހާއަށް ކިހާ ބޮޑު ނަސީބެއް ހެއްޔެވެ؟ އޭނާ ދޫކޮށްފައި އެދިޔައީ ބައްޕަގެ މަރުގެ ކަންކަމަށް މިހާ ބޮޑަށް ކަންބޮޑުވެ، ދުރާލާ ހުރިހާ ކަމެއް ތައްޔާރުކުރި އޯގާތެރި ދަރިއެކެވެ. ޝައިޚަށް ހީވީ އެއީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ލާމަސީލު މިސާލެއް ކަމަށެވެ. ނަމަވެސް، އޭނާގެ އެ ހީއަކީ މުޅިން ކުށް ހީއެއްކަން އެނގެން މާގިނަ އިރެއް ނުނެގިއެވެ.

މައްޔިތާގެ ހަށިގަނޑު ބަލާ ކާރުގައި އައުމަށް އެ ދަރިފުޅު ޝައިޚްގެ ކިބައިން އެދުނެވެ. ޝައިޚް ޢައްބާސް އެގެއަށް ވަޑައިގެންނެވި އިރު، އެއީ ވަރަށް މުއްސަނދިން އުޅޭ ކަހަލަ، އަގުބޮޑު ލަގްޒަރީ ކާރުތައް ބަހައްޓާފައި ހުރި ބޮޑު ވިލާއެކެވެ. ޝައިޚް މައްޔިތާގެ ހަށިގަނޑު ހިނަވާ ގެއަށް ގެންދެވިއެވެ. ހިނެވުމުގެ ކަންތައް ފެށުމުގެ ކުރިން، ދެ މަސް ދުވަސް ވަންދެން ގުޅި ދަރިފުޅަށް ގޮވާލާފައި، އެތެރެއަށް ވަދެ ބައްޕަ ހިނެވުމުގައި އެހީތެރިވުމަށް ޝައިޚް އެދުނެވެ. އެހެންނަމަވެސް އެމީހާ ވަރަށް ފަރުވާކުޑަ ގޮތަކަށް ބުންޏެވެ: “އާނ، އޭނާ ހިނަވާ އެނދުމަތީ ބާއްވާ، އަހަރެން މިދަނީ.”

ނިޔާވި މީހާ ވަޅުލުމަށް ހަމަޖެހިފައިވަނީ މައްކާގައެވެ. ޖިއްދާއިން މައްކާއަށް ދިއުމަށް އެއް ގަޑިއިރާއި ދެ ގަޑިއިރާ ދެމެދުގެ ދަތުރެއް ކުރަންޖެހޭތީ، އަވަސްކުރުމަށް ޝައިޚް އެ ދަރިފުޅަށް އެންގިއެވެ. އެއް ގަޑިއިރު ފާއިތުވެ، ދެ ގަޑިއިރު ވީއިރުވެސް ދަރިފުޅެއް ނައެވެ. ޝައިޚް ތަކުރާރުކޮށް ގުޅުއްވި ނަމަވެސް އޭނާ ފޯނެއް ނުނަގައެވެ. އެންމެ ފަހުން ޝައިޚް އެމީހާގެ ދަރިފުޅުގެ (މައްޔިތާގެ ކާފަދަރިފުޅުގެ) ނަންބަރަށް ގުޅާފައި އެއްސެވިއެވެ: “ކޮބާ ކަލޭގެ ބައްޕަ؟ އޭނާ ފޯނު ނުނަގަނީ ކީއްވެ؟” ކާފަދަރިފުޅު ބުނީ ބައްޕައަށް ބުނެގެން އަވަހަށް ގުޅުވާނެ ކަމަށެވެ.

އެ ދަރިފުޅު އަލުން ގުޅިއިރު، އޭނާގެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ. ނުހަނު ފިނި ރާގަކަށް އޭނާ އެއްސެވެ: “އާނ، ކޮން ކަމެއްތޯ ކޮށްދޭންވީ؟” ޝައިޚް ހައިރާންވެވަޑައިގެން ވިދާޅުވިއެވެ: “ކޮން ކަމެއްތޯ ކޮށްދޭންވީއޭ ބުނުމުގެ މާނައަކީ ކޮބާ؟ އަހަރެން މިހުރީ ކަލެއަށް އިންތިޒާރުކޮށްގެން. އާއިލާގެ މީހުން އަންނަންދެން ބަލާފައި އަހަރެން އަދި ބައްޕަ ހިނެވުމާއި ކަފުންކުރުމުގެ ކަންތައްވެސް ނުފަށަން. އަހަރެމެން މިތިބީ ކަލޭގެ އިންތިޒާރުގަ!” އެމީހާ ބުނީ އޭނާ މިވަގުތު އެކި އެކި މަސައްކަތްތަކުގައި ވަރަށް ބިޒީކޮށް އުޅޭ ކަމަށެވެ. ޝައިޚް ވިދާޅުވިއެވެ: “ބިޒީއޭ ބުނުމުގެ މާނައަކީ ކޮބާ؟ ކަލޭގެ ބައްޕަ އެއޮތީ ހިނަވާ އެނދުމަތީގައި. ދެ މަސް ދުވަސް ވަންދެން އަހަންނަށް އުނދަގޫކުރުމަށްފަހު، މިވަގުތު ބައްޕައަށްވުރެ މުހިންމު އެއްވެސް ކަމެއް ކަލެއަކަށް ނޯންނާނެ!”

އެ ދަރިފުޅު ދިން ފިނި، ރަހުމެއްނެތް ޖަވާބުން ޝައިޚް ބޮޑު ހައިރާންކަމެއްގެ ތެރެއަށް ދިޔައެވެ. އެމީހާ ބުންޏެވެ: “ޝައިޚް، އަހަރެން އަހަރެމެންގެ އަވަށްޓެރިއެއްގެ ދަރިއަކު ފޮނުވާފާނަން ތިޔަ ކަމުގައި އެހީތެރިވާން.” މި ބަސްތައް އިވުމުން ޝައިޚް ފޫހިވެ، ވަގުތުން ފޯނު ކަނޑާލިއެވެ. އަދި އޭނާގެ ޓީމަށް ބުންޏެވެ: “އަހަރެމެން އަމިއްލައަށް ހިނެވުމާއި ކަފަންކުރުމުގެ ކަންތައް ނިންމާލާނީއެވެ.” ފަހުން، ނިޔާވި މީހާގެ ބޭބެއަކު އެހީތެރިވާން އައުމުން، އެމީހުން ވަގުތުން މައްކާއަށް ދާން ތައްޔާރުވިއެވެ.

އެމީހުން ނިކުންނަން އުޅެނިކޮށް، އެ ދަރިފުޅާއި ނިޔާވި މީހާގެ ބޭބެ އެދުނީ، އާއިލާގެ މީހުންނާއި މަންމައަށް މައްޔިތާ އެންމެ ފަހު ފަހަރަށް ދައްކާލުމަށްޓަކައި އަލުން އެ ވިލާއަށް މަޑުކޮށްލުމަށެވެ. އެ ބޮޑު ވިލާއަށް ދެވުމުން، އެމީހުން އެދުނީ ކާރު ބޭރުގައި ނުބާއްވައި، ފަހަތަށް ދުއްވާފައި ގޭގެ ބޮޑު ހޯލް ތެރެއަށް ވައްދައިދިނުމަށެވެ. އެއީ އަންހެނުންނަށް ފަސޭހައިން މައްޔިތާ ފެންނާނެ ގޮތް ހެދުމަށެވެ.

ޝައިޚް ކާރު ފަހަތަށް ދުއްވާފައި އެތެރެއަށް ވައްދައި، ދޮރު ހުޅުއްވިއެވެ. އޭރު ގަދަ އަވީގެ ސަބަބުން ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އާއިލާގެ މީހުން އެއްވާން ފެށިއެވެ. ނިޔާވި މީހާގެ އަންހެނުން (އެ ދަރިފުޅުގެ މަންމަ) މައްޔިތާގެ ކައިރިއަށް ގޮސް، ރޮމުން ކުށަށް މާފަށް އެދެން ފެށިއެވެ. އަދި އޭނާއަށް ފިރިމީހާއަށްޓަކައި މާބޮޑު ކަމެއް ކޮށްނުދެވުނު ކަމަށް ބުންޏެވެ. އެވަގުތު، އެންމެންގެ ކުރިމަތީގައި ދަރިފުޅު އޭނާގެ އަމިއްލަ މަންމަ ބޭޒާރުކޮށްލަމުން ބުންޏެވެ: “މަންމާ، ހުއްޓާލާ. ތިހެން ނަހަދާ. އެއީ މައްސަލައެއް ނޫން، މަންމަ އޭނާއަށް އަޅައެއް ނުލަމެއްނު. އޭނާ ދެ މަސް ދުވަހު ހޮސްޕިޓަލުގައި އޮތްއިރު ބަލާލަންވެސް މަންމަ ނުދަމެއްނު.”

އަވީގެ ހޫނުގެ ތެރޭގައި މި އާއިލީ ޑްރާމާ ހިނގަމުން ދިޔައިރު، ޝައިޚް މައްޔިތާގެ ހަށިގަނޑުގައި އަތްލެއްވިއިރު، ހަށިގަނޑުން އާދަޔާޚިލާފު ހޫނެއް އިޙްސާސްވިއެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއް ޝައިޚް ހަނދާންކުރެއްވިއެވެ. އެއީ: “މައްޔިތެއްގެ ކަށި ބިންދާލުމަކީ ދިރިހުރި މީހެއްގެ ކަށި ބިންދާލުން ފަދަ ކަމެކެވެ” — މާނައަކީ މަރުވުމަށްފަހުވެސް ހަށިގަނޑަށް އެންމެ ފުރިހަމަ އިޙްތިރާމާއި އަޅާލުން ހައްޤުވެގެންވެއެވެ. ނަމަވެސް މި އާއިލާއިން އެވަގުތު ބޭނުންކުރީ ކުޅިވަރަކަށެވެ.

ދެން ޝައިޚް އެ ގޭގެ ވަށައިގެން ބައްލަވާލެއްވިއިރު، ހިތްދަތި މަންޒަރެއް ފެނުނެވެ. މުޅި ވިލާ ތެރޭގައި ހުރީ ތަޢުޒިޔާ ކިޔަން އަންނަ މީހުންނަށް ގޮނޑި ޖަހާފައެވެ. އަދި ގޭގެ ދޮރުމަތިން ފެށިގެން ގޮސް އެންމެ ފަހަތަށް ބޮޑު ބުފޭ މޭޒެއް ތައްޔާރުކޮށްފައި ހުއްޓެވެ. ޝައިޚް އެ ގޮނޑިތަކުގައި އަތްލެއްވިއިރު، ގޮނޑިތަކުގައި ހުރީ ބޯ ދޫލައެއް ފަދައިން ހިރަފުސް ބެދިފައެވެ. އެހިސާބުން ޝައިޚަށް ވިސްނުނީ، އެ ދަރިފުޅު އެ ގޮނޑިތައް ގަނެ، ތައްޔާރުކުރީ މީގެ ދެ މަސް ކުރިން ބައްޕަ ދިރިހުއްޓާ ކަމެވެ. އެމީހާ ދެ މަސް ވަންދެން ޝައިޚަށް ގުޅީ ބައްޕައަށް ކަންބޮޑުވެގެންނެއް ނޫނެވެ. އޭނާ ހުރީ ބައްޕަ މަރުވެ، އޭނާގެ ބޮޑު މުއްސަނދިކަމާއި މުދާވެރިކަން މިލްކުވާނެ ދުވަހަކަށް ކެތްމަދުވެފައެވެ.

ޖެހިގެން އައި ދުވަހު ޝައިޚް ތަޢުޒިޔާގެ ހަފުލާއަށް ވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭނާގެ މުޅި ޙަޔާތުގައިވެސް ކައިވެނި ޕާޓީއެއްވެސް ދެކެވަޑައިނުގަންނަވާހާ ކުލަގަދަކޮށް އެ ޖަނާޒާގެ ކަންކަން ހުއްޓެވެ. ތަފާތު ވައްތަރުގެ މަހާއި، މަހުގެ ބާވަތްތަކާއި، ސީފުޑް އަދި ފޮނިކާތަކެތި ހިމެނޭ ބޮޑު ބުފޭއެއް ހުއްޓެވެ. މީހުން ތިބީ ހިތާމަވެރި މާޙައުލެއްގައި ތިބޭ ފަދައިންނެއް ނޫނެވެ. އެމީހުން ކެއުމާއި، ސަކަރާތްޖެހުމާއި، ހީނ ހެދުމުގައި އުޅުނީ އުފާވެރި ފެސްޓިވަލެއްގައެވެ.

މިކަން ހައްތާވެސް ގޯސްވީ ޖެހިގެން އައި ދުވަހުއެވެ. އެ އާއިލާއިން ނޫހެއްގެ މުޅި ސަފުހާ ފުރާ އެމީހުންގެ އާއިލާގެ ނަމުގައި ތަޢުޒިޔާގެ ބޮޑު އިޝްތިހާރެއް ޖެހިއެވެ. ޝައިޚް ފާހަގަކުރެއްވި ގޮތުގައި، އެ ޚާއްޞަ ނޫހުގެ ފަހު ސަފުހާ އެއްކޮށް ގަނެގެން އިޝްތިހާރު ޖެހުމަށް ބައި މިލިއަން ސައުދީ ރިޔާލަ ޚަރަދުވެއެވެ. މި މީހުން ތިބީ އެމީހާގެ މުދާގަނޑަށް ވެރިވެގަނެ، އެކަން ފާހަގަކުރަން ތައްޔާރަށެވެ.

އަހަރެމެންގެ އަމިއްލަ އާޚިރަތަށްޓަކައި މަސައްކަތްކުރާ ބަޔަކު ކަމުގައި އަހަރެމެން ލެއްވުމަށް މާތްﷲ ގެ ކިބައިން އެދެމުއެވެ. އެ ނިޔާވި މީހާ އޭނާގެ ޙަޔާތުގައި ކުރީ ކޮންކަމެއްކަމެއް — އޭނާ މިސްކިތް ބިނާކުރި ކަމެއް، މީހުންނަށް އެހީވި ކަމެއް، ނުވަތަޞަދަޤާތް ދިން ކަމެއް — ދެނެވޮޑިގެންވަނީ މާތްﷲ އެވެ. ނަމަވެސް އަހަރެމެން ދިރިތިއްބާ، އަހަރެމެންގެ މުދަލާއި ނިޢުމަތްތައް ބޭނުންކޮށްގެން މާތްﷲ އާ ކުއްތަންވުމަށް މަސައްކަތް ކުރަންޖެހެއެވެ. އަހަރެމެން މަރުވުމަށްފަހު، އަހަރެމެންގެ ދަރިން، އާއިލާ ނުވަތަ ތިމާގެ މީހުން އެކަންކަން ކޮށްދޭނެ ކަމަށް ބަލައިގެން ތިބެގެން ނުވާނެއެވެ. މިއިން ޢިބުރަތް ލިބިގަންނަ ބަޔަކު ކަމުގައި އަހަރެމެން ލައްވާށިއެވެ. އާމީން.

އިސްލާމް ވުމުން ގެއިންނެރެ ބޭރުކޮށްލީ

އާލިޔާ އުމް ރައިޔާން އިސްލާމްވީ މީގެ 23 އަހަރުކުރިންނެވެ. އިނގިރޭސިވިލާތުގައި ދީނީ ދަޢުވަތު ފެތުރުމުގައި މަސައްކަތް ކުރާތާ 20 އަހަރުވެއްޖެއެވެ. އޭނާއަކީ ޔޫޓިއުބްގައި ޝޯއެއް ހޯސްޓްކުރާ ޕްރެޒެންޓަރެކެވެ. “ރަމަދާން ރިފްލެކްޝަންސް” މި ނަމުގައި މިއަހަރު އޭނާ ލިޔެ ޝާއިޢުކުރި ފޮތެއް އެމޭޒަންއިން ވަރަށް ގިނަ ބަޔަކުގަނެ، އެ ފޮތަކީ ޕެންގުއިން ޕަބްލިކޭޝަންގެ އެންމެ މަޤުބޫލު އެއް ފޮތަށް ވަނީވެފައެވެ. އަދި “ސޮލޭސް ޔޫކޭ” މި ނަމުގައި، އަލަށް އިސްލާމްވާ ފަރާތްތަކަށް އެހީތެރިވުމަށް ޚާއްޞަ މަދަނީ ޖަމިއްޔާއެއްވެސް އޭނާވަނީ އުފައްދާފައެވެ. މިއީ އޭނާގެ ޙަޔާތުގެ ވާހަކައެވެ. ވިދާޅުވާށެވެ

އަހަރެންނަކީ އިރުމަތީ ލަންޑަނަށް އުފަން މީހަކީމެވެ. އަހަރެން ބޮޑުވަމުން އައީ މުސްލިމު ސަރަހައްދެއްގައެވެ. އެއީ ބަންގްލަދޭޝް މީހުންވެސް ހިސާބަކަށް ގިނަ ސަރަހައްދެކެވެ. އަހަރެންގެ މަންމައަކީ އިޓަލީ މީހެކެވެ. ބައްޕައަކީ ހުޅަނގު އެފްރިކާގެ ނައިޖީރިއާ މީހެކެވެ. ﷲ ގެ ރަޙްމަތަށް އެދިގެން އަހަރެން ކުރި ދަތުރަކީ ހިތްދަތި އަދި ވޭނީ ދަތުރެކެވެ

އަހަރެން އުފަންވީ ކްރިސްޓިއަނެއްގެ ގޮތުގައެވެ. އުޅެ ބޮޑުވަމުން އައީވެސް އެގޮތުގައެވެ. އެންމެ ކުރީއްސުރެވެސް ކޮންމެވެސް ކަލަކު ވާކަމަށް އަހަރެން ޤަބޫލުކުރީމެވެ. ކްރިސްޓިއަން ދީނުގެ ބައެއް މުހިއްމު އަޤީދާތަކަކީ އަހަރެންގެ ވިސްނުމާ ބީރައްޓެހި އަޤީދާތަކަކަށް ވާން ފެށީ އަހަރެންގެ ވަރަށް ޅައުމުރުގައެވެ. އަހަރެންގެ ކާފައަކީ މުސްލިމެކެވެ. އަހަރެންގެ ބައްޕަވެސް އުފަންވީ މުސްލިމެއްގެ ގޮތުގައެވެ. އަހަރެން އުފަންވުމުގެ މާކުރިން އަހަރެންގެ ކާފަ ނިޔާވުމުން ބައްޕަ އިސްލާމްދީން ދޫކޮށްލިއެވެ. މިހެންކަމުން އަހަރެންގެ މަންމަ އާ ލަންޑަނުން ދިމާވެ ކާވެނި ކުރިއިރު ބައްޕައަކީ މުސްލިމެއްނޫނެވެ. ކުރިންވެސް ބުނިގޮތަށް ކްރިސްޓިއަން ދީނުގެ މުހިއްމު އަޤީދާތަކާމެދު އަހަރެން ސުވާލު އުފެއްދީމެވެ. ކަލާނގެ ދަރިކަލަކަށް އަޅުކަން ކުރަންޖެހީ ކީއްވެކަމެއް އަހަރެންނަށް ސާފެއްނުވިއެވެ

އަދި ބައެއް ހާލަތުތަކުގައި ކަލާނގެ ދަރިކަލުންނަކީ ކަލާނގެއަށް ވާގޮތެއްވެސް ނޭނގެއެވެ. މި ސުވާލުތައް އެއްދުވަހަކު ފައްޅީގައި އަހަރެން ފާދިރީއާ ސުވާލުކުރީމެވެ. އޭނާ ސީދާ ޖަވާބެއް ނުދެއެވެ. ބުނިހާވެސް އެއްޗަކީ “އީމާންކަމުގައި ދެމިހުންނާށޭ!” މިހެންނެވެ. މިހެންކަމުން އަހަރެންފަދަ އިންސާނަކަށް އަޅުކަން ކުރުމަކީ އަހަރެންގެ ޒަމީރު ޤަބޫލުކުރެވޭ ކަމަކަށް ނުވިއެވެ. އަހަރެން ދިރިއުޅޭ ގޭގެ ސަރަހައްދަކީ މުސްލިމުން އުޅޭ ސަރަހައްދެއް ކަމުން އެ ސަރަހައްދުގައި މުސްލިމުން އަޅުކަން ކުރާ ނަމާދުގެއެއް ކަހަލަ ތަނެއް ހުރެއެވެ. އެއީ ދަގަނޑު ކޮންޓެއިނާއަކުން ހަދާފައިވާ ކުޑަ ތަނެކެވެ. އެތަނަށް މުސްލިމުން ވަދެ، ރުކޫޢުކޮށް ސަޖިދަކުރާ ތަން ކޮންމެ ދުވަހަކުވެސް އަހަރެންނަށް ފެނެއެވެ. އޭރު އަހަރެންގެ އުމުރަކީ 8 އަހަރެވެ. އަހަރެންގެ ގޭގެ ކުޑަދޮރުގައި ދެއަތް އަޅައިގެން އޮވެ މި މަންޒަރުތައް އަހަރެން ކޮންމެ ދުވަހަކުވެސް ބަލަމެވެ. މިކަމަކީ އަހަރެން ވަރަށް ޝައުޤުވެރިވާ ކަމަކަށް ވެއްޖެއެވެ

އަހަރެންގެ މަންމައާއި ބައްޕަގެ ގުޅުން ގޯސްވެ ގަޔަށް އަތްލާ މާރާމާރީވެސް ބައެއް ފަހަރު ހިންގައެވެ. މިފަދަ ދުވަހެއްގައި މަންމައާއި ބައްޕަ ޒުވާބުކޮށް މާރާމާރީ ހިންގަނިކޮށް ފެނިގެން އަހަރެން ބާރަށް ގޮސް އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަނީ ސިޓިންގ ރޫމްގައި އޮތް (ޕާކިސްތާނުގެ ރައްޓެއްސަކު މަންމައަށް ދިން) ޝޯލްއެއް ހިފައިގެންނެވެ. އެ ޝޯލް ކޮޓަރީގެ ތަޅުންގަނޑު މަތީގައި ބައްވާފައި ސަޖިދައެއް ޖެހީމެވެ

އަދި ސަޖިދައިގާ އަހަރެން ބުނީމެވެ. “ކަލާނގެއެވެ. އެމީހުންގެ ޒުވާބު ހުއްޓުވާދޭށެވެ!” އަހަރެން ސަޖިދަކުރިޔަސް އަހަރެންގެ ތުއްތުކަމާއެކު، މި ކުރެވެނީ ކީއްކަމެއް ނޭނގެއެވެ. ނަމަވެސް އެއީ އެއްކަލަ “ކޮންޓެއިނާ މިސްކިތުން” ފެންނަ މަންޒަރު ކޮޕީ ކޮށްލީއެވެ. އަދި އެގޮތަށް ސަޖިދަކޮށް މަންމައާއި ބައްޕަގެ ގުޅުން ރަނގަޅުވުމުގެ އުންމީދެއްގައެވެ. އޭގެ 2 އަހަރުފަހެވެ. އެއްދުވަހަކު އަހަރެން ގެއަށް އައިތަނުން ސްކޫލުން ލިބުނު ޚަބަރަކީ އަހަރެންގެ ކްލާސް ކުއްޖަކު މަގުމަތީގައި ހުއްޓާ ބޮޑު ޓްރަކަކުން ޖެހި މަރުވި ވާހަކައާއި ޖަނާޒާ އޭގެ ދެތިން ދުވަސް ފަހުން އޮންނާތީ ހުރިހާ ކުދިންވެސް ޖަނާޒާއަށް އައުމަށެވެ. އެއީ މުސްލިމް ކުއްޖެކެވެ. މަންމަ ކައިރީގައި އާދޭސް ކުރުމުން ޖަނާޒާއަށް ދިޔުމުގެ ހުއްދަ ދިނެވެ. އަހަރެންނަކީ އެ ޖަނާޒާއަށް ދިޔަ މުސްލިމް ނޫން ހަމައެކަނި އަންހެން ކުއްޖާއެވެ. އަހަރެން ޖަނާޒާގައި ބައިވެރިވީ އަހަރެންގެ ރައްޓެހި ސޯމާލިޔާގެ މުސްލިމް ކުއްޖެއް ކަމަށްވާ ލައިލާ އަތުން ހޯދި ޝޯލެއް ބޮލުގައި އޮޅައިގެންނެވެ. ޖަނާޒާ އޮތީ އީސްޓް ލަންޑަން މޮސްކް ގައެވެ. އެ މިސްކިތުގައި މެންދުރު ނަމާދާއި ކަށުނަމާދުވެސް އަހަރެން (އެހެން މީހުން ކުރާގޮތް ބަލައިގެން) ކުރީމެވެ. ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރުމުން އަހަރެންނަށް ލިބުނު ހިންހަމަޖެހުން ބުނެދޭންވެސް ނޭނގެއެވެ

މަންމައާއި ބައްޕަގެ އަރައިރުމަށް ބަދަލެއް ނައެވެ. ވީ ގޯހެވެ. ގެވެށި އަނިޔާވެސް ވީ އިތުރެވެ. މިކަންކަމުން ނަފްސާނީގޮތުން އަހަރެން ބަލިކަށިވެ ސިކުނޑި ފަޅައިގެންދާ ވަރުވަނީ ވެފައެވެ. އަހަރެން ސާނަވީ ތައުލީމަށް ބަދަލުވިއިރު އަހަރެންގެ ކްލާހުގައި ތިބި މުސްލިމް ކުދިންގެ ތެރެއިން އެއް ކުއްޖަކީ އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއަކު ކަމުގައި ވެއްޖެއެވެ. އޭނާއަކީ ބަރާބަރަށް ނަމާދުކުރާ “ނަމޫނާ” މުސްލިމެކެވެ. އޭނާގެ ގޭގައިވެސް މައިންބަފައިން ގެ ގުޅުން ހަމަ އަހަރެންގެ މައިންބަފައިންގެ ހާލަތާ ގާތްގަނޑަކަށް އެއްގޮތެވެ. ބައެއް ފަހަރު މާގޯހެވެ. އޭނާގެ މަންމައަށް އަނިޔާކުރުމަކީ ކޮންމެ ދުވަހެއްގެވެސް އާދަޔަށް ވަނީ ވެފައެވެ. ނަމަވެސް މި ރަހުމަތްތެރިޔާ ހުންނަނީ ވަރަށް ހަމަޖެހިގެންނެވެ. އޭނާ ހުންނަނީ އަހަރެން ފަދައިން ނަފްސާނީގޮތުން ބަލިކަށިވެ އަބަދު އެކަމާ ވިސްނާކަށްނޫނެވެ. މިކަމާ ބެހޭގޮތުން އޭނާއާ ސުވާލުކުރުމުން ބުނީ “މިކަންކަމުން ތިމަންނަގެ ހިތައް ވެރިވާ ނުތަވަސްކަމުން އަރައިގަތުމަށް ބޭނުންކުރަނީ އަހަރެންގެ އީމާންކަން” މިއެވެ

އިސްލާމް ދީނާބެހޭގޮތުން އަހަރެން ފޮތްތައް ކިޔަން ފެށީމެވެ. ކެސެޓް ޓޭޕްތައް ގަނެގެންވެސް އަޑުއަހަން ފަށައިފީމެވެ. ނަމަވެސް އިސްލާމް ދީނަކީ “ކަޓު” އަދި އަންހެނުންނަށް އަނިޔާވެރި ދީނެއްކަމަށް އަހަރެމެންފަދަ ޣައިރު މުސްލިމުން އޮންނަނީ ޤަބޫލުކޮށްފައެވެ. އަހަރެންގެ މުސްލިމް ރަހުމަތްތެރިޔާއާ ގަވާއިދުން ވާހަކަދައްކާ، ޓޭޕްތައް އަޑުއެހުމުގެ ނަތީޖާއެއްގެ ގޮތުން، އިސްލާމް ދީނަކީ ޙައްޤު ދީންކަމަށް އަހަރެންނަށް ޤަބޫލުކުރެވެން ފެށިއެވެ. އަދި ޤުރުއާނުގެ ސައިންޓިފިކް ހެކިތައް ފެންނަން ފެށިއެވެ. އަހަރެންނަކީ ކުޑައިރުން ފެށިގެންވެސް އަހަރެން ޤަބޫލުކުރާ ކަމެއްގެ މަތީގައި ސާބިތުވުމަށް 150 އިންސައްތައިގެ ހިތްވަރެއް ލާ މީހަކީމެވެ

އެހެންކަމުން އަހަރެންނަށް ބޮޑު ބަދަލެއް އަންނަކަން އެނގި އެކަމަށް ތައްޔާރުވާން ފެށީމެވެ. ނަމަވެސް މިގޮތަށް ފޮތްތައް ކިޔައި، ޓޭޕްތައް އަޑުއަހައި ޤުރުއާން ތަރުޖަމާ ކިޔަން ފެށިނަމަވެސް އަހަރެންގެ ޅަކަމާއެކު މިކަންކަމަކީ އަހަރެންގެ ކުޑަ ސިކުނޑިއަށް ނަގައިގަނެވޭ ކަމަކަށްވުރެ ބޮޑު ކަމަކަށްވެއްޖެއެވެ. “ބޯގޮވާފައިވާ” މީހެއް ފަދައިން ސިކުނޑި ބަރުވުމުން އެކަންކަން ހުއްޓާލީމެވެ. އަދި އިސްލާމްދީނާމެދު ވިސްނުންވެސް ހުއްޓާލީމެވެ. އަދި ލައިލާ އާއި މުސްލިމު ރަހުމަތްތެރިންނާވެސް ގުޅުން ކަނޑާލީމެވެ. މިގޮތުން އެއްދުވަހަކު އަހަރެން އިމްތިހާނަށް ފިލާވަޅު ދަސްކުރުމަށް އިންދާ (ގޮތްނޭނގޭ އިހްސާސްތަކެއްވެ) ފިލާވަޅަށް ދޭ ސަމާލުކަން އެއްކޮށް ހުއްޓުނެވެ

މިކަމާހެދި، ހަމަޖެހުމެއް ލިބޭތޯ މަގުމަތީގައި ހިނގާލާ ވައިޖައްސާލުމުގެ ނިޔަތުގައި ގެއިން ނުކުތީމެވެ. އެއީ ކޮންމެ ދުވަހަކުވެސް އަހަރެން ހިނގާ މަގެވެ. ޓްރެފިކް ލައިޓް ކައިރީގައި ފެހި ބޮކި ދިއްލެންދެން ހުރީމެވެ. ފެހި ބޮކި ދިއްލުމުންވެސް އަހަރެންނަށް މަގު ހުރަސްނުވެ “ގަބުވެފައި” އެތާ ހުރެވުނީއެވެ. އެތައް އިރަކު އެހެން ހުރުމަށްފަހު ގެއަށްގޮސް އަހަރެން ލައިލާއަށް ގުޅީމެވެ. އަދި އަހަރެން އިސްލާމް ވާން ބޭނުންކަމަށް ބުނީމެވެ. އެއީ ހަފްތާ ބަންދެވެ. ޖެހިގެން އައި ހޯމަ ދުވަހު ޝަހާދަތްކިޔައި އިސްލާމްވީމެވެ. އަލްޙަމްދުލިއްލާހިއެވެ!އިސްލާމްވުމާ ގުޅިގެން އަހަރެންނަށް ކުރިމަތިވީ ބޮޑު ގޮންޖެހުމެކެވެ. އިސްލާމްވެ ބުރުގާ އަޅައިގެން ގެއަށްގޮސް ދޮރުގައި ޓެކި ޖެހުމުން ދޮރު ހުޅުވާފައި މަންމައަށް މި މަންޒަރު ފެނި އެތައް ސުވާލެއްކުރިއެވެ. އަހަރެންނަކީ މިހާރު މުސްލިމެއްކަމަށް ބުނީމެވެ. ނަމަވެސް މަންމަ އައީ ރުޅިއެވެ. އަހަރެންގެ އާއިލާއާ ދުރުވިއެވެ. ރަހުމަތްތެރިން ގެއްލުނެވެ. އެހާ ޅައުމުރުގައި އެކަނިވެރިވިއެވެ. އޭރު ބައްޕަ ވަރިކޮށްފައި ދިޔުމާ ގުޅިގެން މަންމަ އުޅުނީ އެހެން މީހަކާ ރައްޓެހިވެގެންނެވެ. އޭނާއަކީ އިސްލާމްދީނަށް ވަރަށް ވަރަށް ނަފުރަތު ކުރާމީހެކެވެ. މުސްލިމަކަށްވީތީ އަހަރެން ދެކެ އަންނަ ރުޅީގެ ހަމަލާތައް އަހަރެންނަށް އޭނާ އަމާޒުކުރަނީ މަންމަ ލައްވައެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 17 އަހަރެވެ. އެއް ދުވަހަކު މަންމަ އަހަރެންނާ ދިމާލަށް ބުންޏެވެ. “އަހަރެން އަހަރެންގެ ޒިންމާ އަދާކޮށްފީމެވެ. މިއަދުން ފެށިގެން މިއީ ކަލޭގެ މަންމައެއްނޫނެވެ. މިގެން ނިކުމެގެންގޮސް އަމިއްލައަށް ދިރިއުޅޭށެވެ.” އެއީ ވަރަށް ހިތްދަތި ދުވަހެކެވެ. އެހާ ޅައުމުރުގައި މަންމަ އަމިއްލައަށް ދޫކޮށް އެއްލާލުމުން ހިތައް ކުރާނެ ހިތްދަތި އަސަރު ވިސްނާލާށެވެ. އެއީ ހިތައް ވަރަށް ވަރަށް ތަދުވި ދުވަހެކެވެ.

އޭގެ ފަހުން ވަޒީފާއެއް ހޯދައިގެން އެކަނި ދިރިއުޅެން ޖެހުނެވެ. އަދި އެހެން ގިނަ (މިތަނުގައި ކިޔައިނުދެވޭފަދަ) ހިތްދަތި ކަންތަކާވެސް ދިމާވިއެވެ. އަހަރެން އިސްލާމްވީ އިސްލާމީ ގުރޫޕެއްގެ ރައްޓެހިކަމާއެކުގައެވެ. ނަމަވެސް އިސްލާމީ އެހެން ފިކުރެއްގެ ގުރޫޕަކާވެސް އަހަރެންނާ ގުޅުން ބަދަހިވެއްޖެއެވެ. މި ދެބައިމީހުންގެ މެދުގައި އެކި ފަހަރު އުޅެންޖެހުމުން ޙައްޤު ރަނގަޅު ގޮތްތަކީ ކޮބައިކަންވެސް ވަކިނުވާން ފެށިއެވެ. އަދި މިގޮތަށް އެކަނި އުޅެންޖެހި މި ހިތްދަތިކަން ވެރިވެ ބަލިވެއްޖެއެވެ

ހޮސްޕިޓަލްގައި އެޑްމިޓްވެސް ކުރިއެވެ. އެނހިދު މަންމައަށް ގުޅާފައި ބުނީމެވެ. “މަންމާއެވެ. އަހަރެން ގެއަށް ގެންދާށެވެ. އަހަރެން އިސްލާމް ދީން ދޫކޮށްލައިފީމެވެ.” އޭގެ ފަހުން ބުރުގާވެސް ނަގައިފީމެވެ. ނަމާދުކުރުންވެސް ހުއްޓާލީމެވެ. މުސްލިމުންނާ އެކު އުޅުންވެސް ހުއްޓާލީމެވެ. މިކަން ކުރިމަތިވީ އިސްލާމީ ހަރުކަށި ބައެއް ކަންކަން އަހަރެންނަށް ތަޖުރިބާ ކުރަންޖެހުމުންނެވެ. ނަމަވެސް އޭރުވެސް އީމާންތެރިކަމުގެ ކުޑަ އުންމީދީ ހުޅުކޮޅެއް އަހަރެންގެ ހިތުގައި ދިއްލިފައިވިއެވެ

އާ ދިރިއުޅުމެއްގައި އާ ވަޒީފާއެއް ހޯދައިގެން ދެތިން އަހަރު އަހަރެން ދިރިއުޅުނީމެވެ. އިސްލާމްދީން ދޫކޮށް، ދީނީ އަޅުކަންތައް ހުއްޓާލުމުން އަހަރެންނަށް ދެން އިހުސާސުވާން ފެށީ ކޮންމެވެސް ކަމެއް މަދުވާކަމުގެ އިހުސާސެވެ. މިގޮތަށް ދުވަސްތައް ފާއިތުވެ، މި އިހުސާސްތައް އުތުރިއަރަން ފަށައިފިއެވެ. މަޑުމަޑުން އިސްލާމްދީނާ ދިމާލަށް އަނެއްކާވެސް ދެވެން ފަށައިފިއެވެ. ބައެއް މީހުން ބުނާތީ އަޑުއަހަމެވެ. ޝަހާދަތް ކިޔުމަކީ އެންމެ ފޮނި އުފާވެރި ވަގުތުކޮޅެވެ. ނަމަވެސް ބުނަންހެއްޔެވެ؟ އެއްވެސް ގުރޫޕެއްގެ ނުވަތަ މީހެއްގެ ޕްރެޝަރަކާ ނުލައި، ޠަބީޢީ ގޮތުން ތިމާ އަމިއްލައަށް ﷲ ވާ ވީ ފަރާތަށް، އިސްލާމްދީނަށް، އަނބުރާ ރުޖޫޢަ ވުމަކީ މާ އުފާވެރި ފޮނި ލައްޒަތެއް ލިބޭކަމެކެވެ. މިގޮތުން އަނެއްކާވެސް (އެފްރިކާ މުސްލިމުން ބުރުގާ އަޅާގޮތަށް) މަޑުމަޑުން ބުރާގާ އަޅައި، ނަމާދުވެސް ކުރަން ފެށިއްޖެއެވެ. މުސްލިމެއްގެ ގޮތުގައި ދެމިހުރީމެވެ

އޭގެ 15 ވަރަކަށް އަހަރު ފަހެވެ. މަންމަ ގުޅިގެން އުޅުނު މީހާއާ ދުރުވެއްޖެއެވެ. އެ ގުޅުމުގެ ނުބައި ނަތީޖާ އާއި އަހަރެންގެ ކުރީގެ ހަނދާންތަކުން އުފެދުނު ޒަހަމްތައް ރަނގަޅުކުރެވޭތޯ މަންމައާ ރަނގަޅު ގުޅުމެއް އުފެއްދީމެވެ. 2015 އައިއިރު އަހަރެން (މަސައްކަތުގެ ގޮތުން) ދިރިއުޅުނީ އުތުރު އެފްރިކާގައެވެ. މަންމަ އުޅުނީ ލަންޑަނުގައެވެ. އެ އަހަރު، އިސްލާމްދީނާ ބެހޭގޮތުން މަންމަ އަހަރެންނާ ސުވާލު ކުރަން ފެށިއެވެ. އަދި މުސްލިމަކަށް ވާން ބޭނުން ވާހަކަވެސް ބުންޏެވެ. އަހަރެންގެ މަންމައަކީ ވަރަށް ގިނައިން ފޮތްކިޔާ، ތާރީޚީ ވާހަކަތަކަށް ވަރަށް ޝައުޤުވެރި މީހެކެވެ. މިގޮތުން ދުވަސްތައް ފާއިތުވެ 2021 ގައި މަންމަ އަށް ޔޫޓިއުބުން (އިސްލާމީ ދަޢުވަތު ފެތުރުމުގައި ވަރަށް މަޝްޙޫރު) ޝެއިޚް ޚާލިދު ޔާސީންގެ ދަރުހެއް ފެނުނެވެ. އެއީ “ދަ ހިސްޓޯރިކަލް ޖީސަސް” މި ނަމުގައި ޝެއިޚް ދެއްވި ދަރުހެކެވެ. އޭގެ އިތުރަށް ޝެއިޚްގެ ދަރުހަކަށްފަހު ދަރުހެއް ބެލިއެވެ. މި ދަރުސްތައް މަންމައަށް ވަރަށް ކަމުދިޔައެވެ. އެއްދުވަހަކު އަހަރެންނަށް ގުޅާފައި ބުނީ ތިމަންނައަށް އެއީ ކާކުކަމެއް ނޭނގޭކަމަށާއި ނަމަވެސް އެމީހާ އެ ދައްކާ ވާހަކަތައް އެ ދައްކަނީ ސީދާ ތިމަންނަގެ ފުރާނަޔާ ކަމަށެވެ. އަދި އޭނާއަކީ ވަރަށް މައުލޫމާތު ހުރި މޮޅު މީހެއްކަމަށާއި ތާރީޚު ދަންނަ މޮޅު ވާހަކަދެއްކުންތެރިއެއް ކަމަށެވެ. އަސަރާއި ސައިންޓިފިކް ހެކި އެ ވާހަކަތަކުގައި އެބަހުރިކަމަށާއި އޭނާ އާ ބައްދަލުކުރަން ބޭނުންކަމަށެވެ

މަންމަ މިހެން ބުނުމުން ޝެއިޚްއާ ދިމާވޭތޯ އަހަރެންނަށް އެނގޭ އެންމެނަށް މެސެޖްކުރީމެވެ. އެތަނުން އެކަކު އަހަރެންނަށް ފޮނުވީ ޝެއިޚްގެ ފޭސްބުކް ޕޭޖްގެ ލިންކެކެވެ. އެ ޕޭޖުން ޝެއިޚް ޚާލިދު ޔާސީންގެ އީމެއިލެއްކަމަށް ފެނުނު މެއިލް އެޑްރެހަކަށް އަހަރެންގެ މަންމަގެ ވާހަކަތައް ބަޔާންކުރުމަށްފަހު އީ-މެއިލެއް ކުރީމެވެ. ތިޔަ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ޝެއިޚް ޚާލިދު ޔާސީން އަކީ ވަރަށް ބިޒީ ބޭފުޅެކެވެ. ޝެއިޚްގެ އިންބޮކްސްއަށް މެއިލް ހިނގައިދާނެކަމަށްވެސް އަހަރެން އުންމީދުނުކުރަމެވެ. އަދި އަހަރެން ހީކުރީ އެ މެއިލް ދާނީ ސްޕޭމް/ޖަންކް ބޮކްސްއަށް ކަމަށެވެ. ނަމަވެސް ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ. އޭގެ ބަރާބަރު 20 މިނެޓް ފަހުން ޝެއިޚް އަހަރެންނަށް ރިޕްލައި ކުރިއެވެ. އަދި ފަހުން އަހަރެންނަށް ގުޅިއެވެ

މަންމަގެ މާޒީ އާއި އިސްލާމް ދީނާ ބެހޭގޮތުން މަންމަ ކުރިން ދެއްކި ވާހަކަތަކާއި މިހާރު މަންމައަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން ޝެއިޚްއާ ވާހަކަ ދެއްކީމެވެ. އަހަރެން ބުނީމެވެ. “ޝެއިޚް ވަރަށް ބިޒީކަންވެސް އެނގެއެވެ. ނަމަވެސް އަހަރެންގެ މަންމައާ ވާހަކަދައްކާ ދީބަލާށެވެ”. ޝެއިޚް އެއްބަސްވިއެވެ. އަދި މަންމަގެ ނަމާ ބެހޭގޮތުން ސުވާލުކުރިއެވެ. އަހަރެން ބުނީމެވެ. “މަންމައަށް ކިޔަނީ އިޓަލީ ބަހުންނަމަ ޖޯސެޕީނާ އެވެ. ނަމަވެސް ޔޫރަޕިއަން އާންމު ބަހުންނަމަ ޖޯސެފީންނެވެ”. މި ނަމުގެ ޢަރަބި މާނަ ޝެއިޚް ބުންޏެވެ. ޝެއިޚް ބުނިގޮތުންނަމަ ޝެއިޚްގެ މަންމަ މިހާރު ވަރަށް މުސްކުޅިވެ ވަރުދެރަ ކަމަށާއި ނަމަވެސް އަހަރެންގެ މަންމަ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިސްލާމްވާނެއެވެ

ވީޑިއޯތައް ކަމުދިޔަނަމަވެސް އިސްލާމް ދީން ކުއްލިއަކަށް ގަބޫލުނުކޮށްފާނެތީ، ކޮންމެވެސް ދިރާސާއެއްކުރުމުގެ ބޭނުމުގައި މަންމައާ ދެތިން ސުވާލެއް ކުރުމަށް ބޭނުންވާ މީހަކު ހުރި ވާހަކަ ބުނުމަށް ޝެއިޚް އެދުނެވެ. އަދި ނަން ނުބުނުމަށްވެސް ޝަރުޠު ކުރިއެވެ. މަންމަ ކައިރީގައި އެވާހަކަ ބުނުމުން “އެމީހާ” އާ ޒޫމް މެދުވެރިކޮށް ވާހަކަ ދެއްކުމަށް އެއްބަސްވިއެވެ. އެ މީހާ އަހަރެން ކައިރީގައި މަންމަގެ ނަމުގެ ޢަރަބި މާނަ ބުނިވާހަކަވެސް ބުނީމެވެ. އެހިސާބުން މަންމައަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. ވީ ކިހިނެއްތޯ އެހުމުން މަންމަ ބުންޏެވެ. “ކޮންމެވެސް އިއްތިފާގެއް އެބަ ކުރިމަތިވެއެވެ. ސީދާ މިއަދު ހެނދުނު އަހަރެންގެ ރައްޓެއްސަކު ކައިރީގައި އަހަރެންގެ ނަމުގެ ޢަރަބި މާނަ ބަލައިދިނުމަށް އެދުނީމެވެ. މިހާރު ދަރިފުޅު ތިޔަ ބުނަނީ އެވާހަކައެވެ. ހައިރާންވީ އެކަމާއެވެ

ކޮންމެއަކަސް ޒޫމް މެދުވެރިކޮށް ޝެއިޚްއަށް ގުޅީމެވެ. އެއީ ޝެއިޚް ޚާލިދު ޔާސީން ކަމެއްވެސް ނުބުނަމެވެ. އަހަރެން ބުނީ ދިރާސާ ކުރާ މީހެއްކަމަށެވެ. އަހަރެން އެ ކޯލް ރިކޯޑްވެސް ކޮށްފައިވާނެއެވެ. ޝެއިޚް ވީޑިއޯ ނުޖައްސައެވެ. އަޑުން އެއީ ކާކުކަމެއް މަންމައަށް ރަނގަޅަށް ނޭގުނެވެ. ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އިސްލާމް ދީނާ ބެހޭގޮތުން މަންމަ ކުރި ސުވާލުތަކަށް ޝެއިޚް ޖަވާބުދެއްވި ސާބިތުކަމާ މޮޅުކަމުން މަންމަ އަށް އަސަރުތަކެއްކުރިއެވެ. އެ ކޯލް ނިމުނު އިރު ޝެއިޚްގެ މަސައްކަތުން މަންމަ އިސްލާމް ދީން ޤަބޫލުކުރާކަން ފާޅުކުރިއެވެ. އަދި ކީރިތި ރަސޫލާ އަކީ ﷲ ގެ ރަސޫލާކަމަށްވެސް ޤަބޫލުކުރިއެވެ

ހުރިހާ ވާހަކައަކަށްފަހު ޒޫމް ކޯލް ނިންމާލުމުގެ ކުރިން ޝެއިޚް ބުންޏެވެ. “SKY” ގެ ދިގުގޮތް އެނގޭތަ؟” ނޭނގެއޭ ބުނުމުން ޝެއިޚް ބުންނެވެ. އޭގެ ދިގުގޮތަކީ Sheikh Khalid Yasin އެވެ. މަންމައަށް ރަނގަޅަށް އަޑު ނީވުމުން ޝެއިޚް ތަކުރާރުކޮށް އެހެން ބުންޏެވެ. ވަގުތުން މަންމައަށް އެނގިއްޖެއެވެ. އަދި ބުންޏެވެ. “ތިއީ ޝެއިޚްކަން ކުރިން އެނގުނުނަމަ ކޮންފަދަ ހެއްޔެވެ؟ ހަމަ ރަނގަޅަށްތަ؟ ޤަބޫލުވެސް ނުކުރެވެއެވެ

އޭގެ ފަހުން ޝެއިޚްއާ އެކު ޒޫމް ބައްދަލުވުންތަކެއް ބޭއްވީމެވެ. އަދި މަންމަ އިސްލާމްވިއެވެ. އަލްޙަމްދުލިއްލާހިއެވެ. އިސްލާމްވުމަކީ ހަގީގަތުގައި އަހަރެމެންނަށް މިނިވަންކަން ލިބުނެވެ. ބުރާ އެޅުމާއި ގަޔަށް ދޫ ހެދުން ލުމުން އަހަރެމެންނަށް އަހަރެމެންގެ ހަޤީގީ މިނިވަންކަން އިޙްސާސްވާންފެށިއެވެ. ގަޔަށް ބާރު އެއްޗެހި ލައިގެން އަންހެނުން އުޅެނީ ހަޤީގަތުގައި އެހެން ބައެއްގެ އަޅުވެތިކަމުގައެވެ. އެމީހުން ދަތުރުކުރަނީ ނުބައި މިސްރާބަކަށެވެ. އެއީ މުއްސަނދިކަން ހޯދުންނަމަވެސް، ހިތްއެދޭ ލައްޒަތެއް ހޯދުން ނަމަވެސް ހަގީގަތުގައި އެދެވެނީ ބައެއްގެ އަޅުވެތިކަމާ ދިމާލަށެވެ. ނަމަވެސް އަހަރެން ބޭނުންވަނީ އަހަރެން އުފެއްދެވި އަދި އަހަރެން އެ ފަރާތަކަށް ރުޖޫޢަ ވާނެ ފަރާތުގެ އަޅުވެތިކަމުގައި ހުންނާށެވެ. ރަސޫލާ ހަދީސް ކުރައްވާފައިވާގޮތުން އެންމެ ބޮޑަށް ލޯބިވެ އަޅާލަންޖެހެނީ މަންމައަށެވެ. ދެންވެސް މަންމައަށެވެ. ދެންވެސް މަންމައަށެވެ. މިއިން ދޭހަކޮށްދެނީ އިސްލާމް ދީނުމުގައި އަންހެނާއަށް ދީފައިވާ މަޤާމެވެ. ވަކި ޙުދޫދެއްގައި އަބުރާއި ޢިފްޢަތްތެރިކަން ރައްކާތެރިކޮށްގެން ހުރުމަށް ރަސޫލާ އަންގަވާފައިވަނީ އަންހެނުންގެ ރައްކާތެރިކަމަށެވެ

އެކަލޭގެފާނުގެ ބަސްފުޅުތަކުން އަންހެނުން ސިފަކުރައްވާފައިވަނީ “ޖަވާހިރު” ގެ ގޮތުގައެވެ. ޣައިރު މުސްލިމުންނަށް އަހަރެން ބުނެލަން ބޭނުންވަނީ މިފަދައިންނެވެ. “ދިރިއުޅުމުގައި މަޤްޞަދުތަކެއް ވެއެވެ. ކަށަވަރެވެ. މި ދިރިއުޅުމަކީ ދަތިތަކާއި އުނދަގޫތަކުން ފުރިގެންވާ އިމްތިހާނުގެ ގޮވައްޗެކެވެ. ބޭއިންސާފާއި ވޭނާއި ހިތްދަތިކަމާއި ދެރަޔާއި މޮޅިވެރިކަމަކީ މި ދިރިއުޅުމުގެ ބައެކެވެ. މާމެލާމެއްޔަށް ބަލާށެވެ. ކުޑަ އޮށަކުން ހެދުނު ގަހަކުން އެކި ކުލަކުލައަށް ފަރިވެ ފޮޅޭ ރީތި މާމެލާމެލި އުފެދޭ އާދަޔާޚިލާފުގޮތަށް ބަލާށެވެ. އަދި ފިނިމޫސުމް އަންނައިރު މާތަށް މަރުވެ، ގަސްތައް ހިކިވެ، ފަތްތައް ވެރި މޫސުމަށް އަންނަ ބަދަލަށް ވިސްނާށެވެ. ކަނޑެއްގެ ކުރިމަތީގައި ހުރެ އެ ކަނޑަށް ބަލާށެވެ. އެ ކަނޑުގެ ފުންމިނާއި ކަޅުއަނދިރި އެ ކަނޑުގެ އަޑީގައި މަސްމަހާމެއްސާއި ދިރުންތައް އުފެދިފައިވާ ގޮތަށް ތަކުރާރުކޮށް ނަޒަރުހިންގާ ބަލާށެވެ. އެންމެ އާދައިގެ ގަހެއްގެ ފަތެއްނަމަވެސް ނަގާބަލާށެވެ. އެ ފަތުގެ ރޮނގުތަކާއި ބައްޓަމާއި ކުލައަށް ބަލަށެވެ. މި ފަތް އައީ ކޮންތާކުން ހެއްޔެވެ؟ މި ފަތުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެ މަލުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެ ކަނޑުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ދެން ވިސްނަބަލާށެވެ. ތިބާއަކީވެސް އެ ދިރުންތަކެކޭ އެއްގޮތަށް ކޮންމެވެސް ފަރާތަކުން އުފައްދަވާފައިވާ މަޚުލޫޤެކެވެ. ގަހާއި، ފަތާއި، މަލާއި، ކަނޑުގައި ބޭނުމެއް އޮންނަނަމަ ތިބާގެ ޙަޔާތުގައިވެސް ބޭނުމެއް އޮންނާނެއެވެ. އެކަމާމެދު ފުންކޮށް ވިސްނާށެވެ

ނޯޓް: އާލިޔާ އުމް ރައްޔާން ދީފައިވާ އިންޓަވިއު އަކުން ކޮށްފައިވާ ތަރުޖަމާއެއް

ޙަޤީޤީ ވާހަކަ: ދެމަފިރިންގެ ދިރިއުޅުން ރޫޅާލައި ދެބައޮޑުވުމުގެ މަތީގައި ދެމިހުރި އަންހެނެއް މަރުވިހިނދު ކަންވީގޮތް

މިއީ ޝައިޚް މުޙައްމަދު އައްޞާވީ ކިޔައިދެއްވިއެވެ. މިއީ ޔުނިވަރސިޓީއެއްގައި ކިޔަވަން އުޅުނު ޒުވާން އަންހެން ކުއްޖެއްގެ ޙަޤީޤީ ވާހަކައެކެވެ. އެ ޔުނިވަރސިޓީގައި މާރިއާ ކިޔާ ކުއްޖަކު އުޅުނެވެ. މާރިއާ މުޅި ޔުނިވަރސިޓީގައި މަޝްހޫރުވެފައިވަނީ އޭނާ ކުރާ މައިގަނޑު އެންމެ ކަމަކަށެވެ. އެއީ ދޭތެރެޖެއްސުމެވެ. ދޭތެރެޖެއްސުމުގެ މާނައަކީ އެކަކު އަނެކަކާ މެދު ދައްކާ ނުބައި ވާހަކަތައް ނުވަތަ ދެބައޮޑުވުންތައް، އަނެއް މީހާގެ ގާތަށް ގެންގޮސް، “މިވެނި މީހަކު ކަލެއާ ދިމާލަށް މިވެނި ނުބައި ވާހަކައެއް ދައްކަނިކޮށް ތިމަންނާ އަޑުއެހީމޭ” ބުނުމެވެ. މީސްމީހުންގެ މެދުގައި ބައިބައިވުން އުފެއްދުމަށްޓަކައި މިގޮތަށް ދެބައޮޑުވުމަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެކެވެ

މާރިއާއަކީ އޭނާގެ ކޯސް ކުދިންނާއި، ދަނާލުގައި އެއްކޮށްއުޅޭ ކުދިންނާއި، އަދި ކްލާސް ކުދިންގެ މެދުގައި މިފަދަ ކަންކަން ކުރުމުގައި ނަން މަޝްހޫރުވެފައިވާ ކުއްޖެކެވެ. އޭނާގެ މި ޢަމަލުތަކުގެ ސަބަބުން ކުދިން އެކަކު އަނެކަކާ ޒުވާބުކޮށް، ގުޅުންތައް ކަނޑަމުންދިޔައެވެ. އޭނާގެ ދެބައޮޑުވުންތައް ގޮސް ހުއްޓުނީ، ޔުނިވަރސިޓީގައި ކިޔަވަން އުޅުނު ކައިވެނިކޮށްގެން އުޅުނު ދެމަފިރިއަކު ވަރިކުރުވުމާ ހަމައަށެވެ

އޭނާ ވަކިން ޚާއްޞަކޮށް އެއް އުޚުތަކަށް އަމާޒުކޮށް ބަދަލުހިފަން އުޅުނެވެ. އެއީ ކުރިން އެ އުޚުތާ މާރިއާއަށް އިޚްލާޞްތެރި ނަޞޭޙަތެއް ދީފައިވާތީއެވެ. އެ އުޚުތާ މާރިއާގެ ގާތުގައި ބުނެފައިވެއެވެ: “މާރިއާ ކީއްވެތަ ޙިޖާބު ނާޅަނީ؟ އެއީ ﷲ ފަރުޟުކުރައްވާފައިވާ ކަމެއް. ކީއްވެތަ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަން ނުވަނީ؟” މި ނަޞޭޙަތް ޤަބޫލުކުރުމުގެ ބަދަލުގައި، މާރިއާ ނިންމީ ބަދަލުހިފައި، އެ އުޚުތާގެ ޢާއިލާ ރޫޅާލައި ދިރިއުޅުން ބަރުބާދުކޮށްލުމަށެވެ. އެ އުޚްތާގެ ފިރިމީހާގެ ހިތުގައި އަނބިމީހާއާ މެދު ނަފުރަތު އުފައްދައި ޝައްކުތައް އިތުރުކޮށް މާރިޔާގެ މި މަޤްޞަދު އޭނާ އެކަން ކާމިޔާބު ކުރިއެވެ

ކަން މިހެން ހިނގާފައިވަނިކޮށް އެއްދުވަހަކު، މާރިއާ މަގުމަތިން ހިނގާފައި ދަނިކޮށް، ކުއްލިއަކަށް ކާރަކުން ޖެހި އެކްސިޑެންޓްވިއެވެ. އޭނާ ވިއްސައިގެން ގޮސް، ބިމަށް ވެއްޓި، އެތައް ފަހަރަކު ފުރޮޅިގެންދިޔައެވެ. ފައިން ފެށިގެން ބޮލާ ހަމައަށް އޭނާގެ ހަށިގަނޑުގެ ކަށިތައް ބިންދައިގެންގޮސް، އައި.ސީ.ޔޫ ގައި އެޑްމިޓްކުރެވުނެވެ. އޭނާގެ އަތުގައި އައި.ޑީ ކާޑެއް ނުވަތަ އޭނާއަކީ ކާކުކަން އެނގޭނެ އެއްޗެއް ނެތުމުގެ ސަބަބުން، އޭނާގެ ޢާއިލާއަށް ހޮސްޕިޓަލުން މިކަން އެންގުނީ ދެދުވަސް ފަހުންނެވެ. އޭރު އޭނާ އޮތީ ގުޑާލަންވެސް ނުވަތަ ވާހަކަދައްކަންވެސް ނޭނގޭ ޙާލުގައި އައި.ސީ.ޔޫގައެވެ

ދެދުވަސް ފަހުން، މަލަކުލް މައުތު ވަޑައިގެން މާރިޔާގެ ފުރާނަ ހިއްޕެވިއެވެ. އެ ވަގުތު އޭނާ ޝަހާދަތް ކިޔުމަށާއި، ތައުބާވުމަށާއި، އަދި ﷲ ގެ ޙަޟްރަތަށް އެނބުރި ދިއުމަށް އެދޭނެކަން ކަށަވަރެވެ. ނަމަވެސް، ހިތާމައަކީ ވަގުތު ފާއިތުވެއްޖެއެވެ. އޭނާގެ ފުރާނަ ހިއްޕެވިއްޖެއެވެ

މަރުވާ އަންހެނުން ހިނަވާ އަންހެން މީހާ ފަހުން މި ވާހަކަ ޝައިޚަށް ކިޔައިދިނެވެ. އޭނާ ބުންޏެވެ: މާރިއާގެ ހަށިގަނޑު ހިނަވަން ފެށިތަނާހެން، އޭނާގެ މޫނުގެ ކުލަ ބަދަލުވާން ފެށިކަން ފާހަގަވިއެވެ. މާރިޔާގެ މޫނުގެ ކުލަ އަނދިރިވާން ފަށައި، އެއަށްވުރެ ބޮޑަށް ކަޅުވެ، ބަލަންވެސް ނުކެރޭވަރަށް މުޅިން ކަޅުވެގެންދިޔައެވެ

އެއަށްވުރެ ބިރުވެރި ކަމަކީ، މާރިއާގެ އަނގައިން ނުބައިވަސްދުވާ ލޮންޖާއި ހަޑިމުޑުދާރު ދިޔާ އެއްޗެހިތަކެއް ހުއްޓުމެއްނެތި ބޭރުވަމުންދިޔުމެވެ. އެ ތަކެތި އެ އަންނަނީ ކޮންތާކުންކަމެއް ނުވަތަ އޭގެ އަޞްލަކީ ކޮބައިކަމެއް ހިނަވާ މީހާއަކަށް ނޭނގުނެވެ. މޫނާއި އަނގަ ސާފުކުރުމަށް ފެންއަޅާ ކޮންމެ ފަހަރަކު، އިތުރު ހަޑި އެއްޗެހި އަނގައިން ނިކުމެއެވެ. އެންމެ ފަހުން، އެކަން ހުއްޓުވަން ނުކުޅެދިގެން ހިނަވާ މީހާ އުންމީދު ކަނޑާލިއެވެ. އެންމެ ފަހުން، އޭނާގެ އަނގައިން އެ ހަޑިއެއްޗެހި ނިކުންނަނިކޮށް، އެގޮތުގައި ހުއްޓާ އޭނާ ކަފުންކޮށް، ކަށުނަމާދުކޮށް، ސަހަރާއަށް ގެންގޮސް ވަޅުލިއެވެ

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވަނީ، މީހަކު މަރުވި ގޮތެއްގެ މަތިން އެމީހަކު ޤިޔާމަތްދުވަހުން އަލުން ދިރުއްވޭނެ ކަމަށެވެ. އޭނާ މަރުވީ ދެބައޮޑުވުމާއި ފިތުނަ އުފެއްދުން އަދި އާއިލާ ރޫޅާލުމުގެ ނުބައި ޢަމަލުގެ މަތީގައެވެ. އޭނާ ވަޅުލުމުގެ ތައްޔާރީތަކުގައިވެސް އެ ބިރުވެރި ޙާލަތާ ކުރިމަތިލާންޖެހުނެވެ. އަދި ﷲ ގެ ޙަޟްރަތުގައްޔާއި އެންމެހާ ޚަލްޤުތަކުންގެ ކުރިމަތީގައި އޭނާ މަޙްޝަރުކުރެވޭނީވެސް ހަމަ އެ ޙާލަތުގައެވެ

އަހަރެމެންގެ އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން މިކަމުން ޢިބުރަތް ޙާޞިލުކުރަންޖެހެއެވެ. ބައެއް މީހުން މީސްމީހުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށްޓަކައި، އެކަކު ދެއްކި ވާހަކަ އަނެކަކަށް ކިޔައިދީ، ދެބައޮޑުވުން އާދައަކަށް ހަދާ ނުވަތަ އެކަމުން އުފާލިބިގަނެއެވެ. އަހަރެމެން މި ދުނިޔެއަކީ މިފަދަ ހަޑިމުޑުދާރު ކަންކަން ކުރާ ތަނަކަށް ހަދައިގެން ނުވާނެއެވެ

އަހަރެމެން ދެބައޮޑުވުމާ ދުރުކޮށްދެއްވުމަށާއި، މިފަދަ ކަންކަމުގައި ބައިވެރިވުމުން ރައްކާތެރިކޮށްދެއްވުމަށާއި، އަދި އަބަދުވެސް ސީދާވެގެންވާ ތެދުމަގުގައި ލެހެއްޓެވުމަށް ﷲ ގެ ޙަޟްރަތުން އެދި ދަންނަވަމުއެވެ. އަދި މިފަދަ ވާހަކަތަކުން ޢިބުރަތް ލިބިގަނެ، އެކަލާނގެއާ ކުއްތަންވުމުގެ ތައުފީޤު ﷲ އަހަރެމެންނަށް ދެއްވާށިއެވެ

ހަޤީޤީ ވާހަކަ: މުޅި އުމުރު ދުންފަތުގެ އިސްތިއުމާލުކުރުމުގައި، މަރުވެގެން ހިނެވިއިރު ފެނުނީ ބޮޑު ޢަޖައިބެއް

މިއީ މިޞްރުގެ އިމާމެއް ކަމަށްވާ ޝައިޚް އަޙްމަދު އަލް-ޢަޒްބު ކިޔައިދެއްވާފައިވާ ޙަޤީޤީ ވާހަކައެކެވެ. އޭނާ މިވާހަކަ ކިޔައިދެއްވަމުން ވިދާޅުވިއެވެ: “ﷲ ގަންދީ ބުނަމެވެ، އަހަރެން މިކިޔައިދޭ ކޮންމެ ކޮންމެ ބަހަކީ އަހަރެންގެ އަމިއްލަ ލޮލުން ދެކެ، އަހަރެންނަށް ދިމާވި ކަންތައްތަކެވެ. އަދި އަހަރެން ބޭނުންވަނީ ޢިބުރަތަކަށްޓަކައި މިއީ ތިޔަބައިމީހުންނާ ހިއްސާކޮށްލާށެވެ.” އެ ވާހަކައަކީ؛

އެއްދުވަހަކު އަހަރެންނަށް ފޯނެއް އައެވެ. އެމީހުން ބުންޏެވެ، ‘ޝައިޚް އަޙްމަދު، އަހަރެމެންގެ މީހަކު ނިޔާވެއްޖެއެވެ. އަދި ޝައިޚް ވަޑައިގެން މި މީހާ ހިނަވައިދިނުމަށް އަހަރެމެން އެދެމެވެ.’ އަހަރެން ބުނީމެވެ، ‘އިންޝާﷲ، އަހަރެން ދާނަމެވެ.’ އަދި ވަގުތުން އަހަރެން ދެތިން އަޚަކަށް ގުޅާފައި ބުނީމެވެ، ‘ތައްޔާރުވޭ، އަހަރެމެން މަރުވެފައިވާ މީހަކު ހިނަވަން ދާން އެބައޮތެވެ.’ އެމީހުން ތައްޔާރުވެގެން، އަހަރެމެން އެކުގައި ގޮސް އެތަނަށް ފޯރިއެވެ.

އަހަރެމެން ގެއަށް ވަތްއިރު ޢާއިލާގެ މެންބަރުން ތިއްބެވެ. އަދި އެތަނުން އެއް ފިރިހެން ދަރިފުޅު އައިސް ޝައިޚަށް ސަލާމް ކުރިއެވެ. ދެން ޝައިޚް އެއްސެވިއެވެ، ‘ނިޔާވި މީހާ ކޮބައި ހެއްޔެވެ؟ އެއީ ކާކު ހެއްޔެވެ؟’ އޭނާ ބުންޏެވެ، ‘އެއީ އަހަރެމެންގެ ބައްޕައެވެ.’ ދެން ޝައިޚް ވިދާޅުވިއެވެ، ‘ﷲ އެކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ. އޭނާ ކޮބައި ހެއްޔެވެ؟’ ‘އޭނާ އޮތީ ކޮޓަރީގައެވެ.’ ‘އެންމެ ރަނގަޅު، އަހަރެމެންނަށް އެތެރެއަށް ވަދެވިދާނެ ހެއްޔެވެ؟’ އޭނާ ބުންޏެވެ، ‘އާނއެކެވެ، ހަމަ ވަޑައިގަންނަވާށެވެ.’

އެތެރެއަށް ވަނުމުގެ ކުރިން ޝައިޚް ވިދާޅުވިއެވެ: “އަހަރެންނަށް ކޮންމެވެސް ވަހެއް ދުވިއެވެ. އަހަރެންނަށް ދުވީ ސިނގިރޭޓު ދުމުގެ ވަހާ ވައްތަރު ވަހެކެވެ.” ނަމަވެސް އޭނާ ވިދާޅުވިއެވެ: “އެއީ ހަމައެކަނި ސިނގިރޭޓުގެ ދުމުގެ ވަހެއް ނޫނެވެ. ނޫނެކެވެ، ނޫނެކެވެ. އެއީ ސިނގިރޭޓު އަޅިއާއި ސިނގިރޭޓުތައް ތަނެއްގައި ގިނަ ދުވަސްވަންދެން ބެހެއްޓުމުން ދުވާ ކަހަލަ ނުބައި ވަހެކެވެ. އެތަނުގައި ކޮންމެވެސް އެއްޗެއް އެބަހުއްޓެވެ. އެއީ އެތަނުގައި ގިނަދުވަސްވަންދެން ހުރި އެއްޗެހިތަކަކުން ދުވާ ވަހެކެވެ.” ނަމަވެސް އޭނާ ވިދާޅުވިއެވެ: “އަހަރެން ހުރީ ‘މިއީ ކޮން އެއްޗެއް ހެއްޔެވެ؟ މިއީ ކޮން ކަހަލަ ވަހެއް ހެއްޔެވެ؟ ކިހިނެއް ހެއްޔެވެ މިވަނީ؟’ މިފަދައިން އެހޭ ފަދަ ޙާލަތެއްގައެއް ނޫނެވެ.” އޭނާ ވިދާޅުވިއެވެ: “އަހަރެން އެއްވެސް ސުވާލެއް ނުކުރަމެވެ. ނަމަވެސް އަހަރެންނަށް މި ވަސް ދުވިއެވެ. އެއީ ދުމުގެ ވަރަށް ތަފާތު، އަޖައިބު ކަހަލަ އުނދަގޫ ވަހެކެވެ.”

ދެން އޭނާ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަތް ވަގުތު އޭނާއަށް ލިބުނީ ބޮޑު ސިހުމެކެވެ. އެނދުމަތީގައި—އޭނާގެ އަމިއްލަ އެނދުމަތީގައި—މަރުވެފައިވާ ބައްޕަ އޮއްވާ އޭނާ ދުށްޓެވެ. އަދި ކޮޓަރިއާއި، އެނދާއި، އެނދުގެ ވަށައިގެންވެސް ހުރީ ތަފާތު މަންޒަރެކެވެ. އެ ބައްޕަ ކޮށްފައި ހުރި ކަމަކީ، އެނދުގެ ވަށައިގެން މޮހޮރު ޖަހާފައެވެ. އަދި ކޮންމެ މޮހޮރެއްގައި ކޮތަޅެއް އެލުވާފައެވެ. އެ ކޮތަޅުތައް ހުރީ ސިނގިރޭޓު ފޮށިތަކުން ފުރިފައެވެ. ހިތަށް އަރުވައިބަލާށެވެ، އެއް ކޮތަޅުގައި ގާތްގަނޑަކަށް 10، 15، ނުވަތަ 20 ފޮށި ހުއްޓެވެ. އަދި އެ ފޮށިތަކުގެ ތެރޭގައި ހުރީ ހުސްކޮށްފައި ހުރި ސިނގިރޭޓާއި، އަޅިއާއި، ބުޑުތަކެވެ. ތަޞައްވުރު ކޮށްބަލާށެވެ. “މިއީ ކޮން އެއްޗެއް ހެއްޔެވެ؟”

އެކަނި އެވަރަކުން ނުނިމެއެވެ، ފާރުތަކުގައިވެސް އެގޮތަށް ހުއްޓެވެ. ފާރުގައި މޮހޮރުތައް ޖަހާފައި ހުއްޓެވެ. އަދި ކޮންމެ މޮހޮރެއްގައި ކޮތަޅެއް އެލުވާފައި ހުއްޓެވެ. އަދި ކޮންމެ ކޮތަޅެއްގައި ސިނގިރޭޓު ފޮށިތަކެއް ހުއްޓެވެ. އަދި ކޮންމެ ސިނގިރޭޓު ފޮއްޓެއްގައި ހުސް އަޅިއާއި، ބުޑުތަކާއި، ސިނގިރޭޓުގެ ފިލްޓަރު ހުއްޓެވެ. އެހެންކަމުން ޝައިޚަށް ލިބުނު ސިހުމާއެކު، އޭނާ އެ ދަރިފުޅަށް ބަލައިލީ “މިއީ ކޮން އެއްޗެއް ހެއްޔެވެ؟” ބުނާ ފަދަ ގޮތަކަށެވެ. ވަގުތުން އެ ދަރިފުޅު ބުންޏެވެ، “ޝައިޚް އަހަރެންނަށް ބައްލަވާނެކަން އަހަރެންނަށް އެނގެއެވެ. ޝައިޚް އަހަރެންނާ މި ސުވާލު ކުރައްވާނެކަން އަހަރެންނަށް އެނގެއެވެ. އަދި އެދެނީ އަހަރެންނާ ސުވާލު ނުކުރެއްވުމަށެވެ. މިއީ އަހަރެމެންގެ ބައްޕައެވެ. އޭނާ އަބަދުވެސް ކަންތައް ކުރާ ގޮތަކީ މިއީއެވެ. އޭނާގެ ގޮތަކީ މިއީއެވެ. އެހެންވީމާ އަހަރެންނާ އެއްވެސް ސުވާލެއް ނުކުރައްވާށެވެ.” ޝައިޚް ވިދާޅުވިއެވެ، “އެކަމަކު މިއީ ކޮންފަދަ ކަމެއް ހެއްޔެވެ؟ މިއީ ކޮން ކަހަލަ މީހަކު ކުރާނެ ކަމެއް ހެއްޔެވެ؟” އޭނާ ބުންޏެވެ، “އަހަރެންނާ އެއްވެސް ވާހަކައެއް ނުދައްކަވާށެވެ. އެހެނީ އަހަރެމެންގެ ބައްޕައާ އެއްވެސް މީހަކަށް ޖަދަލެއް ނުކުރެވޭނެއެވެ. އޭނާ ކޮންމެ ދުވަހަކު ދެތިން ފޮށި ސިނގިރޭޓު ބޮއެއެވެ. އޭނާގެ އެއް އަތް އަބަދުވެސް އޮންނަނީ ސިނގިރޭޓު ބުއިމުގައި މަސްއޫލުވެފައެވެ. އޭނާ ދުން ދަމާ މިންވަރަކީ، އޭނާ ނޭވާލަނީވެސް ދުމުންނެވެ. އޭނާ ނޭވާލަނީ ސިނގިރޭޓުންނެވެ. އެއް އަތް އަބަދުވެސް ސިނގިރޭޓާއެކު ބިޒީވެފައި އޮވެއެވެ. ސިނގިރޭޓު ބޮއެ ނިމޭ ވަގުތު، އޭނާ އެ ބުޑު ހުސް ފޮށި ތެރެއަށް ލުމަށްފަހު، އާ ސިނގިރޭޓެއް ނަގައި، ރޯކޮށްގެން ބޯން ފަށައެވެ.”

އެހެންކަމުން ޝައިޚަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. އަދި ވިދާޅުވިއެވެ: “ﷲ ކަންތައްތައް ފަސޭހަކޮށްދެއްވާށިއެވެ. ހިނގާށެވެ ކުރިއަށްދާން.” އެމީހުން މައްޔިތާ ހިނަވަން ފެށި އިރު، ހަށިގަނޑު ދުށްޓެވެ. ޝައިޚަށް އެ ހަށިގަނޑު ފެނުނެވެ. އޭނާ ވިދާޅުވިއެވެ: “އަހަރެން ހަށިގަނޑު ދުށީމެވެ. މޫނު ހުރީ ހުދުކޮށެވެ. އަތްތަކާއި، ހަށިގަނޑާއި، ފައިތަކާއި، ހުރިހާ އެއްޗެއް ހުރީ ހުދުކޮށެވެ. އޭނާއަކީ ވަރަށް ދޮން، ހުދު މީހެކެވެ.” އެހެންކަމުން ޝައިޚް ވިދާޅުވިއެވެ: “ސުބުޙާނަﷲ، ފަހަރުގައި މިއީ ރަނގަޅު ނިމުމެއް ކަމުގައި ވެދާނެއެވެ. ﷲ އޭނާއަށް (މިގޮތް) ދެއްވިއެވެ. އޭނާގެ ހިތުގައިވާ އެއްޗެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.” އެހެންކަމުން އޭނާ ވިދާޅުވިއެވެ: “އަލްޙަމްދުލިއްލާހި، މިއީ ފަހަރުގައި ރަނގަޅު ނިމުމެކެވެ.”

ދެން ޝައިޚް އިތުރު ނޯޓެއްގެ ގޮތުގައި ވިދާޅުވިއެވެ: “އަހަރެން އަމިއްލައަށް ޢިލްމުވެރިންގެ ފޮތްތައް ކިޔައި އުޅުނީމެވެ. އެ ފޮތްތަކުގައި ޢިލްމުވެރިން ލިޔުއްވާފައިވެއެވެ، މީހުން ހިނަވާ ވަގުތު އެމީހުންގެ ކުލަ ބަދަލުވެއެވެ.” އޭނާ ވިދާޅުވިއެވެ: “އަހަރެން މިއީ ކިޔާފައިވާ އަދި ޝައިޚުން ދައްކަވާ ވާހަކަ ޤަބޫލުކުރި ކަމެކެވެ. އެހެނީ މަޝާއިޚުންނާއި ޢިލްމުވެރިން ދޮގެއް ނުހައްދަވާނެއެވެ. ނަމަވެސް އެދުވަހާ ޖެހެންދެން އަހަރެން ދުވަހަކުވެސް އެފަދަ ކަމެއް ތަޖުރިބާއެއް ނުކުރަމެވެ.”

ސުބުޙާނަﷲ، އެއީ ކިހިނެއް ހެއްޔެވެ؟ އޭނާ ވިދާޅުވިއެވެ: “އަހަރެން އެ މައްޔިތާ ހިނަވަން ފެށީމެވެ. އަދި ހިނަވަމުން ދިޔަ އިރު، އަހަރެން އޭނާގެ މޫނަށް ފެން އެޅި ވަގުތު، މޫނުގެ ކުލަ ކަޅުވާން ފެށިއެވެ.” އަދި ޝައިޚް އެތެރެއިން ސިހުނެވެ. ނަމަވެސް އޭނާ ހިތާހިތުން ބުނަމުން ދިޔައެވެ: “ޔާ ﷲ، އަޅުގަނޑު ސާބިތުކޮށްދެއްވާށިއެވެ.” އޭނާ އަނެއްކާވެސް ހިނަވަމުން ގޮސް، ދެވަނަ ފަހަރަށް އޭނާގެ މޫނަށް ފެން އެޅިއެވެ. މޫނު ދިޔައީ އިތުރަށް ކަޅުވަމުންނެވެ. އަދި ޝައިޚް އަނެއްކާވެސް ހިތުގެ އަޑިން ބުނަމުން ދިޔައެވެ: “ޔާ ﷲ، އަޅުގަނޑު ސާބިތުކޮށްދެއްވާށިއެވެ.” އަދި ހިނަވަމުން ދިޔަވަރަކަށް، އޭނާގެ މޫނަށް ފެން އެޅިވަރަކަށް، މޫނުގެ ކުލަ ދިޔައީ ދިއުމުން ދިއުމަށް ކަޅުވަމުން، ކަޅުވަމުން، ކަޅުވަމުންނެވެ.

ދެން އޭނާ އެތަނުގައި ހުރި އެއް ފިރިހެން ދަރިއެއް ގާތު ބުންޏެވެ: “އާދޭސްކޮށްފައި ބުނަމެވެ، ބޭރަށް ގޮސް ކޮންމެވެސް އެއްޗެއް ގެނެސްދީބަލާށެވެ.” އެމީހުން ބޭރަށް ދިޔުމުން، އޭނާ ދަރިވަރުންގެ ގާތުގައި އެއްސެވިއެވެ: “އޭނާގެ މޫނަށާއި ހަށިގަނޑަށް ވަމުންދާ ގޮތް ތިޔަކުދިންނަށް ފެނޭ ހެއްޔެވެ؟” ދެން އެތަނުން އެއް ދަރިވަރަކު ބުންޏެވެ: “އާނއެކެވެ، ޝައިޚްއެވެ. އަހަރެން މިހާރު މިއިނީ ވަރަށް ބޮޑަށް ތުރުތުރު އަޅާފައެވެ. އަހަރެންނަށް އިތުރަށް ހިނެވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަހަރެން ބޭނުމީ ދާށެވެ.” ދެން ޝައިޚް ވިދާޅުވިއެވެ: “ނޫނެކެވެ، ﷲ ގަންދީ ބުނަމެވެ. އެކަކަށްވެސް ނުދެވޭނެއެވެ. އަހަރެމެންގެ މަސައްކަތް ނިމެންދެން އަހަރެންވެސް ނުދާނަމެވެ. އެއަށްފަހު އަހަރެމެން އެންމެން އެކުގައިދާނީއެވެ.” އެހެންކަމުން އެމީހުން ހިނެވުމުގެ ކަންތައް ކުރިއަށް ގެންދިޔައެވެ. އަދި ޝައިޚްގެ ހިތުގައިވެސް ބިރުވެރިކަން އުފެދުނެވެ. އެތައް އަހަރަކު މި މަސައްކަތް ކުރެއްވި ޝައިޚް ވެސް، މިވަނީ ކީއްބާވާއޭ ހިތަށް އަރައި ބިރުގަތެވެ. ނަމަވެސް އޭނާގެ ހިތުގެ އަޑިން ބުނަމުން ދިޔައެވެ: “ޔާ ﷲ، މި މަސައްކަތް ނިންމުމަށް އަޅުގަނޑަށް ސާބިތުކަން ދެއްވާށިއެވެ. ޔާ ﷲ، އަޅުގަނޑަށް ސާބިތުކަން ދެއްވާށިއެވެ.”

އެ މީހާގެ މޫނު އެއްކޮށް އަނގުރުގަނޑެއް ފަދައިން ކަޅުވެ، ކަޅު އެންދެރި ފަދައިން ބަދަލުވެގެން ދިޔައެވެ. ހުދު ހަމުގެ ކުލައިން ގޮސް އެއްކޮށް ކަޅުވެގެން ދިޔައެވެ. އެ ފިރިހެން ދަރިފުޅު އެނބުރި އައިސް، ބައްޕައަށް ބަލައިލި ވަގުތު އޭނާއަށް ބޮޑު ސިހުމެއް ލިބުނެވެ. ދެން އެމީހުން ކަފުންކޮށް، ހަށިގަނޑު ކަފަނުން ނިވާކުރުމަށްފަހު އެތަނުން ނިކުތެވެ.

އަދި އޭނާ ވިދާޅުވިއެވެ: “ﷲ ގަންދީ ބުނަމެވެ. އަހަރެންގެ ޙަޔާތުގައިވެސް ދުވަހަކުވެސް މިފަދަ މަންޒަރެއް ނުދެކެމެވެ. އަހަރެން ފޮތްތަކުން މިވާހަކަ ކިޔައި، އެކަން ޤަބޫލުކުރީމެވެ. ނަމަވެސް އެދުވަހާ ޖެހެންދެން، އެ ވަގުތާ ޖެހެންދެން އަހަރެން އެކަން ތަޖުރިބާއެއް ނުކުރަމެވެ. އެމީހާ ނިޔާވެގެން ދިޔައީ ވަރަށް ބިރުވެރި ގޮތަކަށެވެ. އެމީހާ ނިޔާވީ ދުވާލާއި ރޭގަނޑު ސިނގިރޭޓު ބުއިމުގެ މަތީގައި ހުއްޓައެވެ.” ސުބުޙާނަﷲ އެވެ. އަދި މަޝްހޫރު ބުނުމެއްގައިވާ ފަދައިން، ޢިލްމުވެރިން ވިދާޅުވެއެވެ: “މީހަކު ބޮޑުވީ ކޮން އެއްޗެއްގެ މަތީގައި ހުރެގެން ކަމަށްވާނަމަ، އޭނާ މުސްކުޅިވާނީވެސް އެކަމެއްގެ މަތީގައެވެ. ފަހަރުގައި އޭނާ މަރުވާނީވެސް އެކަމެއްގެ މަތީގައެވެ. އަދި މީހަކު މަރުވީ ކޮން ކަމެއްގެ މަތީގައި ހުރެގެން ކަމަށްވާނަމަ، ޤިޔާމަތް ދުވަހުން އޭނާ އަލުން ދިރުއްވޭނީވެސް އެކަމެއްގެ މަތީގައެވެ.” ސުބުޙާނަﷲ އެވެ. އެހެންކަމުން އަހަރެމެން މިފަދަ ކަންތައްތަކުގެ ތެރެއަށް ވަދެގެން ނުވާނެއެވެ. އަހަރެމެން ފާފަތަކުގެ ތެރެއަށް ނުވަތަ ތަކުރާރުކޮށް ކުރެވޭ ކަންތައްތަކުގެ ތެރެއަށް ވަދެ، އެކަމަށް އާދަވެ، އެންމެ ފަހުން އޭގެ ނުބައި ނަތީޖާއާ ކުރިމަތިލައި، އެގޮތުގައި މަރުވެގެންދާކަށް ބޭނުމެއް ނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން އެންމެން ރައްކާތެރިކުރައްވާށިއެވެ. އެހެންކަމުން މިއީ އެފަދަ ބިރުވެރި ޙާލަތެއްގައި މަރުވި މީހާގެ ނިމުމެވެ. އަދި ކަފުންކުރުމުގެ ކުރިން ނުވަތަ ވަޅުލުމުގެ ކުރިން، އޭނާގެ މޫނު ކަޅު ކުލައަށް ބަދަލުވެގެން ދިޔައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން އެންމެން ރައްކާތެރިކުރައްވާށިއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނީ އަބަދުވެސް މިފަދަ ވާހަކަތަކުން ޢިބުރަތް ޙާޞިލުކޮށް، އަޑުއަހައި، ހެޔޮ ޢަމަލުތައް ކުރުމުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުއްތަންވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!

މިއުޒިކީ ދުނިޔެއިން ހަޤީޤީ ދުނިޔެއަކަށް ރަޙީމް ޖަންގ ކުރި ދަތުރު

އަހަރެންނަކީ އިނގިރޭސިވިލާތުގެ ލަންޑަނަށް އުފަން މީހަކީމެވެ. އަހަރެން އުޅެބޮޑުވެފައިވަނީ ވަރަށް “އޯޕަން މައިންޑް” މާހައުލެއްގައެވެ. ވަކި ދީނަކަށް ތަބާވުމަށް ނުވަތަ ވަކި ދީނަކަށް އުޅުމަށް އަހަރެންނަށް އެއްވެސް މަޖުބޫރުކަމެއް ނެތެވެ. އަހަރެންގެ ބައްޕައަކީ ކޮންމެވެސް ވަރަކަށް ދީން ޤަބޫލުކުރާ މީހެއް ނަމަވެސް މަންމައަކީ ދީނަކަށް އުޅުމަށް ނަފުރަތުކުރި މީހެކެވެ. މަންމަ އަޔަލަންޑުގެ މީހަކާ ކައިވެނިކޮށްގެން ކްރިސްޓިއަން ދީނުގައި އުޅުމަށްފަހު ވަރިވުމުން (ވަރި ވުމަކީ އަޔަލެންޑްގެ ދީން، ކްރިސްޓިއަން ދީނުގައި، މަނާ ކަމަކަށްވާތީ) އެ ދީނުގެ މީހުންނާ މަންމަ ގުޅުން ކެނޑި، މަންމަ އެދީނުން ބޭރުވިއެވެ

އެހެންކަމުން އަހަރުމެން އުޅެބޮޑުވީ އެއްވެސް ދީނެއް ޤަބޫލުނުކުރާ މާހައުލެއްގައެވެ. ކަލަކު ވޮޑިގެންވާކަމަށްވެސް އަހަރެން ޝައްކުކުރީމެވެ

މަދަރުސީ ހަޔާތުގައި އަހަރެންނަކީ ފެއިލިޔަރެކެވެ. އިމްތިހާނުތަކުން ފާސްނުވާ ކުއްޖެކެވެ. އަހަރެން އޭރުއްސުރެ ބޭނުންވީ މިއުޒިކީ ދާއިރާއިން ކުރިއަށް ދިޔުމަށެވެ. އަހަރެންގެ ބައްޕައަކީ ވިޔަފާރިއެއް ކުރާ މީހެއްކަމުން ބައްޕަގެ ވިޔަފާރީގައި ބައިވެރިވާ އެކަކީ މިއުޒިކު ދާއިރާގެ ވަރަށް ގިނަ ފަރާތަކާ ގުޅުން އޮންނަ މީހެކެވެ. މިހެންކަމުން، މިއުޒިކުގެ ތެރެއަށް (އެންމެ އާދައިގެ މަސައްކަތަކަށް ނަމަވެސް) އަހަރެން ފުރުޞަތު ދިނުމަށް އެދި އެމީހާ ކައިރީގައި އާދޭސްކުރީމެވެ. އެމީހާގެ ފަރާތުން، މިއުޒިކް ގެ ޕްރޮމޯޝަނަލް ކޮމްޕެނީއަކުން އަހަރެންނަށް ފުރުޞަތު ލިބުނެވެ

އެހާ ހިސާބުން މިއުޒިކްގެ ފުރުޞަތުތައް އަހަރެންނަށް ފުލުފުލުގައި ލިބެންފެށިއެވެ. މިއުޒިކްގެ ދުނިޔޭގައި އެތައް މިލިޔަން ބައެއްގެ މެދުގައި މަޝްހޫރު Stevie Wonder ގެ މިއުޒިކް އިވެންޓްތަކުގައި ވަރަށް ބޮޑަށް މަސައްކަތް ކުރުމުގެ ފުރުޞަތު އަހަރެންނަށް ލިބުނެވެ. މިގޮތަށް މަޝްހޫރު ފަރާތްތަކާއެކު ބޮޑު އާމްދަނީއެއް ލިބިގެން އުޅެނިކޮށް އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި އުޅުނު މީހަކު އެއްދުވަހަކު އަހަރެންނަށް ގުޅާފައި ބުނީ އެހެން ކުންފުންޏެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބެން އޮތްކަމަށެވެ

އޭނާ ބުނީ އެމެރިކާގެ Motown Records އިނގިރޭސިވިލާތުގައި ފުޅާކުރުމުގެ ގޮތުން އެ ކުންފުނީގައި މަސައްކަތް ކުރުމަށެވެ. މި ކުންފުންޏަކީ މިއުޒިކްގެ ދުނިޔޭގައި އޭރު 1 ވަނައިގާ އޮތް އަދި ބިލިޔަން ޑޮލަރުން އާމްދަނީ ލިބޭ، މިއުޒީޝަނުންގެ މެދުގައި އެންމެ މަޤުބޫލު ކުންފުންޏެވެ

މިއުޒިކްގެ އެންމެ އުހުގައި އެންމެ މަޝްހޫރު މީހުންނާއެކު މިއުޒިކް އުފެއްދުމުގައި އުޅެންޖެހުމުގެ ސަބަބުން އަހަރެންނަކީ “މުޅި ދުވަހު ޕާރޓީތަކުގައި” އުޅޭ މީހެއްފަދަ މީހަކަށް ވެއްޖެއެވެ. އެހެނީ ދުވަސް ފެށުމާއި ނިމުމާއި ހުރިހާ ވަގުތެއްގައިވެސް، ކެޔަސް ނިދިޔަސް، ކަމަކީ މިއުޒިކެވެ. އެހެން ކަމެއް ނެތެވެ. މިހެން އުޅެނިކޮށް އަހަރެންގެ ތިމާގެ މުސްލިމް ބޭބެއަކު ރޯދަމަހު 27 ވިލޭރޭ (އެއީ ރޯދަމަސް ކަންވެސް އޭރު ނޭނގެ) އައިސް ބުނީ އޭނާއާއެކު އެރޭ މިސްކިތައް ދިޔުމަށެވެ. ނުދާން ވަރަށް ބަހަނާ ދެއްކީމެވެ. ނަމަވެސް ދޫނުކުރުމުން ދާން އެއްބަސްވީމެވެ. އަހަރެން މިސްކިތައް ދިޔައީ ނަމާދުކުރާކަށްނޫނެވެ. ނަމަވެސް މިސްކިތުގެ ފަހަތުގައި ކިޔާތަކެތި އަޑު އެހުމަށާއި ނަމާދުކުރާގޮތް ބެލުމަށް މިސްކިތުގެ ފަހަތުގައި އިށިނދެގެން އިނީއެވެ. ނަމާދު ކުރާ މީހުން ގުނޫތުގައި “އާމީން އާމީން” ކިޔާ އަޑުގެ ޖަޒުބާތާއި އިމާމުގެ އަސަރުގަދަ އަޑުން އަހަރެންނަށް ކޮންމެވެސް ވަރަކަށް އަސަރުތަކެއް ކުރިއެވެ

އެރޭގެ ފަހުން އަހަރެންނަށް ގޮތްތަކެއް ވަމުންދާކަން ފާހަގަވާން ފެށިއެވެ. މިއުޒިކް ކުޅުމާއި އުފެއްދުމުގައި އަހަރެންނަށް ރަނގަޅަށް މަސައްކަތް ކުރެވޭގޮތް ނުވެއެވެ. ވާގޮތެއް ނޭނގެއެވެ. އެކަން ކުރާހިތް ނުވަނީއެވެ. ކުރާކަމެއް ކުރަނީ ހިތާ ދެކޮޅަށް ކަހަލަ ގޮތަކަށެވެ. މަޑުމަޑުން މިހެންގޮސް އަހަރެންގެ މިއުޒިކްގެ ކެރިއާވެސް އޮޔާ ދަނީހެންވެސް ހީވާން ފަށައިފިއެވެ. ބައެއް ރައްޓެހިން ގެއްލެންވެސް ފަށައިފިއެވެ. އަހަރެން “ޒާތަކަށް މޮޔަވާހެންވެސް” ހީވާން ފަށައިފިއެވެ. އަހަރެން މިސްކިތަށް ގެންދިޔަ ބޭބެގެ ދަރިފުޅު އެއްދުވަހަކު އަހަރެން މުސްލިމް އިމާމަކާ ބައްދަލުކުރުވިއެވެ. ވަކި ސަބަބެއް އޮވެގެނެއްނޫނެވެ. ހަމައެކަނި ވާހަކަ ދައްކާލުމަށެވެ. އެ އިމާމް ބުންޏެވެ. ތިޔަ އުޅެވެނީ އެއްވެސް މިސްރާބެއް ނެތް ޙަޔާތެއްގައެވެ”. ޙަޔާތުގެ މުހިއްމު ކަމުގެ މިފަދަ އެތައް ވާހަކައެއް ދެއްކިއެވެ

އޭގެ ފަހުން އެއްދުވަހު އަހަރެން މިއުޒިކްގެ މަސައްކަތުގައި ފޫހިކަންމަތީ ގޮނޑީގައި އިންދާ އަހަރެންނަށް ނިދުނެވެ. ހުވަފެނުގައި އަހަރެންނަށް ފެނުނީ ކާއިނާތުގެ ގޮތް ނޭގޭ ތަނެއްގައި، ދެވޭ ނުދެވޭ ތަނެއް ނޭނގި އަހަރެންނަށް ދެވޭތީއެވެ. މުސީބާތެއް ކަހަލަ ހާލަތެއްގައި ވަނިކޮށެވެ

އިސްލާމްދީނާ ވީކޮޅަށް އަހަރެންގެ ހިތް ލެނބެން މައިގަނޑު 2 ސަބަބެއް މެދުވެރިވިއެވެ. އެއީ އަހަރެން ދަންނަ ތިމާގެ މުސްލިމުންގެ ހިތުގައި އޮންނަ އަމާން ފެނި ހައިރާންވުމެވެ

އަހަރެންގެ ކުރިން ބަޔާންކުރި ތިމާގެ ބޭބެއަކީ ކައިވެނިކޮށްގެން އުޅޭ ދަރިން ގިނަ އަދި އަތްމަތި ދަތި މީހެކެވެ. ނަމަވެސް އޭނާއާ ދިމާވާ ކޮންމެ ފަހަރަކުވެސް އޭނާ އުޅެނީ ވަރަށް އުފަލުންނެވެ. އަބަދު ހިނިތުންވެފައެވެ. ލިބޭ މިންވަރަށް ޝުކުރު ކޮށްގެނެވެ. މިއުޒިކުގެ އެންމެ ބޮޑު ކުންފުނީގައި ބޮޑު އާމްދަނީ އެއް ލިބޭއިރުވެސް އަދި އެންމެ މަޝްހޫރު މިއުޒީޝަނުންނާއެކު އުޅޭއިރުވެސް އަހަރެންނަށް އެފަދަ ހިތްހަމަޖެހުމެއް ނުލިބެއެވެ. ކާއިނާތާއި ދީނާއި އަދި ދިރިއުޅުމާ ބެހޭގޮތުން އަހަރެން އޭނާއާ ކޮންމެ ސުވާލެއް ކުރިޔަސް އޭނާ ޖަވާބުދެނީ “ޤުރުއާނުގައި އޮންނަނީ މިހެން… ޙަދީޘްގައި އޮންނަނީ މިހެން….” މިފަދަ ގޮތަކަށެވެ. ކޮންމެ ސުވާލަކަށްވެސް އޭނާ ފުރިހަމައަށް ޤުރުއާނުންނާއި ހަދީޘުން ޖަވާބުދެއެވެ

އަނެއް ސަބަބަކީ 5 އޮކްޓޯބަރ 1993 ވަނަ ދުވަހު ވީ ކަމެކެވެ. އަހަރެން އެ ގަޑީގައި އުޅުނީ ރައްޓެހިންނާއެކު ބަރ އެއް (ބަނގުރާ ބޮއިގެން މަޖާކުރާ ތަނެއް) ގައެވެ. ކުއްލިއަކަށް އަހަރެންނަށް ޕެނިކް އެޓޭކެއް އައެވެ. މިފަދަ ކަމެއް ދުވަހަކު އަހަރެންނަށް ދިމާވެފައިނުވާތީ ބޭނުންވީ ކުއްލިއަކަށް ދުއްވައިގަންނާށެވެ. އަހަރެންނަށް ހީވީ ބިންގަނޑު އިރައިގެންގޮސް އޭގެ ތެރެއަށް އަހަރެން ގަނބައިގަންނާން އުޅޭހެންނެވެ. ހިތައް ވެރިވެފައިވާ މި އުނދަގޫ ހާލަތުން އަރައިގަތުމަށް ކާރަށް އަރައިގެން ކުއްލިއަކަށް ގެއަށް ދާން ދުއްވައިފީމެވެ

ގެއަށް ދިޔުމަށްފަހު، އަހަރަންގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ދެއަތް މައްޗަށް އުފުލާ ދުޢާ ކުރީމެވެ. (އެދުވަހު ދުޢާ ކުރީ ވަކި ކަލަކަށް ނޫނެވެ.) ދުޢާގައި އަހަރެން ބުނީ “ކަލާކޮ! މިއަޅާއަށް އެހީތެރިވާނދޭވެ! މިއަޅާއަށް އެހީތެރިވާނދޭވެ! މި ވޭނީ މޮޔަވުމުގެ ނުތަނަވަސްކަމުން މިއަޅާ ސަލާމަތްކޮށްފިނަމަ ދެ ހަފުތާ ވަންދެން ހުރިހާ ފާފަތަކުން ދުރުހެލިވާނަމެވެ.” ކުރުކޮށް ބުނާނަމަ އަހަރެން ކަލާނގެއާ ޑީލް އެއް ހެދީއެވެ. (ރަޙީމް ހީލާފައި ބުންޏެވެ. “އެއަށްވުރެ ކުރިން އަތް އުފުލައި އަހަރެން ބުނީ 1 މަސްވަންދެން ޙަރާމް ކަމެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އެއީ މާ ދިގު މުއްދަތެއް ކަމަށްވާތީ ދެ ހަފުތާއަށް ކުރުކޮށްލީއެވެ.”)

ނަމަވެސް ދެ ހަފުތާ ވީއިރުވެސް އަހަރެންގެ ނުތަނަވަންސްކަމަށް ލުޔެއް ނުލިބުނެވެ. މިހެންކަމުން އަލިމަގެއް ލިބޭތޯ، ޙަޔާތުގައި ފުރަތަމަ ފަހަރަށް ޤުރުއާންގެ ތަރުޖަމާ ހުޅުވާފައި ކިޔެވީމެވެ. އިއްތިފާގުން އަހަރެންނަށް ހުޅުވުނީ ސޫރަތުއް ރަޝްޙް އެވެ. އެންމެ ފުރަތަމަވެސް ކިޔުނީ އެ ސޫރަތުގެ 5-6 އާޔަތެވެ. މާނައަކީ: “ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.” މި ދެ އާޔަތް ކިޔެވުމުން އަހަރެންނަށް ލިބުނު ފަސޭހަ ބުނެދޭންވޭސް ނޭނގެއެވެ. މި ދެ އާޔަތަކީ ސީދާ އަހަރެންނަށް އަމާޒުކޮށް ބާވާލެއްވުނު ދެ އާޔަތް ބާއޭވެސް ހިތައް އަރާ ހިތްހަމަޖެހުން ލިބުނެވެ

އެހާހިސާބުން އަހަރެން މަޑުމަޑުން މިއުޒިކް ދާއިރާ ދޫކޮށްލީމެވެ. އަހަރެން މިއުޒިކް ދާއިރާ ދޫކޮށްލީ، މިއުޒިކީ ދާއިރާ ދޫކޮށްލާނެކަމަށް މީހުން ޝައްކުވެސް ނުކުރާނެހާ ދުވަސްވަރެއްގައެވެ. އެހެނީ މިއުޒިކްގެ ދާއިރާގައި އަހަރެންނަށް ނުލިބޭ ކާމިޔާބެއް މަދެވެ. އެވޯޑް ހަފްލާތަކުގައި އަހަރެންގެ އުފެއްދުންތަކަށް ރަނާއި ރިހީގެ އެވޯޑްތައް ވަރަށް ގިނައިން ލިބުނެވެ. އެންމެ މަޝްހޫރު ލަވަކިޔުންތެރިންނަކީ އަހަރެންގެ ގާތް މިތުރުންނެވެ. ވަޒީފާގައި އުޅުނީ މިއުޒިކްގެ އެންމެ މަޝްހޫރު ކުންފުނީގައެވެ. ބޮޑު އާމްދަނީއެއް ލިބެއެވެ

މިއުޒިކް ދޫކޮށްލުންވީ ވަރަށް ހިތްދަތި ކަމަކަށެވެ. އެއީ އަހަރެންގެ މުޅި ދިރިއުޅުން ބިނާވެފައިވާ ކަމެވެ. އާމްދަނީ އަކީއެއީއެވެ. ކެއުމާއި ބުއިމަކީވެސް އެއީއެވެ. ހިތްހަމަޖެހުމަކީވެސް އެއީއެވެ. އެހެންކަމުން އާމްދަނީ ހޯދުމަށް އެކިއެކި މަސައްކަތް ކުރުމަށް މަޖުބޫރުވިއެވެ. ކަންބޮޑުވާ ކޮންމެ ފަހަރަކު ނަމާދުކުރުމާއި ޤުރުއާން ކިޔެވުމުގައި ދެމިހުރީމެވެ. އަދި މުސްލިމް ރަނގަޅު ރައްޓެހިން އިޚްތިޔާރުކުރީމެވެ

އަހަރެން އިސްލާމް ވުމާގުޅިގެން ބައްޕަގެ މާބޮޑު ރިއެކްޝަނެއްނެތެވެ. ނަމަވެސް އަހަރެންގެ އުޅުމަށް (ދީނާ ގުޅޭގޮތަށް) ގެނައި ބަދަލުތަކާމެދު ބައްޕަ ހިންހަމަނުޖެހޭކަން އެނގެއެވެ. ނަމަވެސް އިސްލާމް ވުމާގުޅިގެން މަންމަ ހުރީ ވަރަށް ރުޅިއައިސްފައެވެ. “ތިއުޅެނީ މޮޔަވެގެންތަ؟ ކިހިނެއްވެގެން ތި އުޅެނީ؟ މިފަދަ ބަސްތަކުން އަހަރެންނާ ދިމާލަށް ވަރަށް ހަޅޭއްލެއްވިއެވެ

އަދި އެ ރުޅީގައި މަންމަ އާ ވާހަކަ ނުދައްކާވެސް އެތައް ދުވަހަކު ހުންނަން ޖެހުނެވެ. އަހަރެން ނަމާދުކުރާތަން ފެނުނަސް މަންމަ ވަރަށް ރުޅިއާދެއެވެ. ކުޑަމިނުން މީހަކަށް ފޯނުން “އައްސަލާމް ޢަލައިކުމް” މިހެން ގޮވާލިޔަސް ވަރަށް ރުޅިއައިސްގެން ބުނެއުޅެއެވެ. “ތިކަހަލަ ނުބައި ބަސްތައް ކިޔަނީ ކީއްކުރަންހެއްޔެވެ؟” (ނޯޓް: މަންމަ އިސްލާމްވީގޮތުގެ ވާހަކަ މީގެ ކުރިންވާނީ ކިޔައިދީފައެވެ)

ޤުރުއާން ރާގަށް ރީތިކޮށް ކިޔަވާތީ އަހަރެން އެންމެ ފުރަތަމަ އަޑުއެހި މަޝްހޫރު މީހަކީ ސާދް-އަލް-ޣާމިދީއެވެ. އޭނާގެ ހިތްގައިމު އަޑުން ސޫރަތުލް ފަޖްރުގެ ނިމޭކޮޅުން 27-30 ވަނަ އާޔަތް އަޑުއިވުމުން ހީވީ އަހަރެންނަށް ބުނެދޭން ނޭނގޭ އިޙްސާސްތަކެއް ކުރެވުނެވެ. އެ އާޔަތްތައް (ސާދް-އަލް-ޣާމިދީ ގެ ހިތްގައިމު އަޑުފުޅުން) ވިދާޅުވިއިރު އަހަރެންގެ ދެލޮލުން ކަރުނައައިސް އަހަރެން ޖަޒުބާތުތަކާ ކުޅެއެވެ. (އެ އާޔަތްތަކުގެ މާނައަކީ:  އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާށެވެ! ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ)

އަހަރެން އުންމީދު ކުރަނީ ކޮންމެވެސް ދުވަހަކުން ﷲ ތަޢާލާ މިފަދައިން ވަޙީ ކުރައްވާ އަޑު އަހަރެންނަށް އިވޭނެކަމަށެވެ. އިންޝާﷲ އެ ފުރުޞަތު ލިބޭ ދުވަހަކީ ޙަޤީގީ ނަޞީބު އަހަރެންނަށް ލިބޭނެ ދުވަހެވެ

އިސްލާމްވުމަށްފަހު އަދި ދިމާވި ދަތި ދުވަސްތަކަށްފަހު ރަޙީމް ވީ މީޑިއާގެ މީހަކަށެވެ. ދީނީ ދަޢުވަތު ދުނިޔޭގެ ކަންކޮޅުތަކަށް ފޮނުވާ ދާޢީ އަކަށެވެ.  ރަޙީމް އަކީ “އިސްލާމް ޗެނަލް” މިނަމުގައި ވަރަށް މަޝްހޫރު ދީނީ ޗެނަލެއް ހިންގުމުގައި އިސްކޮށް އުޅޭ އަދި ވަރަށް ގިނަ ޔޫޓިއުބް އަދި ސޯޝަލް މީޑިއާގެ ޕޭޖްތަކާއި ޗެނަލްތަކުގައި ދީނީ ޝޯތައް ހުށަހަޅައިދޭ ކުޅަދާނަ އަޚެކެވެ

ބައެއް މަސައްކަތްތަކާ ބެހޭގޮތުން ރަޙީމް ބުންޏެވެ. “ޙައްޖުގެ އަޅުކަން ބްރޯޑްކާސްޓްކުރުމާއި ރަސޫލު ބޭކަލުންނާ ބެހޭގޮތުން ޑޮކިއުމެންޓްރީ ތައްޔާރުކުރުމަށްޓަކާ ޙަރަމްފުޅާއި މަސްޖިދުއްނަބަވީ އަދި ޖަންނަތުލްބަޤީޢު ފަދަ މުހިއްމު ތަންތަނަށް ޒިޔާރަތް ކުރުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި މި މަންޒަރުތައް ޗެނަލްތަކުން އެތައް މިލިޔަން ބަޔަކަށް ދެއްކުނެވެ.” މާތްﷲ ރަޙީމް ޖަންގ އަށް ހެޔޮ ރަޙްމަތްލައްވާ ތެދުމަގުގައި އޭނާ ދަމަހައްޓަވާށިއެވެ! އަދި މިފަދަ ހުނަރުވެރި އެހެން ފަންނާނުން ނަށް އިސްލާމް ދީނުގެ ހިދާޔަތު ދައްކަވާށިއެވެ

މުސްލިމުން ސްޕެއިންގައި 800 އަހަރު

ދީން ފެތުރުއްވުމަށްޓަކައި، ކީރިތި ރަސޫލާ ‘ އެކަލޭގެފާނުގެ ޞަޙާބީން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފޮނުއްވެވިއެވެ. އެކަލޭގެފާނުގެ ސަހާބީން އެކި ސަރަހައްދުތަކަށް ފޮނުއްވީ ގަދަބާރުގެ ބޭނުންކޮށްގެން ހަނގުރާމަކޮށް ޣައިރު މުސްލިމުން މަރާކަށްނޫނެވެ. ނަމަވެސް ދުނިޔޭގެ ކަންކޮޅުތަކަށް ހިދާޔަތުގެ އަލި ފޯރުކޮށްދިނުމަށެވެ. މުސްލިމު ގައުމުތައް ވަށައިލެވިގެންވީ އޭރުގެ ދުނިޔޭގެ ބޮޑެތި ބާރުތަކެވެ. ތާރީޚުގެ ފަތްފުއްތަކުން އެނގޭގޮތުގައި މުސްލިމުންގެ ދައުލަތުގެ އިރުމަތީގައިވީ ފާރިސީ އެމްޕަޔަރ އާއި ސަސަރނިޑް (މިހާރުގެ އީރާނުގެ ސަރަހައްދު) އެމްޕަޔަރ މުސްލިމުންނަށް ހަމަލާދީ ޤަތުލުއާންމު ދިޔައީ ހިންގަމުންނެވެ. މިކަމާ ދެކޮޅަށް ނުކުތް އިސްލާމީ ޒުވާން ލަޝްކަރުތައް ސަސަރނިޑް އެމްޕަޔަރގެ ދަރިކޮޅުގެ ވެރިކަން ނިމުމަކަށް ގެނައެވެ.

އުތުރުގައިވީ މަޝްހޫރު ބާރުގަދަ ބީޒަންޓީން ރޯމަނުންނެވެ. އެމީހުންވެސް އެމީހުންގެ ބޯޑަރުތަކުން މުސްލިމުންނަށް ހަމަލާދިނެވެ. މި ހަމަލާތަކާ ދެކޮޅަށް ޒުވާން މުސްލިމް ދައުލަތުން ހަމަލާދީ ވަރުގަދަ ރޯމަން އެމްޕަޔަރ ބަލިކުރިއެވެ. ކުރުގޮތަކަށް ދަންނަވާނަމަ ކޮންމެ ދިމާލަކުންނަމަވެސް ކުރިމަތިވި ހަމަލާތަށް މުސްލިމް ދައުލަތުގެ ޒުވާން އަސްކަރީން ގެންދިޔައީ ދިފާޢުކޮށް ނަޞްރު ހޯދަމުންނެވެ. އިސްލާމް ދީނަކީ ސުލްހައިގެ ދީނެވެ. ހަމައެއާއެކު އިންސާފުގެ ދީންވެސްމެއެވެ. މިހެންކަމާއެކު މުސްލިމުންގެ ވަޒަނާއި އިސްލާމީ ދައުލަތާ ދެކޮޅަށް އަންނަ ޢުދުވާންތަކުން ދިފާޢުވުމުގެ ޙައްޤު މުސްލިމުންނަށްވެސް ލިބިގެންވެއެވެ.

ތާރީޚުގެ ފަތްފުއްތަކުގައި ބަޔާންކޮށްފައިވާގޮތުން މީލާދީން 642 ވަނަ އަހަރު ޢަމްރު ބުން ޢާޞް ރަޟިޔަﷲ ޢަންހުގެ ޤިޔާދަތުގެ ދަށުގައި އިސްލާމީ ކުޑަ ލަޝްކަރެއް މިސްރަށް ވަނެވެ. މިސްރުގެ މުޖްތަމަޢުގެވެސް އެއްބާރުލުމާއެކު ހަނގުރާމަކޮށް މިސްރުގައި އޭރު އަތްގަދަކޮށްފައިވާ ބީޒަންޓީން ރޯމަނުންގެ ވެރިކަން މި ކުޑަ ލަޝްކަރުން ނިމުމަކަށް ގެނައެވެ. މިޞްރުގައި އިސްލާމުންނަށް އެ ޤައުމުގެ ވަޒަންވެރިންގެ މަދަދާއި އެހީތެރިކަން ފުރިހަމައަށް ލިބުނެވެ. އެހެނީ އިސްލާމުން ކުރީ އިންސާފުވެރި، ހުރިހާ ދީނެއްގެ އަހުލުންނަށްވެސް އަމާން ވެރިކަމެކެވެ. މިސްރުން ހުޅަނގަށް އިސްލާމީ ލަޝްކަރު ފަތަހައަކަށްފަހު ފަތަހައެއް ހޯދަމުން މިސްރާބު ޖަހަމުންދިޔައެވެ. ތާރީޚީ ޢިލްމުވެރިން ބަޔާންކުރަނީ، މިފަދައިން ފަތަޙަތައް ހޯދަމުން އިސްލާމީ ފައުޖުތައް އެޓްލާންޓިކް ކަނޑުގެ އައްސޭރިއާ ހަމައަށް ވާޞިލުވިކަމަށެވެ. މަޝްހޫރު ސަލާބީ ޢުޤްބާ އިބްނި ނާފިޢާ (ރަޟިޔަﷲ ޢަންހު) ވިދާޅުވި މަޝްހޫރު ބަސްކޮޅެއްގައިވެއެވެ. “އަހަރެންނަށް މި އެޓްލާންޓިކް ކަނޑުގެ އަނެއްކޮޅުގައި ބިމެއް އޮތްކަން އެނގޭނަމަ ކަނޑު ހުރަސްކޮށް އެ ބިމަކަށްގޮސްވެސް ﷲ ގެ ދަޢުވަތު ފަތުރައި ތައުޙީދުގެ އަލިން އެ ބިމަކަށް އަލިކުރާހުށީމެވެ.”

ޢުޤްބާ އެ ސަރަހައްދުގައި ޤާއިމްވާނެ ބޭސްއެއްގެ ގޮތުގައި ޤީރުވާން ކަނޑައެޅުއްވިއެވެ. ޤީރުވާން ހިމެނޭ ތޫނިސް (މިހާރުގެ ޓިއުނީޝިއާ) ސަރަހައްދަކީ މުސްލިމުންގެ މަރުކަޒީ ސަރަހައްދަކަށް ހެއްދެވިއެވެ. އަދި އެސަރަހައްދު ވެގެންދިޔައީ އިރުމަތިން ހުޅަނގަށް ދަތުރުކުރާ ގާފިލާތަކާއި މެޑިޓްރޭނިއަން ކަނޑު ހުރަސްކޮށް ދަތުރުކުރާ ފަރާތްތަކަށް ބަނދަރެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުންވެސް އެއްގަމު މަގުން ދެކުނުގެ ޤައުމުތަކަށް ދަތުރުކުރެވޭ މައި ހަބަކަށްވެސް ވެގެންދިޔައެވެ.

މީލާދީން 705 ވަނަ އަހަރަށް އަލިވިލުނުއިރު މި ރީޖަންގައި އިސްލާމް ދީން ދިޔައީ ހަލުވި ވިދުވަރެއް ފަދައިން ފެތުރެމުންނެވެ. އެއީ އެއްވެސް ހާލެއްގައި އަސްކަރީ ބާރުގެ ބޭނުންކޮށްގެނެއްނޫނެވެ. ނަމަވެސް އަނިޔާވެރި ވެރިކަންތަކުން ނުކުމެ ހެޔޮލަފާ ވެރިކަމެއްގެ ދަށަށް އައިސް އުޅެން ބޭނުންވި މީހުންގެ ޢަދަދު ގިނަވެ އިސްލާމުންގެ އިހްސާންތެރިކަމާއި އޯގާތެރިކަން އޭގެ ކޮޅުނެތްކޮޅަށް ލިބެމުންދިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ހަމައެއާއެކު އިސްލާމުންގެ ވިޔަފާރީގައިވެސް ބައިވެރިވެ ނަފާ ހޯދުމުގެ ޝައުޤު މުޅި ދުނިޔޭގެ ކަންކޮޅުތަކުގައި އުފެދިފައިވި ބޮޑުކަމުންނެވެ. މިކަންކަމާހުރެ އިސްލާމްދީން ފަތުއަޑުކިޔާފައި ފެތުރެމުންދިޔައީ ޠަބީޢީ ހަމަތަކާއެއްގޮތަށް ޣައިރު މުސްލިމުންނަށް ފެނިގެން އެމީހުންގެ ރުހުމާއެކުގައެވެ. އަދި ޣައިރު މުސްލިމުންގެ ގޮތުގައި ތިބި އެތައް ބަޔަކު މުސްލިމުންގެ ވެރިކަމުގެ ދަށަށް އައިސް ޢަރަބިބަހާއި އިސްލާމީ ޙަޟާރަތުން ދިޔައީ ޢިލްމު އުނގެނެމުންނެވެ. މިހެންވެ ބަޔާން މިކުރި ދުވަސްވަރު (މިހާރު މީހުން އިނގިރޭސި ބަސް އުނގެނޭހެން) ޢަރަބި ބަސް ވެގެންދިޔައީ އާންމުކޮށް ދުނިޔޭގެ ކަންކޮޅުތަކުގައި ޣައިރު މުސްލިމުންވެސް ވިޔަފާރިއާއި، ސައެންސާއި މުއާސަލާތުގެ ކަންކަމުގައިވެސް މުއަމަލާތުކުރަން ބޭނުންކުރި މައިގަނޑު ބަހަކަށެވެ. އާދެ! ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ބަހަށެވެ.

ތާރީޚީ ލިޔުންތަކުން ފެންނަންއޮތް ގޮތުގައި މީލާދީން 711 ވަނަ އަހަރު އުތުރު އެފްރިކާގައި ހުރި މުސްލިމް ލީޑަރު މޫސާ ބިން ނުސައިރު (ރަޙިމަހުﷲ) ގެ ޤިޔާދަތުގެ ދަށުން ތައުޙީދުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް އިސްނެންގެވިއެވެ. މިގޮތުން އައިބީރިއަން ޕެނިންސިއުލާ ގެ ވަށައިގެން ދިރިއުޅެމުންދިޔަ ޔަހޫދީންނާއި ކްރިސްޓިއަނުންނަށް ޚާއްޞަކޮށް ފޯކަސްކުރެއްވިއެވެ.

މުސްލިމް ލީޑަރު މޫސާ ބިން ނުސައިރު (ރަޙިމަހުﷲ) އެކަލޭގެފާނުގެ ޒުވާން ޖެނެރަލް ޠާރިޤް ބިން ޒިޔާދުގެ ޤިޔާދަތުގައި ފަރުބަދައިން އެކުލެވިގެންވާ ޖަބަލް ޠާރިޤް (މިހާރުގެ ޖިބްރޯލްޓަރ) އަށް ލަޝްކަރެއް ފޮނުއްވެވިއެވެ. ޖެނެރަލް ޠާރިޤް ބިން ޒިޔާދު އެ ބިމަށް ވަޑައިގެންނެވީ 17000 މުސްލިމުންގެ “ކުޑަ” ލަޝްކަރަކާއެކުގައެވެ. އިސްލާމީ ލަޝްކަރުން މިތަނުގައި ކުރިމަތިލީ ވިޒިގޯޓްސް ބާރުތަކާއެވެ. ތާރީޚުން ހާމަވާގޮތުގައި ވިޒިގޯޓްސްގެ ރަސްގެފާނު ރޮޑްރިކްގެ ލަޝްކަރުގައި އެއްލައްކަ ހަނގުރާމަވެރިންވިއެވެ. މިފަދަ ބިޔަ ބޮޑު ލަޝްކަރާ އިސްލާމީ “ކުޑަ” ލަޝްކަރުން ހަނގުރާމަކޮށް ﷲ ގެ ރަޙްމަތުން ފަތަޙަ ހޯދިއެވެ. އެއަށްފަހު އެ ބިމުން ކުރިއަށްގޮސް މިހާރުގެ ސްޕެއިންއާއި ޕޯޗުގަލްގެ ސަރަހައްދަށް ވަނެވެ.

މީލާދީން 755 ވަނަ އަހަރު މި ސަރަހައްދު (ފަހުން މަޝްހޫރުވެގެންދިޔަ އަލްއަންދަލުސް) އަށް ޢަބްދުއްރަޙްމާން އައް ސަޤަރު ޒިޔާރަތްކުރެއްވިއެވެ. މިކަލޭގެފާނަކީ އުމައްޔަތު ދަރިކޮޅުގެ ލީޑަރެއްގެ ގޮތުގައި އުޅުއްވަމަށްފަހު އިރުމަތީގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެވެރިކަން ދޫކޮށް އަންދަލުސްއަށް ވަޑައިގެންނެވި ކަލޭގެފާނެކެވެ. މިކަލޭގެފާނަކީ އަމީރުލް މޫމިނީން (ލީޑަރު) ކަމަށް އަންދަލުސްގެ ވަޒަންވެރިން ރުހިގެން ހަމަޖެހުނެވެ. މިކަލޭގެފާނުގެ ޤިޔާދަތުގައި ސިޓީއެއް، ޤުރުޠުބާ (މިހާރުގެ ސްޕެއިންގެ އަންދަލޫސިޔާ ސަރަހައްދުގެ ސިޓީއެއް) ބިނާކުރެއްވިއެވެ. މި ސިޓީއަކީ މިހާރުގެ ސްޕެއިނާއި ޕޯޗުގަލް އަދި އެ ރީޖަންގެ ވަށައިގެންވާ ތަންތަނުގެ އިސްލާމީ ވެރިރަށުގެ ގޮތުގައި ހަމަޖެއްސެވިއެވެ. މި ސަރަހައްދު ވެގެންދިޔައީ ދީނީގޮތުންނާއި ޙަޟާރަތުގެ ގޮތުން މަރުކަޒީ ބިމަކަށެވެ. މުސްލިމުން ޤުރުޠުބާއަށް އައިއިރު އެ ބިމަކީ މަސީހީ (ކްރިސްޓިއަން) އެތަކެއް ފައްޅިތަކެއް ހިމެނޭ ބޮޑު ބިމެކެވެ.

މުސްލިމް ދައުލަތުން އަގު ދީފައި މިތަނުން ނުހަނު ބޮޑު ފައްޅިއެއް ގަނެފައި އެތަން އިސްލާމީ އާކިޓެކްޗަރ ގެ އަލީގައި ރީތި މިސްކިތަކަށް ބަދަލުކުރިއެވެ. މި މިސްކިތަކީ އޭރު މުޅި ޔޫރަޕްގައިވެސް ހުރި ﷲ އަށް އަޅުކަން ކުރާ އެންމެ ބޮޑު ބިނާއެވެ. އެ ސިޓީގެ މަގުތަކުގައި ފެނުގެ އެކިއެކި އާރުތައް ބިނާކުރިއެވެ. ތަރައްޤީގެ މަގުގައި އެސިޓީއަށް މުސްލިމުން ގެނައި ކުރިއެރުންތަކާއެކު މީލާދީން 1000 ވަނަ އަހަރަށް އަލިވިލުނު އިރު ޤުރުޠުބާ އަކީ ދުނިޔޭގެ އެންމެ ބޮޑު ސިޓީއެވެ. ކޮންމެ ގޮތަކުން ބެލިޔަސް އެއީ ދުނިޔޭގެ އެންމެ މުހިއްމު އެއް ސިޓީއެވެ. ތާރީޚުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި އެ ދުވަސްވަރު ޤުރުޠުބާގައި އެކަނި ގާތްގަނޑަކަށް މީހުން ދިރިއުޅެން އުސްކޮށް ހެދިފައިވި ދެލައްކަ ގެ، 600 މިސްކިތް، އާންމުން ފެންވެރުމަށް ބޭނުންކުރާ 900 ވެޔޮ، 50 ހަސްފަތާލު ބިނާކުރެވިފައިވެއެވެ. އަދި އެއީ ބޮޑެތި ބާޒާރުތަކާއި ޓްރޭޑް ޔޫނިއަނުންގެ ރޯލު ފުޅާވެފައިވާ ސިޓީއެކެވެ. މިގޮތުން ހެދުން ވިޔެ އޭގެ ވިޔަފާރިކުރާ 15000 އަށްވުރެ ގިނަ ވިޔަފާރިވެރިން އެ ސިޓީގައި އުޅުނުކަމަށްވެއެވެ. މިހާރުވެސް އެ ސިޓީގައި ފެންނަން އެހުރި އޭރުގެ ހުކުރު މިސްކިތަކީ އާކިޓެކްޗަރ ގެ ގޮތުން މިހާރުވެސް މީހުން މިސާލު ނަގައިއުޅޭ ޗާލު ބިނާއެކެވެ. މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރެވިފައިވާ މިސްކިތްތަކުގެ ތެރެއިން އެތައް ސަތޭކަ މިސްކިތަކީ މި މިސްކިތުގެ ޑިޒައިން ނަކަލުކޮށްފައިވާ މިސްކިތްތަކެވެ.

އެ ދުވަސްވަރު ޔޫރަޕާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ބިންތަކަކީ އަނދިރި ބިންތަކަކަށްވިޔަސް ޤުރުޠުބާ އަކީ އަލިކުރެވިފައިވާ ސިޓީއެކެވެ.

އެ ސީޓީގެ ކޮންމެ ދިމާލަކުން ހިނގިނަމަވެސް 10 މޭލަށް މަގުތައް ވަނީ އަލިކުރެވިފައެވެ. އޮއިދެމޭ ފެނުގެ ކޯރުތައް މުޅި ސިޓީގެ މަގުތަކުގައިވަނީ ޤާއިމްކުރެވިފައެވެ. ޢިލްމު ފެތުރުމަކީ މި ހުރިހާ ކަމަކަށްވުރެންވެސް ޤުރުޠުބާގެ މުސްލިމް އަމީރުން އިސްކަން ދެއްވި ކަމެކެވެ. މީލާދިން 961 އިން 976 އަށް ޤުރުޠުބާ ގައި ވެރިކަންކުރެއްވި ޚަލީފާ ޙަކަމް 3 ވަނަ ގެ ވެރިކަމުގައި އެމަނިކުފާނު ބިނާކުރެއްވި ޕްރައިވެޓް ކުތުބުޚާނާ (ލައިބްރަރީ) ގައި ހަތަރުލައްކަ ފޮތް ހިމެނޭކަމަށް ތާރީޚީ ލިޔުންތަކުން ހާމަވެއެވެ.

ޤުރުޠުބާ ގައި 1027 އިން 1031 އަށް ވެރިކަން ކުރެއްވި ޚަލީފާ ޙިޝާމް 3 ވަނަ ގެ ވެރިކަމުގައި އެ މަނިކުފާނަށް އިނގިރޭސި ރަސްގެފާނު ޖޯޖް 2 ވަނައިގެ ސިޓީއެއް ލިބުނެވެ. އެ ސިޓީގައި ވަނީ މިފަދައިންނެވެ.

“އިނގިރޭސި، ސްވިޑްން އަދި ނޯވޭގެ ރަސްގެފާނު ޖޯޖް 2 ވަނަ ގެ ފަރާތުން ސްޕެއިންގެ މުސްލިމް ރަސްކަމުގެ އައުދާނަކަމުން މޫރިތިވެގެންވާ ޢިއްޒަތްތެރި ޚަލީފާ ޙިޝާމް 3 ވަނަ އަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ.

އަޅުގަނޑުމެނަށް އެނގިފައިވާގޮތުން މަނިކުފާނުގެ ޤައުމަކީ އަހަރުމެންގެ ޤައުމާ އަޅާބަލާއިރު ޢިލްމާއި، ޓެކްނޯލޮޖީ އާއި ސިނާޢަތާއި މަދަނީ ރައްވެހިކަމަށްބަލާއިރު މާ ކުރީގައިވާ ޤައުމެކެވެ. އެހެންކަމުން އަޅުގަނޑުމެން ބޭނުންވަނީ ތަރައްޤީ އާއި ތަހުޒީބުގެ މާބޮޑު ކުރިއެރުމެއްނެތް އަޅުގަނޑުމެންގެ މި ޤައުމުގައި ދިރިއުޅޭ ޒުވާނުން މަނިކުފާނުގެ ޤައުމުގެ ކުރިއަރާފައިވާ ވަޞީލަތްތަކާއި ކާމިޔާބު ހިޔާވަހިތަކުން ތަޢުލީމު އުނގެނުމުގެ ފުރުޞަތު ހޯދާދިނުމަށެވެ.

އަޅުގަނޑުމެން އުންމީދުކުރަނީ މިފުރުޞަތު މަނިކުފާނު އަޅުގަނޑުމެންނަށް ދެއްވައިފިނަމަ އޭގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާނުންނަށް އެކަށީގެންވާ ތައުލީމެއް ދެވި، ކުރިމަގަށް ރަނގަޅު ޖީލެއް ބިނާކުރެވޭނެކަމަށެވެ. އަޅުގަނޑުގެ ދައްތަގެ އަންހެން ދަރިފުޅު އަމީރާ (ޕްރިންސަސް) ޑޯބާންޓް އާއި އިނގިރޭސި މާތް އަންހެން ކުދިންގެ ގުރޫޕަކަށް މަނިކުފާނުގެ ޢިލްމީ މުވައްޒަފުންގެ ފަރާތުން ތައުލީމުގެ ފުރުޞަތެއް ދެއްވާތޯ އަދަބުވެރިކަމާއެކު ދަންނަވަމެވެ. މަނިކުފާނުގެ ބިމުގައި ޢިލްމު އުނގެނުމަކީ މި މާތް އަންހެން ކުދިންނާއި އަޅުގަނޑުމެންގެ ޤައުމަށްވެސް ލިބޭ ޝަރަފަކަށެވެ. މި ޒުވާން އަމީރާ ދާއިރުގައި އޭނާގެ ހަވާލުގައި ޢިއްޒަތްތެރި މަނިކުފާނަށް ހަދިޔާއެއް ފޮނުވާފައިވާނެއެވެ. އަޅުގަނޑުމެންގެ މި ދަޢުވަތު ޤަބޫލުކުރައްވައިފިނަމަ އެއީ އަޅުގަނޑުމެންނަށް ލިބޭނެ ހާދަބޮޑު ޝަރަފެކެވެ.

މަނިކުފާނަށް ކިޔަމަންތެރި ޚާދިމް (ރަސްގެފާނު) ޖޯޖް 2 ވަނަ”

ބަޔާންމިކުރި ސިޓީއަކީ އެ ޒަމާނުގައި މުސްލިމުން ކުރިއަށް ގޮސްފައިވާ މިންވަރު ދައްކުވައިދޭ ވަރަށް އަލިގަދަ ދަލީލެކެވެ.

އާ ސާސްކަފުގެ ފެށުމާ ގުޅިގެން 2000 ވަނަ އަހަރު ނެރެވުނު ފޮތެއްގައި މީލާދީން 1000 ވަނަ އަހަރު ދުނިޔެ އޮތްގޮތާ ބެހޭގޮތުން ތަފްސީލު މައުލޫމާތުތަކެއް ބަޔާންކޮށްފައިވެއެވެ. ފޮތުގައިވާ މައުލޫމާތަށް ބަލާއިރު އޭރު ދުނިޔޭގައި ދިރިއުޅުނީ ގާތްގަނޑަކަށް 280 މިލިޔަން މީހުންނެވެ.

މި ފޮތުގައި ހަވާލާދީފައިވާ ދިރާސާއެއްގައި، މީލާދީން 1000 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު 10 ސިޓީ ބަޔާންކޮށްފައިވެއެވެ. އެއީ؛

ޤުރުޠުބާ (ކޮއްޑޯބާ)، ސްޕެއިން-

ކެއިހެއިން (ޗައިނާގެ ބައެއް)-

ކޮންސްޓެންޓިނޯޕޮލް (އިސްތަންބޫލް) – މިހާރުގެ ތުރުކީގެ ބައެއް-

އެންކޯރ (ކެމްބޯޑިއާ)-

ކިޔޯޓޯ (ޖަޕާން)-

ޤާހިރާ (ކައިރޯ) – މިސްރު-

ބަޣްދާދު (ޢިރާޤް)-

ނެއިޝަރޕޫރް (ފާރިސްކަރަ) – މިހާރުގެ އީރާންގެ ބައެއް-

އަލް ޙަސާ (މިހާރުގެ ޢަރަބިކަރައިގެ ބައެއް)-

އިސްފަޙާން (ފާރިސްކަރަ) – މިހާރުގެ އީރާންގެ ސިޓީއެއް-

މަތީގައި މިބަޔާންކުރި ދުނިޔޭގެ އެންމެ ބޮޑު 10 ސިޓީގެ ތެރެއިން 6 ސިޓީ އަކީ އިސްލާމީ ވެރިކަން ހިނގަމުންދިޔަ މުސްލިމް ވެރިރައްތަކެވެ. މިއިން ދައްކައިދެނީ އިސްލާމީ ތާރީޚުގެ މެދުޒަމާނުގެ އެންމެ އުޖާލާ ދުވަސްތަކުގައި މުސްލިމުން ހޯދި ތަރައްޤީ އާއި ތަހުޒީބެވެ. އަދި މުސްލިމުންގެ އާރާއި ބާރުގެ ރަމްޒެވެ.

މުސްލިމް މި ސިޓީތަކުގައި ހޯދި ތަރައްޤީއާއި ތަމައްދުންގެ ސަބަބުން މުޅި އިންސާނީ ދަރިފަސްކޮޅަށް އިންޤިލާބީ ބަދަލުތަކެއް ގެނުވިއެވެ. ޣައިރު މުސްލިމް ޤައުމުތަކުންވެސް މުސްލިމް މި ސިޓީތަކަށް އެމީހުންގެ ދަރިން ތައުލީމު ހާޞިލުކުރުމަށް ދިޔައީ ފޮނުވަމުންނެވެ. އަންދަލުސް އެކަންޏެއްނޫނެވެ. އުތުރު އެފްރިކާގެ ޤީރުއާން (މިހާރުގެ ޓިއުނީޝީއާގެ ސިޓީއެއް)، މިސްރުގެ ޤާހިރާ (ކައިރޯ)، ޢިރާޤުގެ ބަޣުދާދަކީ ތަހުޒީބާއި ތަމައްދުންގައި ދުނިޔޭގައި އޭރު ނަގާކިޔާ ސިޓީތަކެވެ. އެ ސިޓީތަކަށް ޢަރަބިބަހާއި އަދި އެކިއެކި ޢިލްމުތައް އުނގެނި ދަސްކުރުމަށް (މިހާރު އެމެރިކާއި އިނގިރޭސި އަދި ފަރަންސޭސި ޔުނިވަރސިޓީތަކަށް މީހުން ދާފަދައިން) މީހުން ދިޔައީ ހިޖުރަ ކުރަމުންނެވެ.

ކުރިންވެސް ބަޔާންކުރިހެން ޤުރުޠުބާ އަކީ އޭރު ދުނިޔޭގެ އެންމެ ބޮޑު ސިޓީގެ އިތުރުން ޢިލްމާއި، ޓެކްނޯލޮޖީ އާއި ސައެންސާއި ސަޤާފަތާއި ފިލޯސަފީގެ ރޮނގުންވެސް ދުނިޔޭ އެންމެ ބޮޑެތި ޢިލްމުވެރިން ތިބި ސިޓީއެވެ. މިހާރުގެ ޒުވާން ކުދިންވެސް ޤަދީމީ ތާރީޚް ރަނގަޅަށް ކިޔައިފިނަމަ ފެންނާނެ އެންމެ ބޮޑު އެއް ޙަޤީގަތަކީ މުސްލިމް ސައެންސް ވެރިންނާއި ޢިލްމުވެރިން ކުރިއަށްގޮސްފައިވި މިންވަރެވެ. ގިނަ ތާރީޚީ ފޮތްތަކުން ދައްކާ އެއް ޙަޤީގަތަކީ މެދު ޒަމާނުގައި ދުނިޔޭގެ ޣައިރު މުސްލިމް ޤައުމުތައް ޖާހިލު އަނދިރިކަމެއްގައި އޮތްނަމަވެސް 7 ވަނަ ޤަރުނުން ފެށިގެން 17 ވަނަ ޤަރުނާ ހަމައަށް ވަކިން ޚާއްޞަކޮށް މުސްލިމް ޢިލްމުވެރިންނާއި ސައެންސްވެރިންވަނީ އިންޤިލާބީ ކާމިޔާބުތަކެއް ހޯދާފައެވެ. މުސްލިމް ސައެންސްވެރިން ހޯދި ކާމިޔާބުތައް ބަޔާންކޮށް ޝާއިޢުކުރެވުނު އެއް ލިޔުމެއްގައި ބަޔާންކޮށްފައިވާގޮތުން ކުރިން ބަޔާންކުރި ޒަމާނުގައި މި ބަޔާންކުރާ ސައެންސްގެ ޢިލްމުތައް ތަރައްޤީކޮށް އުފެއްދީ މުސްލިމް ޢިލްމުވެރިންނެވެ. އެއީ؛ އަލްޖިބްރާ، އެނެސްތީސިއާ، ބަޔޮލޮޖީ، ބޮޓަނީ، ކާޑިއޮލޮޖީ، ކަރޓޯގްރަފީ، ކެމިސްޓްރީ، ޑަރމަޓޮލޮޖީ، އީކޮލޮޖީ، އެމްބްރިއޮލޮޖީ، އިމަރޖެންސީ މެޑިސިންގ، އެތްނޯގްރަފީ، ޖިއޯގްރަފީ، ޖިއޮލޮޖީ، ގައެނެކޮލޮޖީ، ހޯޓިކަލްޗަރ، ހިއުމަން ފިޒިއޮލޮޖީ، އިންޓަރނަލް މެޑިސިންގ، މެޑިކަލް އެތިކްސް، މެޓަލުއަރޖީ، މިނޮރޯލޮޖީ، މޮޑަރން ސައެންސް، މޮޑަން މެޑިސިންގ، މޮޑަން އެރެތްމެޓިކް، އޮބްސްޓެޓްރިކްސް، އޮޕްޓިކްސް، އޯތޮޕީޑިކްސް، ޕެތެލޮޖީ، ޕެރެސައިޓޯލޮޖީ، ފާރމަކޮލޮޖީ، ޕްރިވެންޓިވް މެޑިސިންގ، ސައިކޭޓްރީ، ސައިކޯލޮޖީ، ޕަބްލިކް ހެލްތު، ޕަލްމޮނަރީ މެޑިސިންގ، ސޯޝިއޮލޮޖީ، ޓޮކްސިކޮލޮޖީ، ޓްރިގޮނޮމެޓްރީ، ޔޫރޯލޮޖީ، ވެޓެރިނަރީ މެޑިސިންގ އަދި ޒޫލޮޖީއެވެ.

ތާރީޚުގެ ސަފްހާތަކުން ފެންނަނީ ހަމައެކަނި ސައެންސްގެ މައިދާނުގައި މުސްލިމުން ހޯދި ކާމިޔާބުތައް އެކަންޏެއްނޫނެވެ. ނަމަވެސް އެހެން ބައެއް ފަންނުތައްވެސް ތަރައްޤީ ކުރުމުގެ ޙަޤީޤީ ކްރެޑިޓް ލިބެނީ މުސްލިމު ޢިލްމުވެރިންނަށެވެ. މިސާލަކަށް؛

އެކޫސްޓިކްސް، އެގްރޮނޮމީ، އެނެޓޮމީ، އެސްޓްރޮނޮމީ، ކަލްކިއުލަސް، އިލެކްޓްރޯކެމިސްޓްރީ، އެންޖިނިއަރިންގ، ޖެނެޓިކްސް، ޖިއޯމެޓްރީ، ޖިއޯފިޒިކްސް، މެޓްރޯލޮޖީ، ފިޒިކްސް އަދި ޓެކްސޯނޮމީ ފަދަ ދާއިރާތައް ހިމެނެއެވެ.

މުސްލިމް ސައެންސް ވެރިންނާއި ޢިލްމު ވެރިންގެ މި އީޖާދުތަކާއި ކުރިއެރުންތައް ނުގެނައިނަމަ ދުނިޔެއަށް އެއައި ހެޔޮ ބަދަލުތައް އައުމަކީ ދުރުކަމެކެވެ. ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ނަބަވީ ބަޝާރަތު (ހެޔޮ ޚަބަރު) ތަކުން ހިތްވަރު ލިބިގެން މުސްލިމުން އީޖާދުކުރި ޢިލްމުތައް މިނޫންވެސް ވަރަށް ގިނައެވެ. ޒީރޯ (ސުމެއް) ގެ ކޮންސެޕްޓަކީވެސް މުސްލިމުންގެ އުފެއްދުމެކެވެ. ރޯމަން ނަންބަރުން މިހާރު އެންމެން މިކިޔާ 1، 2، 3 ގެ ހިސާބު ސިސްޓަމަށް ނަންބަރުތައް ބަދަލުކުރީ މުސްލިމް ޢިލްމުވެރިންނެވެ. އަދި މިހާރުވެސް ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކުގައި ބޭނުންކުރަމުންދާ ކިތަންމެ އުޞޫލުތަކަކީ ޤަދީމީ ޒަމާނުގެ އިސްލާމީ ޔުނިވަރސިޓީތަކުން ނަކަލުކޮށްފައިވާ ކަންކަމެވެ. މަޝްހޫރު ޢިލްމުވެރިޔާ ޢިބްން ޚަލްދޫން ތާރީޚާއި ސޯޝިއޮލޮޖީއަށް ކޮށްދެއްވާފައިވަނީ އަގުނުކުރެވޭފަދަ ޚިދުމަތްތަކެކެވެ. އަލްޖަބްރް (އަލްޖިބްރާ)، އަލް-ކީމިޔާ (ކެމިސްޓްރީ) ފަދަ މިހާރުގެ ސައެންސާ ގުޅުންހުރި އެތައް ސަތޭކަ މާއްދާތަކެއްގެ ބިންގާއެޅީ މިދެންނެވި ދުވަސްވަރުގައި މުސްލިމް ޔުނިވަރސިޓީތަކުގައެވެ.

މީގެ އިތުރުންވެސް އެހާތަނަށް ދުނިޔޭގެ ކަންކޮޅުތަކުގައި ބޭނުންވެސް ނުކުރާ އާ އުފެއްދުންތައް މުސްލިމުން ވަނީ ދުނިޔެއަށް ތައާރަފުކޮށްދީފައެވެ. މީގެ ތެރޭގައި ކަފަ، މޫނުބަލާ ލޯގަނޑު، މަގުމަތީ ބައްތިތައް، ލޮނު، ކަރުދާސް ފަދަ އުފެއްދުންތައް ހުޅަނގު ދުނިޔެއަށް ތައާރަފުކުރީ މުސްލިމުންނެވެ.

ކުލަ ބިއްލޫރި، އަސޭމިރުސް، ސިލްކް (ފަށުވި)، ބޭސްފަރުވާގެ ހާބްތައް، ރުމާލު، ޑިއޯޑަރަންޓް، ކަރާސީނު، ކޮޓަން ފޮތި، ހަވާ، ޕޯސްޓް ސްޓޭމްޕް، ފޮތް ބައިންޑްކުރުން، ގަޑި، ސައިބޯނި، އެސްޓްރޯލޭބްސް، ކޮމްޕަސް، ސްލައިޑްރޫލްސް، ތަރުމޫޒު، ސަރޖިކަލް އާލާތްތައް، ވިންޑްމިލްސް، މެލަންސް، ސިޓްރަސް ފުރުޓްސް، ކާޕެޓް، ނަންބަރު އައިނު މިފަދަ ކިތަންމެ އެއްޗެކެވެ.

މީގެ އިތުރުން އެންސައިކްލޮޕީޑިއާ، ސަލްފިއުރިކް އެސިޑް ފަދަ އުފެއްދުންތައް ހިމެނެއެވެ. ޔޫރަޕްގެ ތަރައްޤީއާއި ތަމައްދުންގެ ބިންގަލަކީ މި ކުރިއެރުންތަކެވެ. ތާރީޚުން ފެންނަނީ އިސްލާމުން މި ކުރިއެރުންތައް ހޯދުމަށްފަހު އެހެން މީހުންނަށް އެ ޢިލްމުތައް ދަސްކޮށްދީ ދުނިޔޭގެ އުތުރާއި ދެކުނަށް އަދި އިރުމައްޗާއި ހުޅަނގަށް ތަހުޒީބާއި ރަށްވެހިކަން ފަތުރާފައިވާކަމެވެ. މިއަދު މި ތަރައްޤީ ވެފައިވާ ދުނިޔެއަށް އައި ޓެކްނޯލޮޖީ އައީ ޖާދުލަކުންނޫނެވެ. އެއީ ކުރިން މިބަޔާންކުރި ޒަމާނުގައި ސްޕެއިންގައި އޮތް އިސްލާމީ ފަޚުރުވެރި ވެރިކަމުގެ މުސްމިމް ޢިލްމުވެރިން އުފެއްދި ޢިލްމު ތަރައްޤީވެ ކުރިއަރައި ދިޔުމުގެ ނަތީޖާއެވެ. ސްޕެއިންގެ އޭރުގެ މުސްލިމުން ވެރިކަން ކުރި ސިޓީތައްކަމަށްވާ (މިހާރުގެވެސް ސްޕެއިންގެ ސިޓީތައްކަމަށްވާ) ޓޮލޭޑޯ، ސެވިއްޔާ، ގްރެނާޑާ، ކޯރޑޯބާ (ޤުރުޠުބާ)، ވެލެންސިޔާ އަކީ މުޅި ޔޫރަޕް ގައި އެއްވެސް ޢިލްމެއް ނެތްއިރުވެސް ބޮޑެތި ޔުނިވަރސިޓީތައް ހަދައި ޢިލްމު އުފައްދަމުންދިޔަ ސިޓީތަކެވެ. އެ ހަނދާންތައް މި ސިޓީތަކުގައި އަދިވެސް އެބަހުއްޓެވެ.

ރޯމަން އެމްޕަޔަރ ވެއްޓުމާއެކު ސައެންސްވެރިންނާއި ޢިލްމުގެ އަހުލުވެރިންނަށް ބޮޑެތި އަނިޔާތަކެއް ދިނެވެ. އަދި ޢިލްމު އުނގެނުމަކީ މުޅިން މަނާކަމަކަށް އޭރުގެ ބާރުތަކުން ދިޔައީ ހަދަމުންނެވެ. ނަމަވެސް ސްޕެއިނާއި އެފްރިކާ އަދި ޢަރަބިކަރައިގާ އޮތް އިސްލާމީ ވެރިކަންތަކުން ކަންކުރީ ދިމާ އިދިކޮޅަށެވެ. ޢިލްމު އުނގެނުން އާންމުވިއެވެ. ޢިލްމު އުފެއްދުމަކީ އެންމެ ބޮޑު އެއް މަސައްކަތައް ވެގެންދިޔައެވެ. އެއްބަޔަކު އަނެއްބަޔަކަށް އަޅާލުމާއި އެކަށް އެނގޭ އެއްޗެއް އަނެކަކަށް ދަސްކޮށްދިނުމާއި ވަކި ނަސްލަކަށް ކުލައަކަށް ބެލުމެއްނެތި އާންމު މަސްލަހަތަށް އިސްކަންދީ، ސާފްތާހިރުކަމަށް ސަމާލުކަން ދިނުމަކީ އެހެން ޘަޤާފަތްތަކުގައި އޭރު އޮންނަ ކަމެއްނޫނެވެ. އެހެނެއްކަމަކު އެއީ މާކުރީއްސުރެ އިސްލާމުން އިސްކަން ދިން ކަންކަމެވެ. އަދި މިއީ ކީރިތި ޤުރުއާނާއި ޙަދީޘްގެ މުހިއްމު ބައިތައް އޭގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ.

އަންދަލުސްގެ މުސްލިމުންނާއި އެފްރިކާ، ޔޫރަޕް، އިންޑިޔާ އަދި އަރަބިކަރައިގެ އިސްލާމީ ވެރިކަންތަކުން ބިނާކުރި ރައްޔިތުންނަކީ ޙަޟާރަތާއި ތަމައްދުންގެ އަލިގަދަ ދަންމަރުތައް އެއް ޖީލުން އަނެއް ޖީލަށް ވާރުތަކުރި ރައްޔިތުންނެވެ. މިއީ ނޯތު އެފްރިކާ ހުރަސްކޮށް ޔޫރަޕްގައި އިސްލާމުން ކުރި ނަމޫނާ ވެރިކަމުގެ ވަރަށް ކުޑަ މިންވަރެކެވެ. މި ބޮޑު ކުރިއެރުން ދުނިޔެއަށް ގެނައި ސްޕެއިންގެ އިސްލާމީ ވެރިކަން ނިމުނުގޮތާއި ކަންކަން ދިޔަގޮތް އެއީ މުޅިން އެހެން ވާހަކައެކެވެ. އެކަންވެސް ލަސްނުކޮށް ﷲ ގެ ވާގިފުޅާއެކު ބަޔާންކުރާނަމެވެ.

އެސްފީނާއަކީ ހަޤީޤަތެއް: ފެށީ ޓިކްޓޮކް ލައިވްއަކުން. ލައިވް ނިމުނީ ތުއްތު ދެކުދިންގެ މަރާއެކު

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިއަދުގެ މި ވާހަކައިން އަޅުގަނޑުމެން އުނގެނެންވީ ހަމައެކަނި އެއް ކަމެކެވެ. އެއީ ނަބިއްޔާ ﷺ ގެ ޙަދީޘްފުޅެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އެސްފީނާއަކީ (ނުވަތަ އެސްފީނާގެ އަސަރަކީ) ޙައްޤު ތެދެކެވެ. އެއީ ޙަޤީޤަތެކެވެ. އަދި ކޮންމެ މީހަކަށްވެސް އެއިގެ އަސަރު ފޯރާފާނެއެވެ

ސައުދީ އަރަބިއްޔާގައި ދިރިއުޅެމުން، ޖަމާޢަތްތެރި އުޚުތަކު ކިޔައިދީފައިވާ މި ވާހަކައަށް އަޑުއަހާށެވެ. އޭނާ ބުންޏެވެ. “އެއްދުވަހަކު އަހަންނަށް ފޯނުކޯލެއް އައެވެ. އެއީ މައްޔިތަކު ހިނަވައިދިނުމަށް ހިނަވާގެއަށް އައިސްދިނުމަށް އެދިއެވެ. އަހަރެން އާދައިގެ މަތިން އޯކޭއޭ ބުނެ އެތަނަށް ދިޔައީމެވެ. އަހަންނަށް އެތަނަށް ވަދެވުނު ވަގުތު، އަދި ވަނުމުގެ ކުރިންވެސް، ވަރަށް ބާރަށް ރޮއި ހޭޅޭ އަޑު އިވުނެވެ. އެހެން އަންހެނުންތައް ދިޔައީ ހަޅޭއްލަވައި ރޮމުންނެވެ. އެއީ ވަރަށް ދެރަވެފައިވާ ޙާލަތެކެވެ. އަހަރެން އެތަނަށް ވަނީމެވެ. އަހަރެން ވަތްއިރު އެތާ ތިބި އަންހެން ގާތްތިމާގެ މީހުން ރޮމުންދިޔަ އަޑު އިވެއެވެ. ނަމަވެސް ހިނަވާ އެނދުމަތީގައި، އަހަރެން ހިނަވައިދޭން އޮތް މައްޔިތާ ފެނިފައި އަހަންނަށް ބޮޑު ސިހުމެއް ލިބުނެވެ. ސުބުޙާނަﷲ! އެއީ އެންމެ ދެ އަހަރުގެ ކުޑަކުޑަ އަންހެން ކުއްޖެކެވެ

އެ އުޚުތު ބުންޏެވެ. “އަހަރެންގެ ކުރިމަތީގައި އެއޮތް ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާ ފެނިފައި އަހަންނަށް ގަބޫލެއްވެސް ނުކުރެވުނެވެ. އަހަންނަށް ބޮޑު ސިހުމެއް ލިބި، އަޖާއިބުވިއެވެ.” އެ އުޚުތު ބުނަމުންދިޔައެވެ. ސުބުޙާނަﷲ! އޭނާ ބުންޏެވެ. އެ ކުއްޖާގެ ހަންގަނޑު ހުދެވެ. ތުންފަތާއި ކޮލުގެ ކުލައަކީ ފިޔާތޮށި ކުލައެވެ. އިސްތަށިގަނޑަކީ ގަދަ މުށިކުލައާއި މަޑު މުށިކުލައިގެ މަސްހުރި ކުލައެކެވެ. އަހަރެން ހީކުރީ އެއީ ބޭރު ގައުމެއްގެ ކުއްޖެއް ކަމަށެވެ. ސައުދީ އަރަބިއްޔާގެ ކުއްޖެއް ނޫން ކަމަށެވެ. މިހާ ރީތި ކުއްޖަކު މަރުވީ ކިހިނެއް ހެއްޔެވެ؟ އޭނާގެ މޫނުމަތީގައެއް، ހަށިގަނޑުގައެއް އެއްވެސް ނިޝާނެއް ނެތެވެ. ވެއްޓިގެން ނުވަތަ އެކްސިޑެންޓެއް ވެގެން ލިބިފައިވާ ފަދަ އެއްވެސް ޒަޚަމެއް ނެތެވެ. އޭނާ އެ ޢާއިލާއަށް ބަލާލިއެވެ. އަދި އެ ޢާއިލާއިން އޭނާއަށާއި މަރުވެފައިވާ ކުއްޖާއަށް ބަލާފައި މާ ބޮޑަށް ރޮއެގަތެވެ. އޭނާ އެތާ އިން ދުވަސްވީ އަންހެނަކަށް ބަލާލިއެވެ. އޭނާ ދިޔައީ ރޮމުންނެވެ

އެހެންކަމުން އެއީ އެކުއްޖާގެ މަންމަ ކަމަށް ހީކޮށް، އޭނާ ކައިރިއަށް ގޮސް ބުންޏެވެ. “މާތް الله ތިޔަ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. ކިހިނެއްވީ ހެއްޔެވެ؟ އެކުއްޖާ މަރުވީ ކިހިނެއް ހެއްޔެވެ؟” އޭނާ ބޭނުންވީ ވާހަކަ ދައްކާލައިގެން އެމީހާ ހަމައަކަށް އަޅުވާށެވެ. އެމީހާ ރޮމުން ބުންޏެވެ. “ތިއީ އަހަރެންގެ ދަރިއެއް ނޫނެވެ. އެއީ އަހަރެންގެ މާމަ ދަރިއެކެވެ.” މާމަ ދަރިއެއް ހެއްޔެވެ؟ މާމަ މިހާވަރަށް ރޮއެ ހަދާއިރު މަންމަ ކޮބައި ހެއްޔެވެ؟ އަހަރެން ގޮސް މަންމައަށް ހިތްވަރުދީ މަސަލަސްކުރަން ވެއްޖެއެވެ. އެމާމަ، އެކުއްޖާގެ މަންމައާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ

އެ މަންމަ އިނީ ހިމޭންވެފައެވެ. އޭނާގެ ލޯ ހުރީ ބޮޑަށް ހުޅުވިފައެވެ. އަދި އަނގަ ހުރީ ހުޅުވިފައެވެ. އެބަހީ އޭނާ ހުރީ ބޮޑު ސިހުމެއްގައެވެ. އޭނާ ރޮނީކީ ނޫނެވެ، ވާހަކަ ދައްކަނީކީ ނޫނެވެ، އޭނާ ހަމައެކަނި ބަލަހައްޓައިގެން އިނީ އޭނާގެ ދަރިފުޅަށެވެ. އަހަރެން އޭނާގެ ކައިރިއަށް ގޮސް ބުނީމެވެ. “މާތް الله ކެތްތެރިކަން ދެއްވާށި.” އަހަރެން އޭނާއާ ވާހަކަދެއްކިއިރުވެސް އޭނާ އިނީ ހަމަ އެ ގަނޑުވެފައިވާ ޙާލަތުގައެވެ. ދަރިފުޅާ ދިމާއަށް ލޯ ބޮޑުކޮށްގެން، އަނގަ ހުޅުވައިގެން ބަލަހައްޓައިގެންނެވެ. މިނެޓެއް ނުވަތަ ދެ މިނެޓެއްވަންދެން ވާހަކަދެއްކުމުންވެސް އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ

ދެން އަހަރެން އެނބުރި އައީ ހިނަވައިދިނުމަށެވެ. އެއީ ހާދަ ރީތި ކުޑަ އަންހެން ކުއްޖެކެވެ. އަހަރެން ހީކުރީ އެއީ މި ގައުމުގެ ކުއްޖެއް ނޫން ކަމަށާއި، ޔޫރަޕްގެ ގައުމެއްގެ ކުއްޖެއް ކަމަށެވެ. ނަމަވެސް މުޅި ޢާއިލާއަކީ އަރަބިންނެވެ. އެހެންކަމުން އެތާ ތިބި މަސައްކަތްތެރިން ކައިރީގައި އެއީ ކޮން ކުއްޖެއްތޯ އެހުމުން ބުންޏެވެ. އެއީ ޔަމަނުގެ ކުއްޖެކެވެ. ޙަޤީޤަތުގައި އެހާ ރީތި މޫނަކާއި، ރީތި ހަށިގަނޑަކާއި، ރީތި އިސްތަށިގަނޑެއް ހުރި ކުއްޖަކީ ޔަމަނު ކުއްޖެއްކަން އެނގުމުން އޭނާއަށް މާ ބޮޑު ސިހުމެއް ލިބުނެވެ. އެވަރުން ނިމުނީއެއް ނޫނެވެ. އޭނާ ބުންޏެވެ. “އަހަރެން އެކުއްޖާގެ އަތުގެ އިނގިލިތަކުން ފެށިގެން ކަނދުރާއާ ހަމައަށް ބެލީމެވެ. މުޅި ދެއަތް ހުރީ ހީނާފަތުން ނަލަހައްދާފައެވެ

އެ ކުއްޖާ ބާއްވާފައި އޮތްއިރު ހީވަނީ ހަމަ ރީތި ޑޯލްއެއް ހެންނެވެ. އެ އުޚުތު ރޯން ފެށިއެވެ. އެންމެން ރޮމުންދާތީ އޭނާއަށްވެސް ރޮވުނީއެވެ. އަދި މި ކުޑަކުއްޖާގެ އުމުރާއި، އޭނާގެ ޙާލަތާއި، ރީތިކަން ފެނިފައި އޭނާ މާ ބޮޑަށް ރޮއެ ހެދިއެވެ. އެއަށްފަހު އޭނާ ހިނަވައިދޭން ފެށިއެވެ. ހުރިހާ ކަމެއް ވަރަށް އޮމާންކޮށް ނިމި، ކަފުން ކުރިއެވެ. ދެން އޭނާ ކިހިނެއްވީތޯ އެހުމުން ޢާއިލާގެ ބައެއް މީހުން ބުންޏެވެ. “އަހަރެމެން ފަހުން ކިޔައިދޭނަމެވެ.” އެމީހުން އެ ކުޑަ ކުއްޖާ މިސްކިތަށް ގެންގޮސް، ކަށުނަމާދުކޮށް، ވަޅުލިއެވެ

ދެން ލިބުނު އަނެއް ސިހުންވެސް ބޮޑެވެ. އެ އުޚުތު ހުރީ މުޅިން ހިތްހަލާކުވެފައެވެ. އޭނާ ގެއަށް ގޮސް އޭނާގެ އަމިއްލަ ޢާއިލާއަށް ކިޔައިދިނެވެ. މިހާ ރީތި، ހުރިހާ ކަމެއް ފުރިހަމަ ދެ އަހަރުގެ ކުއްޖަކު މަރުވި ވާހަކައެވެ. އަދި ހަމަ އެދުވަހުގެ ފަހުގެ ވަގުތެއްގައި ކިހިނެއްވީތޯ އެހުމުން އެމީހުން ކިޔައިދިނެވެ. “މި ދެ އަހަރުގެ ކުއްޖާއާއި އޭނާގެ ހަތަރު އަހަރުގެ ދައްތައަށް އާ ހެދުންތަކެއް ލެއްވިއެވެ. އެކުދިން ހެދުން ލައިގެން، ހީނާފަތް އަޅަން އެހެން އަންހެނެއްގެ ކައިރިއަށް ދިޔައެވެ. އެ ކުޑަކުޑަ ހުދު ދެއަތުގައި ގަދަ ކުލައިގެ ހީނާފަތް އެޅުމުން ހާދަ ރީއްޗެވެ. އެކުދިންގެ އިސްތަށިގަނޑުވެސް ހާދަ ރީއްޗެވެ. ދެން އެކުދިން ދިޔައީ އަންހެނުންގެ ޖަލްސާއަކަށެވެ (ޕާޓީއަކަށެވެ)

އެތަނުގައި މިއުޒިކް ކުޅެމުންދާތީ އެކުދިން އުފަލުން ދިޔައީ ފުންމާ ކުޅެމުންނެވެ. އެވަގުތު ބައެއް އެހެން އަންހެނުން އެ ކުދިންގެ ޓިކްޓޮކް ނުވަތަ ސޯޝަލް މީޑިއާގައި ލައިވް ވީޑިއޯ ހަދަން ފެށިއެވެ. ލައިވް ވީޑިއޯ ހެދުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު އެ ލައިވް ބަލަމުންދިޔައެވެ. މުޅި ލައިވްގެ ސަމާލުކަން ހުރީ މި ދެ ކުދިންނަށެވެ. މިކަން މިހެން ހިނގަމުންދަނިކޮށް، އެކުދިން އެއްޗެއް ކެއެވެ. ކުޅެމުން ގޮސް އެއްޗެއް ކެއުމަށްފަހު، ކުއްލިއަކަށް މި ދެ ކުދިންވެސް ބޮޑަށް ހޮޑުލާން ފެށިއެވެ. ކުއްލިއަކަށް ދެކުދިން އެކުގައި ހޮޑުލީއެވެ. އެ ކުޑަ ކުއްޖާ ހުއްޓާނުލާ ހޮޑުލަމުން ގޮސް، ހޮޑުގެ ސަބަބުން ނޭވާ ނުލެވިގެން ހަންގަނޑުގެ ކުލަ ބަދަލުވިއެވެ. އަދި އޭނާ ވެއްޓުނެވެ. އެމީހުން އޭނާ ހޭއަރުވަން އުޅުމުން އެނގުނީ އޭނާ އެތަނަށް ވަގުތުން މަރުވެފައިވާ ކަމެވެ

ދެން ހަތަރު އަހަރުގެ (ނިޔާވި ކުއްޖާގެ) ދައްތައަށް ވީ ކިހިނެއް ހެއްޔެވެ؟ އޭނާވެސް ދިޔައީ ހޮޑުލަމުންނެވެ. އޭނާގެ ޙާލަތުވެސް ވަރަށް ގޯހެވެ. އެމީހުން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް އައި.ސީ.ޔޫ ގައި ބޭއްވިއެވެ. މިއީ އެ އުޚުތަށް ފުރަތަމަ ދުވަހު ހިނަވައިދިން އިރު އެނގުނު ވާހަކައެވެ. އޭނާ ގެއަށް ގޮސް އޭނާގެ ޢާއިލާއަށް މި ވާހަކަ ކިޔައިދިނެވެ. ޖެހިގެން އައި ދެވަނަ ދުވަހު، އަނެއްކާވެސް މަރުވާ މީހުން ހިނަވާގެއަށް އައިސްދިނުމަށް އެދި އޭނާއަށް ފޯނުކޯލެއް އައެވެ. އޭނާ އެތަނަށް ދިޔައިރު، ހިނަވާ އެނދުމަތީގައި އޮތީ ހަމަ އިއްޔެ ފެނުނު ކުއްޖާ ކަހަލަ، އެކަމަކު އޭގެއަށްވުރެ ކުޑަކޮށް ބޮޑު ކުއްޖެކެވެ. އޭނާއަށް އެނގުނު ގޮތުގައި އެއީ އިއްޔެ އޭނާ ހިނަވައިދިން ކުއްޖާގެ ބޮޑު ދައްތައެވެ. ދެކުދިންގެ މޫނާއި، އިސްތަށިގަނޑާއި، ލޯ ހަމަ އެއްގޮތަށް ރީއްޗެވެ. އަދި އިނގިލިތަކުން ފެށިގެން ކަނދުރާއާ ހަމައަށް ހީނާފަތް އަޅާފައި ހުއްޓެވެ. ސުބުޙާނަﷲ، ދެއަތްވެސް އަޖާއިބެއް ފަދަ ރީއްޗެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އޭނާވެސް މަރުވީއެވެ. އެމީހުން އޭނާ ގެނައީ ހިނަވާގެއަށެވެ

އެވަގުތު ޢާއިލާގެ މީހުން ތިބީ މުޅިން ހިތްހަލާކުވެފައެވެ. އަދި ފުރަތަމަ ފަހަރަށް އެ މަންމަ ބާރަށް ރޮނިކޮށް އޭނާއަށް ފެނުނެވެ. ފުރަތަމަ ދުވަހު މަންމަ ހުރީ ސިހުމެއްގެ ތެރޭގައެވެ. ވާހަކަވެސް ނުދެއްކި، ހަމައެކަނި ހަގު ދަރިފުޅަށް ބަލަހައްޓައިގެންނެވެ. ނަމަވެސް ދެވަނަ ދުވަހު މިކަން ދިމާވުމުން އޭނާ ރޮމުން ގޮވިއެވެ. “ބިންތީ، ބިންތީ (މަގޭ ދަރިފުޅާ، މަގޭ ދަރިފުޅާ)!” އަހަރެންވެސް މި ރީތި ކުޑަ އަންހެން ކުއްޖާ ހިނަވައިދެމުން ރޮމުންދިޔައީމެވެ. ހިނަވައި ކަފުންކޮށް ނިމުމުން އެމީހުން ބުންޏެވެ. “ބައްޕަ އެބަހުއްޓެވެ ބޭރުގައެވެ.” އެހެންވެ އެ އުޚުތު އެތެރެއަށް ވަނީއެވެ. އެވަގުތު ބައްޕައާއި އެހެން ފިރިހެނުން އެތަނަށް ވަނެވެ. އެ ބައްޕަ ހިތުގެ އަޑިން ބާރަށް ހަޅޭއްލަވައި ހަޅޭއްލަވައި ރޮއެގަތެވެ. އަދި “ބިންތީ ބިންތީ” އޭ ގޮވިއެވެ. އެ އުޚުތު ބުންޏެވެ. “الله ގަންދީ ބުނަމެވެ. އެ ބައްޕަ ހަޅޭއްލަވައި މަގޭ ދަރިފުޅާއޭ ކިޔައި ރޮއެގަތް ގޮތުން، ހިލައެއްވެސް ފަޅައިގެންދާނެއެވެ. އެއީ އޭނާގެ ހިތުގެ އެންމެ ފުނުން ނިކުތް އަޑެކެވެ.” ފަހުން އަހަންނަށް އެނގުނީ އެ ބައްޕައާއި މަންމައަށް ތިބީ އެންމެ ދެ ދަރިން ކަމެވެ. އެއީ މި ރީތި ދެ އަންހެން ކުދިންނެވެ. އަދި އެ ދެކުދިންވެސް މަރުވީއެވެ

ވަޅުލުމާއި ކަށުނަމާދުގެ ކަންކަން ނިމުމުން، އެ އުޚުތު ގޮސް އެކުދިންގެ މާމައާއި މަންމައާއި ޢާއިލާގެ މީހުންނާއެކު އިށީނދެ އެހިއެވެ. “ކިހިނެއް ހެއްޔެވެ ވީ؟” އެމީހުން ބުންޏެވެ. “އެކުދިން ކުޅެމުންދިޔައީއެވެ. ލައިވް ސްޓްރީމްކޮށް ޓިކްޓޮކް ވީޑިއޯ ނަގަމުންދިޔައީއެވެ. އަދި އެކުދިން މަރުވީއެވެ.” ދެން އެ އުޚުތު އެހިއެވެ. “ތިޔަބައިމީހުން الله ހަނދުމަކުރިން ހެއްޔެވެ؟ ހެނދުނާއި ހަވީރުގެ ޛިކުރުތައް އެދުވަހު ކިޔައި، ރައްކާތެރިކަން ހޯދިން ހެއްޔެވެ؟ ނަބިއްޔާ ﷺ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ ފަދައިން، ކުދިން ރައްކާތެރިކުރުމަށްޓަކައި މަދުވެގެން ތިން ފަހަރު ‘ނިޢުމަތްތަކުން ރައްކާތެރިކުރައްވާ’ ދުޢާތައް ކިޔައި، އަމިއްލަ ނަފްސާއި ކުދިން ރައްކާތެރިކުރިން ހެއްޔެވެ؟”

އެމީހުން ބުންޏެވެ. “ނޫނެކެވެ. އަހަރެމެން އެއިން ކަމެއް ނުކުރަމެވެ.” އެ އުޚުތު ވަގުތުން ބުންޏެވެ. “މިއީ އެސްފީނާއެވެ. ތިޔަބައިމީހުންގެ ކުދިންނަށް އެސްފީނާ ޖެހުނީއެވެ. މިއީ ޙަސަދަވެރިންގެ ޙަސަދައަކަށްވެސް ވެދާނެއެވެ. ތިޔަ ރީތި، ޚާއްޞަ ދެކުދިން އެ ޖަލްސާގެ ތެރޭގައި ކުޅެ ހަދަނިކޮށް، الله ހަނދުމަނުކުރާ ބަޔަކު އެކުދިންނަށް ބަލައި ފާރަލީއެވެ. ތިޔަބައިމީހުން އެކުދިން ކުޅެ ފުންމާ ހަދަނިކޮށް ލައިވް ވީޑިއޯތައް ޕޯސްޓްކުރީއެވެ. الله ހަނދުމަނުކުރާ، ބަރަކާތްލެއްވުމަށް ނޭދޭ މީހުން އެ ވީޑިއޯތައް ބަލާނެއެވެ. އެހެންކަމުން ޛިކުރުތަކުގެ އެހީގައި އަމިއްލަ ނަފްސާއި ޢާއިލާ ރައްކާތެރިކުރުމަކީ ތިޔަބައިމީހުންގެ ވާޖިބެކެވެ. މިއީ ނަބިއްޔާ ﷺ އެތައް ޙަދީޘްފުޅެއްގައި އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަމެކެވެ. އަމިއްލަ ނަފްސަށާއި ޢާއިލާއަށް އަދި ކުޑަކުދިންނަށް ކިޔަވައި اللهގެ އިރާދަފުޅާއެކު ރައްކާތެރިކަން ހޯދާށެވެ


ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހިތާމައަކީ، އަޅުގަނޑުމެން މި އުޅެނީ ކޮންމެ ކަމެއް ސޯޝަލް މީޑިއާއަށް ލާ ޒަމާނެއްގައެވެ. ކާ އެއްޗެއް އަނގައަށްލުމުގެ ކުރިން، އެ އެއްޗެއް އޮންނަނީ ސްޓޯރީއަށާއި، ސްޓޭޓަސްއަށާއި، ފީޑަށް ލާފައެވެ. އާ ހެދުމެއް ލުމުގެ ކުރިން، އެ ހެދުން އޮންނަނީ ސޯޝަލް މީޑިއާއަށް އަރުވާފައެވެ. ހިތާމައަކީ، ތިޔަބައިމީހުން ތިޔަ ކާ އެއްޗެހި ނުކެވޭ އެތައް ބަޔަކު އުޅޭކަން ހަނދާން ނެތޭތީއެވެ. ތިޔަބައިމީހުން ތިޔަ ލާ ހެދުން ނުލެވޭ އެތައް ބަޔަކު އުޅެއެވެ. ތިޔަބައިމީހުން ތިޔަ ދާ ބާޒާރުތަކަށާއި ފިހާރަތަކަށް ގޮސް ފޮޓޯނަގައި ޕޯސްޓްކުރާއިރު، އެތަންތަނަށް ދާނެ ތަނަވަސްކަން ނެތް އެތައް ބަޔަކު އުޅެއެވެ. ތިޔަބައިމީހުން ކައިވެނިކޮށްގެން ފިރިމީހާ ނުވަތަ އަނބިމީހާގެ އަތުގައި ހިފައިގެން ފޮޓޯލާއިރު، ކައިވެނި ނުކުރެވިފައި އެތައް ބަޔަކު އުޅެއެވެ. އެހެންކަމުން ތިޔަބައިމީހުންގެ އުފާވެރިކަމާއި ނިޢުމަތްތައް އަމިއްލައަށް ސިއްރުކޮށްގެން ގެންގުޅޭށެވެ. މުޅި ދުނިޔެއަށް ދައްކާކަށް ނުޖެހެއެވެ. އެހެނީ ތިޔަބައިމީހުންނަށް ލިބިފައިވާ ނިޢުމަތްތައް ނުލިބޭ އެތައް ބަޔަކު އުޅެއެވެ. الله ތިޔަބައިމީހުންނަށް ބަރަކާތް ދެއްވާފައިވާނަމަ، އެ ނިޢުމަތްތައް އަމިއްލަ ނަފްސަށާއި ޢާއިލާއަށް ޚާއްޞަކުރާށެވެ. އަދި اللهއަށް ޙަމްދުކުރާށެވެ. އަދި ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި، ނަމާދުތަކާއި، ނަމާދަށްފަހު ކިޔާ ޛިކުރުތަކުން اللهގެ ރައްކާތެރިކަން ހޯދާށެވެ

މަންމަ އިސްލާމްވީ ނިޔާވުމުގެ 3 ދުވަސް ކުރިން

އަހަރެންގެ މަންމައަށް ސްޓޭޖް 4 ގެ ކެންސަރު ޖެހިފައި ހުރިކަން އެނގުނީ ކުއްލިއަކަށެވެ. މަންމަ ދުނިޔޭގައި ހުންނާނެކަމަށް ޑޮކްޓަރ ލަފާކުރީ ގިނަވެގެން 3 ހަފުތާއެވެ. ކެންސަރު ބަލީގައި ތަންމަތީގައި އޮންނަން ޖެހުމުން ފުރަތަމަ ފަހަރަށް މަންމަގެ ހިތް އިސްލާމް ދީނަށް “މަޑުމޮޅި” ވާންފެށިއެވެ. އޭގެ ކުރިން މުޅި އުމުރުގައިވެސް މަންމަ އަކީ އެއްވެސް ދީނެއް ޤަބޫލުނުކުރާ އަދި ދީނަކަށް އުޅުމަށް ދަރިންނަށްވެސް ބާރުނާޅާ މަންމައެކެވެ. މިހެންކަމުން އިސްލާމްދީނާ ވީކޮޅަށް މަންމަގެ ހިތް މަޑުމޮޅިވުމަކީ މުޢުޖިޒާތެއްފަދަ ކަމެކެވެ

މަންމަ (އެ ބަލި ހާލަތުގައި) އިސްލާމް ދީނަށް މަޑުމަޑުން އެނބުރެން ފެށި މައިގަނޑު ސަބަބަކީ މިއެވެ. އެއް ދުވަހަކު، ކައިރިއަށް އައުމަށް މަންމަ އަހަރެންނަށް ގޮވިއެވެ. އޭރު މަންމަ ވަނީ މަރުގެ ތުންފަންމަތީގައި ކަހަލަ ގޮތަކަށް ހާލު ގޯސްވެފައެވެ. މަންމަ ބުނީ މަރުވުމުން ވަޅުނުލައި އަންދާލުމަށެވެ. އަހަރެން ބުނީމެވެ. މަންމާއެވެ. މައްސަލައެއްނެތެވެ. އެކަމަކު މަންމަގެ ހަށިގަނޑު އަންދާނީ ފައިސާ ދީފައި އެކަން ކުރަން ތިބޭ ބައެއް ނޫންހެއްޔެވެ؟

މަންމަގެ ހަށިގަނޑަށް އެކި ޒާތުގެ ކެމިކަލް އަޅައި ހަށިގަނޑަށް ނުހަނު އިހާނެތިކަންވެސް ލިބޭނެ ނޫންހެއްޔެވެ؟ އެވަގުތު މަންމަ ބުންޏެވެ. އެހެން ވިއްޔާ ދަރިފުޅު ބުނެބަލާށެވެ. ދެން އޮތީ ކޮން ގޮތެއްހެއްޔެވެ؟ އަހަރެން ބުނީމެވެ. ދެން އޮތްގޮތަކީ، މަންމަ މަރުވުމުން އަހަރެންނާއި މަންމަގެ ފިރިހެން ދަރިން މަންމަ އުފުލާނީއެވެ. އަދި މަންމަގެ އަންހެން ދަރިންނާއި މަންމަގެ ފިރިހެން ކުދިންގެ އަނބިން މަންމަ ފެންވަރުވާނެއެވެ. ހަށިގަނޑުގައި ހުވަނދުލާނެއެވެ. އެންމެ އާދައިގެ ހުދު ފޮތިން ހަށިގަނޑު ނިވާކުރާނެއެވެ. އެހެން އެއްވެސް މީހަކަށް މަންމަގެ ހަށިގަނޑު ނުފެންނާނެއެވެ. ނުވެސް ބީހޭނެއެވެ. އަދި ވަރަށް އާދައިގެ ގޮތަކަށް ބިމުގެ އަޑީގައި ވަޅުލާނެއެވެ. އަހަރެން މިހިސާބަށް ބުނާއިރަށް މަންމަ ބުންޏެވެ. “އަހަރެން ބޭނުމީ ތިގޮތެވެ.”

އެކަމަކު މަންމަ އެގޮތަށް ބޭނުންވިޔަސް އަހަރެންނަށް މައްސަލައެއް ދިމާވިއެވެ. އެއީ މަންމަ އަކީ މުސްލިމަކަށް ނުވާތީ މުސްލިމް ޖަނާޒާއެއް މަންމައަށް ނުބޭއްވޭނެއެވެ. އަހަރެންގެ ކޮއްކޮ އާއި ދައްތަ ވަކިން ގެންގޮސްވެސް މަންމަ ބުނީ ތިމަންނަ ބޭނުމީ މުސްލިމް ޖަނާޒާއެއްކަމަށެވެ. އަހަރެން މަސައްކަތް ކުރަމުންދިޔައީ މިފަދަ ގޮތަކަށް މަޑުމަޑުން މަންމަގެ ހިތް އިސްލާމްދީނާ ގާތް ކުރެވޭތޯއެވެ. އަނެއް ދުވަހު އަހަރެން މަންމަ ކައިރީގައި ވަރަށް ގިނަ ވަގުތު ހޭދަކުރިއިރު ބުނީމެވެ. މަންމާއެވެ.

ކަލަކު ވޮޑިގެން ނުވާނަމަ، ރަސޫލުންނާއި ހެޔޮ ކަންކަމަށް އަމުރުކުރާނެ މީހުން ދުނިޔެއަށް އަންނަނީ ކިހިނެއް ހެއްޔެވެ؟ މިއޮއްބޮޑު ކާއިނާތު އެއްވެސް މީހަކާނުލައި އުފެދޭނެހެއްޔެވެ؟ މިފަދަ ވާހަކަތަކެއް އަހަރެން ދެއްކުމުން މަންމަ ބުންޏެވެ. ދަރިފުޅާއެވެ. އާނއެކެވެ. ކަލަކުވޮޑިގެން ވާކަމަށް މަންމަ ޤަބޫލުކުރަމެވެ. ރަސޫލުންވެސް އެކި ޤައުމުތަކަށް ވަޑައިގެންނެވިކަމަށް އަހަރެން ޤަބޫލުކުރަމެވެ.

އެހިސާބުން އަހަރެން ވަރަށް އުފާވިއެވެ. އެހެނީ ކަލަކު ވޮޑިގެންވާކަމާއި ރަސޫލުން ވަޑައިގެންނެވިކަމަށް މަންމަ ހިތުގެ އަޑިން ޤަބޫލުކުރާތީ، އިމާމް ކައިރީގައި އާދޭސްކޮށްގެންނަމަވެސް މަންމައަށް މުސްލިމް ޖަނާޒާއެއް ދެވިދާނެތީއެވެ. އަދި އެކަންކަން މަންމަ މިހާރު ޤަބޫލުކުރާތީ މަންމަ ނިޔާވިޔަސް ހެޔޮ ދުޢާކުރުމުން މަންމަގެ ފާފަފުއްސަވާފާނެކަމަށް އަހަރެން ހީކުރީމެވެ. މިވާހަކަ އަހަރެންގެ އެންމެ 14 އަހަރުގެ ދަރިފުޅު ހުރިތަނުގައި ދެއްކުމުން އޭނާ ޤަބޫލުނުކުރިއެވެ. އޭނާ ބުނީ މަންމަ ދުލުން ޝަހާދަތް ކިޔަންޖެހޭނެކަމަށެވެ. ނަމަވެސް އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އެ ބޮޑު ބަލީގައި އެ ވޭނުގައި މަންމަ އޮއްވާ މަންމަ ކައިރީގައި ޝަހާދަތް ކިޔާށޭ ބުނުމުން ނުކިޔައިފިނަމަ އަދި އެކަމާ ހިތްހަމަނުޖެހިއްޖެނަމަ މަންމަގެ ބަލިބޮޑުވެސް ވެދާނެއެވެ.

މި ފިކުރުގައި ހުއްޓާ އަހަރެންގެ 14 އަހަރުގެ ދަރިފުޅު އައިސް ބުންޏެވެ. ބައްޕާއެވެ. އަހަރެން މާމައާ ވާހަކަ ދައްކާނަމެވެ. އެހެންބުނެ އޭނާ މަތީ ފަންގިފިލާގައި މަންމަ އޮންނަ ކޮޓަރިއަށް ދިޔައެވެ.

ކަންތައް ވާނެ ގޮތަކާމެދު ހާސްވެ އަހަރެން ގޭގެ ތިރީގައި ދެކޮޅަށް ހިނގާލަހިނގާލާ ގަޑިއެއްހާއިރު ހުރީމެވެ. އޭގެ ފަހުން ދަރިފުޅު އައިސް ބުންޏެވެ. ބައްޕާއެވެ. ވަރަށް ފަސޭހައެވެ. އެކަން ނިމިއްޖެއެވެ. މާމަ ޝަހާދަތް ކިޔައިފިއެވެ. އަހަރެން ބުނީމެވެ. ހަމަ ޢަރަބި ބަހުން ހެއްޔެވެ؟ ދަރިފުޅު ބުންޏެވެ. އާނއެކެވެ. އެއްކޮށް “ފުލްކޮށް” މާނައާއެކު ކިޔައިފިއެވެ. އަލްޙަމްދުލިއްލާހިއެވެ. އޭގެ ދެތިން ދުވަސްފަހުން މަންމަ ނިޔާވެއްޖެއެވެ.

އެ އަހަރުގެ ހައްޖަށް ދިޔުމަށް އަހަރެން އެއްވެސް ވަރަކަށް ނުވިސްނަމެވެ. އެއީ މަންމަ ނިޔާވިތާ މަސްދުވަސް ވީއިރުވެސް އެ ހިތްދަތިކަމުން އަހަރުމެންނަށް އަރައިނުގަނެވޭތީއެވެ. ނަމަވެސް އިސްލާމިކް ޗެނަލަކުން އަހަރެންނަށް ގުޅާފައިބުނީ އެއަހަރުގެ ޙައްޖުގެ ކަވަރޭޖް ގެނެސްދިނުމަށް ޙައްޖަށް ދިޔުމަށް ދައުވަތު ދޭކަމަށެވެ. ނަމަވެސް މަންމަގެ ކުއްލި މަރުގެ ހިއްދަތިކަމުގައި އުޅޭތީ އެކަމާ އެއްބަސްނުވީމެވެ. ނަމަވެސް ޙައްޖަށް މަދުދުވަސްކޮޅަކަށް ވުމުން އަނެއްކާވެސް ހަމަ އެޗެނަލުން ގުޅާފައިބުނީ ދާންއޮތް އެހެން މީހަކަށް ނުދެވޭތީ ކޮންމެހެންވެސް އަހަރެން ޙައްޖަށް މިފަހަރު (ލައިވް ކަވަރޭޖް ދިނުމަށް) ގޮސްދިނުމަށެވެ. އެންމެ ފަހުން އަހަރެން އެއްބަސްވީމެވެ. އެއީ އަހަރެންގެ މަންމަގެ މަތިން ޙައްޖުވުމަށެވެ. މަންމަ ނިޔާވިތާ 3 މަސްތެރޭ މަންމައަށް ޙައްޖެއްވުމަށް އަހަރެންނަށް ފުރުޞަތު ލިބުނީއެވެ.

މަންމަ ނިޔާވީ ރަމަޟާންމަހުގައި ކަމުންނާއި ޙައްޖު ކަވަރޭޖާއި އަހަރެންގެ ޓީވީ ޝޯތަކުގައި މަންމަގެ ވާހަކަ އަހަރެން އިސްލާމިކް އެ ޗެނަލް މެދުވެރިކޮށް ގެނެސްދިނުމަށް އެތައް މިލިޔަން ބަޔަކަށް އެ މެސެޖް ލިބުނެވެ. އަދި މަންމަގެ ނަމުގައި ދުނިޔޭގެ އެތައް މިލިޔަން ބަޔަކު ޞަދަޤާތް ކުރިއެވެ. އެކަކު މަންމަގެ ނަމުގައި މިސްކިތެއްވެސް އެޅިއެވެ. މަންމައަށް ދަރުމަ އެދިގެން، މަންމަގެ ނަމުގައި އެތަކެއް ޔަތީމް ކުދިންނަކަށް މީހުން ޚަރަދުކުރިއެވެ.

ސުބްޙާނަﷲ! ދީނެއް ޤަބޫލުނުކޮށް އުމުރުދުވަހު އުޅުނު މަންމަ ނިޔާވުމުގެ ބަރާބަރު 3 ދުވަސްކުރިން އިސްލާމްވެ މުސްލިމެއްގެ ޝަރަފުގައި ނިޔާވީއެވެ. މަންމަގެ ނަމުގައި ޙައްޖުވެ އެތަކެއް ޞަދަޤާތެއްކޮށް (މަންމަ އޭގެ ކުރިން ނުވެސް ދަންނަ) އެތައް ބަޔަކު މަންމައަށް ހެޔޮދުޢާކުރިއެވެ. މަންމަގެ ނަމުގައި މިސްކިތެއްވެސް ބިނާކުރީއެވެ. ސުބްޙާނަﷲ! ﷲ އަކީ ރަޙްމާންވަންތަ އަދި ރަޙީމްވަންތަ ރަސްކަލާނގެއެވެ. އެންމެ އޯގާވެރި ފަރާތެވެ.

*މިއީ އަލްއަޚް ރަޙީމް ޖަންގް ދީފައިވާ ބަސްދީގަތުމަކުން ކޮށްފައިވާ ތަރުޖަމާއެކެވެ.

އަޙްމަދުގެ ތައުބާގެ ވާހަކަ

ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައި އުޅުނު ޝައިޚެކެވެ. އޭނާ ކިޔައިދިނެވެ. އެއް ފަހަރަކު ކޮންފަރެންސެއްގައި ބައިވެރިވުމަށް އަހަރެން އޭޝިއާގެ ޤައުމަކަށް ދިޔައެވެ. ދަތުރުގެ ކަންކަން ފުރުމުގެ އެއް ދުވަސްކުރިން ނިމުނެވެ. ކޮންފަރެންސްގެ ކަންކަމުގައި އުޅެންޖެހުނު ބުރަކަމުން ވަރުބަލިކަން ފިލުވާލުމަށް ހޮޓަލެއްގައި މަޑުކުރުމަށް ނިންމީމެވެ. މި ސިޓީގެ ކަންކަން އެހާ ބޮޑަށް ނޭނގެއެވެ. އެހެންވެ އެންމެ އަވަހަށް ފެނުނު ރަނގަޅުހެން ހިވާ ޒާތުގެ ހޮޓަލަކަށް ދިޔައީމެވެ. އެތަނުން ބޮޑަށް ފެނުނީ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ މަޖާކުރުމުގެ މާހައުލެއް އޮތްތަނެއްގެ ގޮތުގައެވެ. އެވަގުތު އެތަނުގައި ހުރި ބިދޭސީ މުސްލިމް މުވައްޒަފަކަށް އަހަރެން ފެނިގެން ބުންޏެވެ. “ޝައިޚެވެ. މިއީ ތިބާ ހުރުމަށް އެންމެ އެކަށީގެންވާ ތަނެއްނޫނެވެ. މި ނޫން އެހެންތަނެއް ހޯއްދަވާށެވެ. ޝައިޚަކު މިފަދަ ފާޙިޝް ޢަމަލުކުރާ ތަނެއްގައި ވަނިކޮށް ބަޔަކަށް ފެންނާކަށް ނޭދެމެވެ.” އެތަނުން ފެނުނު މަންޒަރުތަކުންނާއި އެ މުސްލިމް އަޚާ ދެއްކި ވާހަކަތަކުން އަވަހަށް އެތަނުން ނުކުމެގެން ދިޔައީމެވެ.

އެތަނުން ނުކުމެގެން ގޮސް އަހަންނަނަށް ދެވުނީ ވަރަށް ބޮޑު ޕާރކް އަކަށެވެ. އެއީ ރޭގަނޑުގެ އިރާކޮޅުގެ ވަގުތެއް ކަމުންނާއި ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން އެ ޕާރކްގައިވާ ބެންޗެއްގައި އިށީނުމާއެކު ނިދިޖެހިއްޖެއެވެ. ހޭލެވުނު އިރު ފަތިސް ވަގުތު ވަނީ ވެފައެވެ. އަހަރެން އެނބުރި ސަޢުދީއަށް ދާ ފްލައިޓް އޮތީ މެންދުރުފަހު ކަމުން ހިތައް އެރީ ކުރީބައިގައި އެއަރޕޯރޓަށްގޮސް އެތަނުގައި ވަގުތު ހޭދަކުރުމަށެވެ. ކާރެއް ހޯދައިގެން އެއަރޕޯރޓަށް ގޮސް އެތަނުގައިވާ ނަމާދުކުރާ ކޮޓަރިއެއްގައި ފަތިސް ނަމާދުކުރީމެވެ. އަދި ނަމާދުކޮށް ނިންމައިގެން ޒިކުރުކުރުމަށް އިންދާ، ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން ނިދިޖެހިއްޖެއެވެ. އޭރު ނަމާދު ކޮޓަރީގައި އެކަކުވެސް ނެތެވެ. ގާތްގަނޑަކަށް ގަޑިއެއް ހާއިރު ކޮށްފައި އަހަރެންނަށް ހޭލެވުނީ މީހެއްގެ ރުއިމުގެ އަޑަށެވެ. އޭރު އަހަރެންނާ މާދުރުނޫން ހިސާބެއްގައި އިށީނދެލައިގެން އިނީ ގައިމުވެސް 30 އަހަރަށްވުރެ ދޮށީ ނުވާ އުމުރުގެ ޒުވާނެކެވެ. އޭނާ ގިސްލާފައި ރޮނީއެވެ. ދައިއަކު ގެއްލިގެން މަޔަކު ރޯ ފަދައިން އަސަރާއެކުގައެވެ. އޭނާއަށް މާބޮޑު ސަމާލުކަމެއް ނުދީ އޮށޯތުމާއެކު އަނެއްކާވެސް އަހަރެންނަށް ނިދިއްޖެއެވެ.

ދެން އަހަރެންނަށް ހޭލެވުނީ މެންދުރު ނަމާދު ވަގުތުގައެވެ. އޭރު އެއްކަލަ ޒުވާނާ ހަމަ އެތަނުގައި ނަމާދަށް ހުއްޓާ ފެނުނެވެ. އެވަގުތު ނަމާދު ނިންމާފައި ބާރަށް އޭނާ އަހަރެންނާ ދިމާލަށް އައެވެ. އޭނާގެ ލޮލަށް ބަލާލުމުން ހީވީ 3-4 ދުވަސް ވަންދެން ނުނިދާހުރި މީހެއް ހެނެވެ. އޭނާ ވަނީ ވަރަށް މާޔޫސް ވެގެންނެވެ. އޭނާ ވަރަށް ހައިރާންވެ ބުންޏެވެ. “އޭ ޝައިޚެވެ. ތިބާއަށް ނިދޭތަ؟ ހަމަ ނިދުނީތަ؟ ކިހިނެއް؟” އަހަރެން ބުނީމެވެ. “އާނއެކެވެ. ވެފައިވާ ވަރުބަލިކަމުގެ ސަބަބުން އަހަރެންނަށް ނިދުނެވެ.” އޭނާ ބުންޏެވެ. “އަހަރެންނަކަށް ނުނިދެއެވެ. މިހާރު ނުނިދާތާ 3 ދުވަސް ވެއްޖެއެވެ. ނިދި ނާދެއެވެ. މާޔޫސްވެއްޖެއެވެ. ނުއެއް ކެވެއެވެ. މަޖާކޮށް ހީ ސަމާސާކޮށް ހަދާކަށް ނުކުރެއެވެ.”

ފްލައިޓް ފުރުމަށް އަދިވެސް ގަޑިއިރުތަކެއް އޮތުމުން އޭނާ ކައިރީގައި ވީގޮތް ކިޔައިދޭން ބުނީމެވެ. އޭނާ ކިޔައިދިނެވެ. އަހަރެންނަކީ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އަހަރެންނަކީ ސަޢުދީ ޢަރަބިއްޔާގެ މީހަކީމެވެ. އަހަރެންގެ އާއިލާއަކީ ވަރަށް މުއްސަނދި އާއިލާއެކެވެ.

އަހަރެމެން އާއިލާއަކީ ވިޔަފާރިވެރި އާއިލާއެކެވެ. ތަނަވަސްވެ މިލިޔަނަރުންނަށް ވެފައިވާ އާއިލާއެއްގެ މިލިޔަނަރަކީމެވެ. ބޭނުންވާ ކޮންމެ ކަމެއް ލިބޭ ވަރުގެ ތަނަވަސް ބައެކެވެ. އެއް ފަހަރަކު އަހަރެން ހިތަށް އެރިއެވެ. ނުލިބޭ މުއްސަނދިކަމެއް ނެތެވެ. މިނޫން އެހެން ތަޖުރިބާއެއް ބޭނުމެވެ. ޝައިޠާނާގެ ވަސްވާހުގައި ޖެހިގެން ވަގުތު ކޮޅަކަށް ނަމަވެސް (ހިތް އުފާކޮށްލުމަށް) މަޖާވާނެކަމެއް ކުރުމަށް ނިންމީމެވެ. ނަމަވެސް އަހަރެންގެ ޝަހަރުގެ އެންމެނަށް އަހަރެން އެނގޭނެތީ އަހަރެން ގަސްތުކުރީ އެހެން ޤައުމަކަށް ދާށެވެ. ވިޔަފާރި ދަތުރެއްގައި ދަނީކަމަށް ބުނެ އާއިލާއަށް އަންގާފައި މިޤައުމަށް އަހަރެން އައީމެވެ. އަދި މި ސިޓީގައި އެހެން ބައެއް ޤައުމުތަކުގެ މީހުންނާއެކު ރެސްޓޯރަންޓްތަކުންނާއި ކްލަބްތަކުންނާއި ތިއޭޓަރުތަކުން ދިމާވެ ވާހަކަ ދައްކަމުންގޮސް ދެތިން ދުވަހެއް ވީއިރު އަހަރެންގެ ހަވާނަފުސުގެ އެދުންތައް ދިޔައީ މަތިވަމުންނެވެ. ކުރިން ބޮޑެތި ޚަރާމް ކަންކަން ކަމުގައި ފެނުނު ބައެއް ކަންކަން އާދައިގެ ކަންކަމަށް އެވީ ތިން ދުވަސްތެރޭ ބަދަލުވެއްޖެއެވެ. އަހަރެން ވަށައިގެން އުޅުނު މީހުން ރާބޮއެ ޖުވާކުޅުނެވެ. ނަމަވެސް ﷲ ގަންދީ ބުނަމެވެ. އަހަރެން ރަލެއްނުބޮމެވެ. އަދި ޖުވާކުޅެވެސް ނަހަދަމެވެ.

ނަމަވެސް އެމީހުންގެ ތެރޭގައި ދެ ދުވަހެއް އިތުރަށް ފާއިތުވީއިރު ނުހަނު ރީތި ޒުވާން އަންހެން ކުދިންވެސް އަހަރުމެންނާއެކު އުޅެމުންދިޔައެވެ. އޭގެ ތެރެއިން ނުހަނު ރީތި ޒުވާން އަންހެނަކަށް އަހަރެންގެ ހިތް ދެވެން ފެށިއެވެ. އޭނާގެ ޖަޒުބާތީ ވާހަކަތަކުގައި އަހަރެން ޖެހުނެވެ. އަދި މިސިޓީގެ އަގުބޮޑު ހޮޓަލެއްގެ ކޮޓަރިއެއްގައި އޭނާއާއެކު އަހަރެން އެކަހެރިވީމެވެ. އޭނާގެ މަޅީގައި ރަނގަޅަށްޖެހުނެވެ. އަދި އޭނާއާއެކު ޒިނޭކުރުމުގެ ފާފާއިގާ އަހަރެން ޣަރަޤުވިއެވެ.

އެރޭ ނިމި އަނެއް ދުވަހުގެ ހެނދުނު އަހަރެންނަށް ހޭލެވުނުއިރު އޭނާ ހިނގައްޖެއެވެ. އަދި އެކަން ހަދާންވެ އަހަރެންނަށް މިކުރެވުނު ކަންކަމަށް ލަދުވެތިވެ ބިންމައްޗަށް ތިރިވެ ރޯން ފެށުނެވެ. ދަރިންނާއި އަނބިމީހާ އަދި އާއިލާ މަތިން ހަނދާވެ ހިތްދަތިވާން ފެށިއެވެ. އަހަރެން ހިތައް އެރިއެވެ. ހަމަ ޔަޤީނެވެ. މާތްﷲ އަހަރެންނަށް މާފު ނުކުރައްވާނެއެވެ. އަހަރެންގެ މި ފާފަ ނުފުހެވޭނެއެވެ. ހިތްދަތިވި ވީވަރުން ހޮޓަލުން ނުކުތުމަށް ބާރަށް ހިނގައިގަނެ، އެންމެ ތިރިއަށް އައިއިރު، މިކަމުގައި އަހަރެންނަށް އެންމެ ބޮޑަށް ބާރުއެޅި އެކަކު ތިރީގައި ރާފުޅިއެއް ހިފައިގެން ހުއްޓެވެ.

ވެފައިވަނީ ކީއްތޯ އެހުމުން އަހަރެން ބުނީމެވެ. ޒިނޭ ކުރެވިއްޖެއެވެ. އެއީ ބޮޑު ފާފައެކެވެ. އަހަރެން ދާނީވެސް ވަކި ކޮންތާކަށްހެއްޔެވެ؟ އޭނާ ބުންޏެވެ. “ރަހުމަތްތެރިޔާއެވެ! ހާސްނުވާށެވެ. މި ފުޅިން އެތިކޮޅެއް ބޯލާށެވެ. އޭރުން ހުރިހާ ކަމެއް ހަނދާންނެތިދާނެއެވެ.”. އަހަރެން ދޫކޮށްލާށޭ ދޫކޮށްލާށޭ ގޮވަމުން ހޮޓަލުން ނުކުމެގެން ދިޔައީ ސަލާންޖަހާ މީހެއް ފަދައިން މިސިޓީގެ އެކިއެކި ތަންތަނުގައި، މަގުމަތީގައި ހިޔާވަހިކަމަކަށް ނުވަދެއެވެ. މަގުމަތީގައި ޑަސްބިން ހޮވައިގެން ކައިބޮއި އުޅޭ މީހުން ފެނިފައި އެމީހުންވެސް އަހަންނަށްވުރެ ރަނގަޅޭ ހިތަށް އެރިއެވެ. އެ ހާލުގައި އަހަރެންގެ ރަށަށް (ސަޢުދީގެ ރިޔާޟްއަށް) ދިޔުމަށް މި އެއަރޕޯރޓަށް އައީއެވެ.

އޭނާވެ ވާހަކަތައް ނިމުމުން ޤުރުއާނުން އަހަންނަށް އެންމެ ރީތި އަދި އެންމެ ގުޅޭހެން ހީވާ އާޔަތް އޭނާއަށް އިއްވީމެވެ. އެއީ ސޫރަތުއް ޒުމަރުގެ 53 ވަނަ އާޔަތެވެ. މާނައީ “ކަލޭގެފަނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ”.

މި އާޔަތް އަހަރެން ކިޔައިދީ ނިމުމުން އޭނާ ބުންޏެވެ. ޝައިޚެވެ. ތެދެކެވެ. ﷲ ހުރިހާ ފާފަތަކަށް މާފުދެއްވައެވެ. ނަމަވެސް އަހަރެން ފިޔަވައެވެ. އަހަރެންނަކީ މުސްލިމުން ޙައްޖަށާއި ޢުމްރާވުމަށް އަންނަ ޙުރުމަތްތެރިވެގެންވާ ބިމުގެ އަހުލުވެރިއެކެވެ. އަހަރެންނަކީ ކައިވެނިކޮށްގެން އުޅޭ އަދި ދަރިންތިބި މީހެކެވެ. އަހަރެންނަށް މާފެއްނެތެވެ. ޔަޤީނެވެ. އެހިސާބުން އަހަރެންގެ ފްލައިޓްގެ ގަޑިޖެހުމުން، އޭނާގެ ފޯނު ނަންބަރު ހޯދައިގެން އަހަރެން ފުރަން ދިޔައީމެވެ. ފްލައިޓް މަތީގައި އަހަރެން ހިތައް އެރީ (މިފަދަ ކިތަންމެ މާޔޫސީ މީހަކު އަހަރެންނަށް ފެނިފައިވާތީ) އޭނާ ދެތިން ހަފުތާ ފަހުން އެކަން ހަނދާން ނެތޭނެކަމަށެވެ.

އަހަރެން ރިޔާޟް އަށް އައިތާ މަސްދުވަސް ފަހުން އަޙްމަދުގެ ފޯނެއް އައެވެ. އޭނާ ބުނީ މިސްކިތުގައި ބައްދަލުކުރުމަށް އެދޭކަމަށެވެ. އެއީ ޙައްޖު މޫސުމާ ދާދިގާތުގައެވެ. މިސްކިތުން އޭނާއާ ބައްދަލުވި އިރު އޭނާއަށް ބަދަލުތަކެއް އައިސްފައިވެއެވެ. އޭނާ ބުންޏެވެ. ޝެއިޚެވެ. އަހަރެން ތިބާއާ ބައްދަލު މިކުރީ އަލްވަދާޢު ކިޔުމަށެވެ. އަހަރެން ބުނީމެވެ. ދަނީ ކޮންތާކަށްހެއްޔެވެ؟ އޭނާ ބުންޏެވެ. އަހަރެން އަމިއްލައަށް ސަޢުދީ ސަރުކާރާ ހަވާލުވަނީއެވެ.

އޭރުން އަހަރެން ކުރި ޒިނޭގެ ކުށަށް ރަޖަމްވެ މި ދުނިޔެއިން ނިމިގެންދާނެއެވެ. އަހަރެން ބުނީމެވެ. އަޙްމަދެވެ. ތިބާ މޮޔަވީހެއްޔެވެ؟ ދަރިން އެބަތިއްބެވެ. އަނބިމީހާ އެބަހުއްޓެވެ. ﷲ އަންގަވާފައިވަނީ ތިޔަހެން ހަދާކަށްނޫނެވެ. އަވަހަށް ތައުބާވާށެވެ! އޭނާ ބުންޏެވެ. ތިމަންނަގެ އަނބިމީހާއާއި ދަރިންނަށް ﷲ ގެ ޢަޛާބުން ސަލާމަތްކޮށެއް ނުދެވޭނެއެވެ.

އޭނާއަށް ވިސްނައިދެވޭތޯ އަހަރެން ވަރަށް ގިނަ ވާހަކަ ދެއްކީމެވެ. އަދި އެންމެ ފަހުން ބުނީމެވެ. އަޙްމަދެވެ. އަހަރުމެން ދެމީހުންވެސް އިޙްތިރާމްކުރާ، ޤަދަރު އުފުލިގެންވާ “ބޮޑު” ޝޭޚެއްގެ ކައިރިއަށް ހިނގާށެވެ. އޭނާ ތިގޮތަށް ޢަމަލުކުރުމަށް ބުނެފިނަމަ އަހަރެން ދެކޮޅެއް ނަހަދާނަމެވެ. އެންމެ ފަހުން އަޙްމަދު އެކަމަށް އެއްބަސްވިއެވެ. މިދެންނެވި “ބޮޑު” ޝެއިޚް ކައިރިއަށް ދިޔުމުން ވަރަށް އަޑުހަރުކޮށް ވިދާޅުވީ އޭނާ އަމިއްލައަށް ރަޖަމްވުމަށް ދިޔުމެއްނެތޭ، ތައުބާވާށެވެ. އޭނާ އެ ޝެއިޚުގެ ވާހަކަވެސް ޤަބޫލެއްނުކުރިއެވެ. ނަމަވެސް ޝެއިޚު ބުންޏެވެ. އަހަރެންނަށް އެނގިފައިވާ ޢިލްމަކުން މެނުވީ ވާހަކަ ނުދައްކަމެވެ. އެހިސާބުން އަޙްމަދު ހިނގައްޖެއެވެ.

ދުވަސްތަކެއް ފަހުން އަނެއްކާވެސް އަޙްމަދުގެ ފޯނެއް އައެވެ. މިފަހަރުވެސް މިސްކިތުން ބައްދަލުކުރުމަށް އެދުނެވެ. އަހަރެން ދިޔައީމެވެ. އޭނާ ބުންޏެވެ.

ޝެއިޚެވެ. އަނެއްކާވެސް އަލްވަދާޢު ކިޔަމެވެ. އަހަރެން ބުނީމެވެ. މިފަހަރު ތިޔަ ދާން އުޅެނީ ކޮންތާކަށް ހެއްޔެވެ. އޭނާ ބުންޏެވެ. މި އުޅެނީ ޙައްޖަށް ދާށެވެ. އަހަރެން ބުނީމެވެ. ސުބްޙާނަﷲ! ދެމީހުން އެކުގައި ދާން ހިނގާށެވެ. އޭނާ ބުންޏެވެ. ނޫނެކެވެ. އަހަރެން އެކަނި ހިނގައިދާނަމެވެ. އެފަހަރުގެ ޙައްޖަށް އަހަރެންވެސް ދިޔައީމެވެ. ހިލަ އުކުމަށް ޖަމްރާއެއްގައި އުޅެނިކޮށް އަޙްމަދު ފެނުނެވެ. އަހަރެން އޭނާއަށް ގޮވީމެވެ. ނަމަވެސް އަހަރެންނަށް ނުފެންނަން ވެގެން އޭނާ ދުވެ ފިލިއެވެ.

ޙައްޖުގެ އަޅުކަން ނިމި ރިޔާޟުން އަނެއްކާވެސް އަހަރެން އަޙްމަދާ ބައްދަލުކުރީމެވެ. އޭނާ ބުންޏެވެ. ޝެއިޚެވެ. އަހަރެންނާ އެއްކޮށް އުޅެން ތިޔަ އުޅެނީ ކީއްވެހެއްޔެވެ. އަހަރެންނަކީ ފާފަވެރިއެކެވެ. ތިޔައީ މައުޞޫމް މީހުންނެވެ. އަހަރެން ދޫކޮށްލާށެވެ. ދުވަސްތަކެއް ފާއިތުވެގެން ދިޔައެވެ. އަޙްމަދު ޤުރުއާން ހިތުން ދަސްކުރިއެވެ. އަދި ދެދުވަހުން އެއްދުވަހު ރޯދަ ހިފަން ފެށިއެވެ. މިސްކިތުގައި ކޮންމެ ދުވަހަކު 5 އަހަރު ވަގުތަށް ދާންފެށިއެވެ. އެވެސް އެހެން ގިނަ މީހުންނަށްވުރެ ކުރިންނެވެ. ޞަދަޤާތް ކުރުމާއި ހެޔޮ ޢަމަލުކުރުމުގައި ވަރުގަދައަށް ޘާބިތުވިއެވެ.

އަހަރުތަކެއް ފާއިތުވިއެވެ. މަދީނާއަށް ވަޑައިގެންނެވި ފުންނާބުއުސް ޢިލްމުވެރިއަކު ރިޔާޟްގައި ދަރުހެއް ދެއްވިއެވެ.

އެ ޝެއިޚުގެ ދަރުސްގައި މިސާލެއް ނެންގެވީ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އުޅުއްވި ސަޙާބީއެއް ކަމުގައިވާ އައްރަބީޢު ބްން ޚުޒައިމް އާ ބެހޭގޮތުންނެވެ. ދަރުސްގައި ބުންޏެވެ. ބައެއް އިސް ސަޙާބީން އިސްލާމް ދީނުން ބޭރުކުރެވޭތޯ މަސައްކަތް ކުރުމަށް އުޅުނު ބަޔަކު އެއް ފަހަރަކު އައްރަބީޢު ބްން ޚުޒައިމް ބަދަލުކުރެވޭތޯ އެ ސަހަރުގައި އުޅުނު ރީތިކަމަށް މަޝްހޫރު އަންހެނަކަށް 100 ދީނާރު ދިނުމަށްފަހު އެ އަންހެނާއަށް ބުންޏެވެ. އައްރަބީޢު ބްން ޚުޒައިމް އަށް ދޮނެއް ދޭށެވެ. އެ އަންހެނާ، އައްރަބީޢު ބްން ޚުޒައިމް މަޣްރިބް ނަމާދު ނިންމާފައި އައި މަގުމަތީގައި އެ އަންހެނާ އޭނާގެ ރީތިކަން ދައްކައި، އައްރަބީޢު ބްން ޚުޒައިމް އާ ކައިރިވާން އުޅުމުން އެ މާތް ޞަޙާބީ އަޑުގަދަކުރައްވާ ވިދާޅުވިއެވެ. ކަލޭ ކަށްވަޅުގައި ގަޑިއެއްހާ އިރަށް އޮވެއްޖެނަމަ ތިޔަ ރީތިކަން ދެމިއޮންނާނެހެއްޔެވެ؟ އަދި ﷲ ގެ ދަރުބާރުގައި ކަލޭގެ ރީތިކަން ބޭނުންކުރި ގޮތާބެހޭގޮތުން ކަލޭ ޖަވާބުދާރީ ވާނީ ކިހިނެއް ހެއްޔެވެ؟ އެ އަންހެނާއަށް ކުރި ހިތްދަތި އަސަރުން އޭނާ އެތަނުން ދުވެ ފިލީއެވެ.

އަދި އޭނާ ތައުބާވެ އޭނާގެ ފުށުންވެސް އެތައް ބަޔަކަށް ހިދާޔަތު ލިބުނެވެ.

އެވަގުތު ދަރުސް މާލަމުގެ ތެރެއިން މީހަކު ރޮއެފައި ބުނި އަޑުއިވުނެވެ. “އައްރަބީޢު ބްން ޚުޒައިމް އެ އަންހެނާ ދޫކޮށް ޙައްޤުގެ މަގުގައި ސާބިތުވީއެވެ. ނަމަވެސް އަހަރެން ކުރީ ޒިނޭއެވެ.” އެއީ އެއްކަލަ އަޙްމަދުކަން ވަގުތުން އަހަރުމެންނަށް އެނގުނެވެ.

އޭގެ ފަހުން އަޙްމަދު ނުފެނި ދުވަސްތަކެއް ފާއިތުވިއެވެ. އަހަރެންނަށް ކުރީގެ ޝައިޚުންނަށްވުރެ މާ ފުންނާބުއުސް ޢިލްމުވެރިޔަކާ ދިމާވިއެވެ. އެ މާތް ޝެއިޚާ ދިމާވެގެން މި އަޙްމަދުގެ ވާހަކަ އަހަރެން ކިޔައިދިނީމެވެ. އެ ޝައިޚު އަންނާ މުޚާޠަބުކޮށް ބުންޏެވެ. “ޤުރުއާނުގައިވާ މި އާޔަތް ނުދެކެމުހެއްޔެވެ؟ އެ އާޔަތް ތިޔަ އަޙްމަދަށް ކިޔައިދޭށެވެ.” އަހަރެން ބުނީމެވެ. ކޮން އާޔަތެއް ހެއްޔެވެ. އެވަގުތު ޝައިޚް ވިދާޅުވީ ސޫރަތުލްފުރުޤާންގެ 68-70 ވަނަ އާޔަށެވެ.

މާނައީ: “އެއުރެންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާ މީހުންނެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ޙައްޤު ގޮތުގައި މެނުވީ ނުމަރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ. އެމީހަކަށް ޤިޔާމަތްދުވަހުން ޢަޛާބު ގިނަކުރައްވާ ހުއްޓެވެ.

އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޛާބުގެ ތެރޭގައި އެމީހަކު ދެމިހުންނާނެތެވެ. ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙް ޢަމަލުކުޅަ މީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) ﷲ އެއުރެންގެ ނުބައިކަންތައް ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”

މި އާޔަތްތައް އަޙްމަދުއަށް ކިޔައިދޭން އަހަރެން އަވަސްވެގަތީމެވެ. ޖެހިގެން އައި ނަމާދު ގަޑީގައި މިސްކިތަށް ދިޔައިރު މިންބަރުގެ ކައިރީގައި (އަބަދުވެސް އޭނާ އިށީންނަ މަޤާމުގައި) އޭނާ އިނެވެ. އަހަރެން ބުނީމެވެ. އޭ އަޙްމަދެވެ. އޭ އަޙްމަދެވެ. މި އާޔަތްތައް އަޑުއަހާށެވެ! ދެން އެ އާޔަތްތައް ކިޔައިދިނީމެވެ. އާޔަތްތައް ކިޔަވައި ނިމުމުން އަޙްމަދު އައިސް އަހަރެން ގައިގާ ބައްދާލިއެވެ. އަދި ގިސްލާފައި ރޯންފެށިއެވެ. އަދި ބުންޏެވެ. ޝެއިޚެވެ. ﷲ ގަންދީ ބުނެމެވެ. އަހަރެން ވަނީ ޤުރުއާން ހިތުދަސްކޮށްފައެވެ. ނަމަވެސް މި އާޔަތްތައް އަހަރެންނަށް މިވަރަށް ފާހަގަމިވީ އަދި އަލަށެވެ. މިއީ ﷲ ގެ ކަރާމާތެވެ. އެރޭގެ ނަމާދުގައި މިސްކިތުގައި އިމާމަށް ނާދެވުމުން އިމާމްވެ ނަމާދުކުރަންވެސް ޖެހުނީ އަޙްމަދަށެވެ. ނަމާދުގައި އަޙްމަދު ކިޔެވީ ފުރުޤާން ސޫރަތުގެ ކުރިން ބުނި އާޔަތްތަކެވެ. ވަކި ހިސާބަކުން ގިސްލަގިސްލާފައި ހުއްޓުން އަރައެވެ.

އޭގެ މަސްތަކެއް ފަހެވެ. ރަމަޟާންމަހުގެ ދުވަހެކެވެ. އަހަރެންނަށް އަޙްމަދުގެ ބައްޕަގެ ކޯލެއް އައެވެ. އޭނާ ބުނީ އަވަހަށް އެ ގެއަށް އައުމަށެވެ. އަހަރެން އަވަހަށް އަޙްމަދުގެ ގެއަށް ދިޔައީމެވެ. އެއީ ބޮޑު ގަނޑުވަރެކެވެ. މުއްސަނދި ދިރިއުޅުމެވެ. އަގުބޮޑު ވަޞީލަތްތަކެވެ. ދޮރުމަތިން އަޙްމަދުގެ ބައްޕަ އަހަރެންނާ ބައްދަލުކޮށް ބައްދާލުމަށްފަހު ރޮއެގެންފައި ބުންޏެވެ. “ތިބާގެ އެކުވެރި އަޙްމަދު ސަލާމް ބުންޏެވެ. އަދި ރޭގައި ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެއްޖެއެވެ” އަހަރެންނަށް ވަރަށް ދެރަވެ ގިސްލެވުނެވެ. އެ ވަގުތު އަވަހަށް އަންނަން އެ ބުނީ އަޙްމަދުގެ ޖަނާޒާ ކުރިއަށް ދާތީއެވެ. ގޭގައި މޫނުދައްކާ ނިންމާފައި މޫނު އަޅަން ތައްޔާރުވަނީއެވެ. އަހަރެން އެންމެ ފަހު ފަހަރަށް އަޙްމަދުގެ މޫނު ބަލާލީމެވެ. ސުބްޙާނަﷲ! ދުވަހަކުވެސް އަހަރެން އެފަދަ އުޖާލާ އަލިކަމެއް ލިބިގެންވާ މޫނެއް ނުދެކެމެވެ. ދުޢާކުރުމަށްފަހު އޭނާގެ ނިތްކުރީގައި ބޮސްދިނީމެވެ.

ޖަނާޒާ ނިންމާފައި އޭނާގެ ބައްޕަ ކައިރީގައި އެހީމެވެ. އަޙްމަދުގެ ވާހަކަ ކިޔައިދޭށެވެ. ވީ ކިހިއްނެއް ހެއްޔެވެ؟ އަޙްމަދުގެ ބައްޕަ ބުންޏެވެ. “ރޭގައި އަހަރުމެން ދެމީހުން އެކުގައި މަޣްރިބް ނަމާދުކޮށް ނިންމާފައި އަހަރެން ބުނީމެވެ. ދަރިފުޅާއެވެ. ބައްޕައާއެކު ރޯދަވިއްލުމަށް ގެއަށް ދާން ހިންގާށެވެ. އޭނާ ބުންޏެވެ.

ބައްޕާއެވެ. ނޫނެކެވެ. މިރޭ މިސްކިތުގައި ގިނަ ވަގުތު އިނުމަށް ހިތްއެދެއެވެ. ޚާއްޞަ ކަމެއް އިޙްސާސްކުރެވެއެވެ.” ދެން އަހަރެން އޭނާ ދޫކޮށް ގެއަށް އައިސް ކައިގެން ނިމުނުއިރުވެސް އަޙްމަދު ނާންނާތީ އަޙްމަދުގެ ކޮއްކޮ ކައިރީގައި، މިސްކިތަށްގޮސް އަޙްމަދު ގޮވައިގެން އައުމަށް ބުނީމެވެ.

އިރުކޮޅެއްފަހުން އެކުއްޖާ ރޮމުން ރޮމުން އައިސް ބުންޏެވެ. ބޭބެ އަޙްމަދު އެއްވެސް ވާހަކައެއް ނުދައްކައެވެ. ވެއްޓިފައި އެބައޮތެވެ. ވަގުތުން އަހަރެން ކާރުގައި މިސްކިތަށް ބާރަށް ދިޔައީމެވެ. ދިޔައިރު މިސްކިތުގެ މިންބަރު ކައިރީގައި އަޙްމަދު އޮތީ ވެއްޓިފައެވެ. އަނިޔާއެއް ވެފައެއްނޫނެވެ. ނަމަވެސް ކިޔާނުކިޔާ އެއްޗެއް ނޭނގެއެވެ. އަތުގައި ޤުރުއާނުގެ މުސްޙަފެއް އޮތެވެ. ވަގުތުން އަޙްމަދު ނަގާފައި އަހަރެންގެ އުނގުގައި ބޭއްވީމެވެ. ވާހަކައެއް ބުނަން އުޅޭކަން ވަގުތުން އެނގިއްޖެއެވެ. އަޙްމަދު ބުންޏެވެ. “އަހަރެންގެ ސަލާމް ޝެއިޚަށް ރައްދުކޮށްދޭށެވެ! އަހަރެންގެ ސަލާމް ޝެއިޚަށް ރައްދުކޮށްދޭށެވެ!” އޭގެ ފަހުން ވަރަށް ސާފުކޮށް އެއްވެސް އުނދަގުލެއްނެތި ސޫރަތުލް ފުރުޤާންގެ 68-70 އާޔަތްތައް ކިޔަވަންފެށިއެވެ. އެ ތިން އާޔަތް ކިޔަވައި ނިމުމާއެކު އަހަރެންގެ އަތްދަނޑިމައްޗަށް އޭނާ މަރުވެއްޖެއެވެ.

އަޙްމަދުގެ ބައްޕަ ބުންޏެވެ. އަޙްމަދުގެ ޗުއްޓީ ދަތުރުގައި އޭނާއަށް ވީ ކީއްކަން ބުނެބަލާށެވެ! އަހަރެން އެ ވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނުމަށް އަހަރެން ވަނީ ވަޢުދުވެފައެވެ. އެހެންކަމުން ސީދާ އެވާހަކަ ނުބުނެ އަހަރެން ބުނީމެވެ. “އަޙްމަދުގެ ރަޙްމަތްތެރިއަކު އޭނާއާ ވަކިވެ މާޔޫސްވީއެވެ. ހިނދުކޮޅަކަށް އީމާންކަމާ ދުރަށް އޭނާއަށް ދެވުނީއެވެ. އިތުރު ބޮޑުކަމެއް ނުވެއެވެ”

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިތަންމެ ބޮޑު ފާފައެއް ކުރެވުނަސް ﷲ ގެ ޙަޟްރަތުން މާޔޫސް ނުވާށެވެ. ތައުބާވެ ޙައްޤުގެ މަގަށް ރުޖޫޢަވާށެވެ! މާދަމާވެސް މަރުވެ އަޖަލުއައިސް ތިމާއާ ބައްދަލުކޮށްފާނެއެވެ. ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ! ހެޔޮ ދުޢާ ކުރުމުގައި ދެމިހުންނާށެވެ! ﷲ އީ އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. އެހެން މީހުންނަށް އަބަދުވެސް ހެޔޮބަހެއް ނޫނީ ނުބުނާށެވެ! މަރާ ބައްދަލުކުރާއިރު ކޮށްފައިވާ ހެޔޮ ޢަމަލަކުންނޫނީ ފައިދާ ނުކުރާނެކަން ދަނެ، ޒުވާން ދުވަސްތައް ހެޔޮ ގޮތުގައި ހޭދަކުރާށެވެ! ތައުބާވުމަށް ލިބޭނީ މަދު ވަގުތުކޮޅެކެވެ. ފުރުޞަތުގެ ބޭނުން ކުރައްވާށެވެ!

ހައްދަވާ ބޮޑުކުރެއްވި ރަޙްމާންވަންތަ އަދި ރަޙީމްވަންތަ ރަސްކަލާކޮ! އަޅަމެންނަކީ މިފަދަ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ!

މިއީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ބިލާލް އަސްޢަދު ވިދާޅުވެދެއްވާފައިވާ ވާހަކައެކެވެ.  މިވާހަކައިގެ މައިގަނޑު މެސެޖަކީ ތައުބާއެވެ. ތައުބާއަށް މާޔޫސް ނުވުމެވެ. އުންމީދު ކަނޑާނުލުމެވެ.