
މުއުމިނުންގެ ހަތިޔާރަކީ އަބަދުވެސް ދުޢާ
އިންސާނުންނަކީ އާރެއް ބާރެއްނެތް ބަޔެކެވެ. އިންސާނާ ޚަލްޤުކޮށް ވޫޖޫދުކުރެއްވި ރަސްކަލާންގެއަކީ ހުރިހާކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާންގެއެވެ. އޭ އަޚުންނާއި އުޚުތުންނޭވެ! މާދަމާ ވާންހުރިގޮތް އެނގޭހެއްޔެވެ؟ ލިބެންހުރީ ކޮން އުފާތަކަކާއި ހިތާމަތަކެއްހެޔެވެ؟ ލިބެންހުރީ ކޮން ނިޢުމަތްތަކެއް ހެއްޔެވެ؟ ދިރިއުޅުން ބާއްޖަވެރިވާނެހެއްޔެވެ؟ ނުވަތަ ވާނީ އަބާއްޖަވެރިހެއްޔެވެ؟ އާމްދަނީ ލިބި ތަނަވަސްވާނެހެއްޔެވެ؟ ނުވަތަ ފަގީރު ހާލުގައި ދުނިޔޭގައި އުޅޭނީ ހެއްޔެވެ؟ ދަންނާށެވެ! މިއިން އެއްވެސްކަމެއްގެ ޖަވާބު ކަށަވަރުކޮށް ދޭކަށް ނޭނގޭނެއެވެ. ކުރެވެންއޮތްހާވެސް ކަމަކީ މިހުރިހާކަމެއް ދެނެވޮޑިގެންވާ ފަރާތަށް ދެންނެވުމެވެ. އެކަލާންގެ މަދަދާއި އެހީތެރިކަން ހޯދުމެވެ. ދުޢާކުރުމެވެ. މުއުމިނުންނަށް ލިބިގެންވާ އެންމެ ބޮޑު ހަތިޔާރަކީ މިއީއެވެ.