
އާލިޔާ އުމް ރައިޔާން އިސްލާމްވީ މީގެ 23 އަހަރުކުރިންނެވެ. އިނގިރޭސިވިލާތުގައި ދީނީ ދަޢުވަތު ފެތުރުމުގައި މަސައްކަތް ކުރާތާ 20 އަހަރުވެއްޖެއެވެ. އޭނާއަކީ ޔޫޓިއުބްގައި ޝޯއެއް ހޯސްޓްކުރާ ޕްރެޒެންޓަރެކެވެ. “ރަމަދާން ރިފްލެކްޝަންސް” މި ނަމުގައި މިއަހަރު އޭނާ ލިޔެ ޝާއިޢުކުރި ފޮތެއް އެމޭޒަންއިން ވަރަށް ގިނަ ބަޔަކުގަނެ، އެ ފޮތަކީ ޕެންގުއިން ޕަބްލިކޭޝަންގެ އެންމެ މަޤުބޫލު އެއް ފޮތަށް ވަނީވެފައެވެ. އަދި “ސޮލޭސް ޔޫކޭ” މި ނަމުގައި، އަލަށް އިސްލާމްވާ ފަރާތްތަކަށް އެހީތެރިވުމަށް ޚާއްޞަ މަދަނީ ޖަމިއްޔާއެއްވެސް އޭނާވަނީ އުފައްދާފައެވެ. މިއީ އޭނާގެ ޙަޔާތުގެ ވާހަކައެވެ. ވިދާޅުވާށެވެ
އަހަރެންނަކީ އިރުމަތީ ލަންޑަނަށް އުފަން މީހަކީމެވެ. އަހަރެން ބޮޑުވަމުން އައީ މުސްލިމު ސަރަހައްދެއްގައެވެ. އެއީ ބަންގްލަދޭޝް މީހުންވެސް ހިސާބަކަށް ގިނަ ސަރަހައްދެކެވެ. އަހަރެންގެ މަންމައަކީ އިޓަލީ މީހެކެވެ. ބައްޕައަކީ ހުޅަނގު އެފްރިކާގެ ނައިޖީރިއާ މީހެކެވެ. ﷲ ގެ ރަޙްމަތަށް އެދިގެން އަހަރެން ކުރި ދަތުރަކީ ހިތްދަތި އަދި ވޭނީ ދަތުރެކެވެ
އަހަރެން އުފަންވީ ކްރިސްޓިއަނެއްގެ ގޮތުގައެވެ. އުޅެ ބޮޑުވަމުން އައީވެސް އެގޮތުގައެވެ. އެންމެ ކުރީއްސުރެވެސް ކޮންމެވެސް ކަލަކު ވާކަމަށް އަހަރެން ޤަބޫލުކުރީމެވެ. ކްރިސްޓިއަން ދީނުގެ ބައެއް މުހިއްމު އަޤީދާތަކަކީ އަހަރެންގެ ވިސްނުމާ ބީރައްޓެހި އަޤީދާތަކަކަށް ވާން ފެށީ އަހަރެންގެ ވަރަށް ޅައުމުރުގައެވެ. އަހަރެންގެ ކާފައަކީ މުސްލިމެކެވެ. އަހަރެންގެ ބައްޕަވެސް އުފަންވީ މުސްލިމެއްގެ ގޮތުގައެވެ. އަހަރެން އުފަންވުމުގެ މާކުރިން އަހަރެންގެ ކާފަ ނިޔާވުމުން ބައްޕަ އިސްލާމްދީން ދޫކޮށްލިއެވެ. މިހެންކަމުން އަހަރެންގެ މަންމަ އާ ލަންޑަނުން ދިމާވެ ކާވެނި ކުރިއިރު ބައްޕައަކީ މުސްލިމެއްނޫނެވެ. ކުރިންވެސް ބުނިގޮތަށް ކްރިސްޓިއަން ދީނުގެ މުހިއްމު އަޤީދާތަކާމެދު އަހަރެން ސުވާލު އުފެއްދީމެވެ. ކަލާނގެ ދަރިކަލަކަށް އަޅުކަން ކުރަންޖެހީ ކީއްވެކަމެއް އަހަރެންނަށް ސާފެއްނުވިއެވެ
އަދި ބައެއް ހާލަތުތަކުގައި ކަލާނގެ ދަރިކަލުންނަކީ ކަލާނގެއަށް ވާގޮތެއްވެސް ނޭނގެއެވެ. މި ސުވާލުތައް އެއްދުވަހަކު ފައްޅީގައި އަހަރެން ފާދިރީއާ ސުވާލުކުރީމެވެ. އޭނާ ސީދާ ޖަވާބެއް ނުދެއެވެ. ބުނިހާވެސް އެއްޗަކީ “އީމާންކަމުގައި ދެމިހުންނާށޭ!” މިހެންނެވެ. މިހެންކަމުން އަހަރެންފަދަ އިންސާނަކަށް އަޅުކަން ކުރުމަކީ އަހަރެންގެ ޒަމީރު ޤަބޫލުކުރެވޭ ކަމަކަށް ނުވިއެވެ. އަހަރެން ދިރިއުޅޭ ގޭގެ ސަރަހައްދަކީ މުސްލިމުން އުޅޭ ސަރަހައްދެއް ކަމުން އެ ސަރަހައްދުގައި މުސްލިމުން އަޅުކަން ކުރާ ނަމާދުގެއެއް ކަހަލަ ތަނެއް ހުރެއެވެ. އެއީ ދަގަނޑު ކޮންޓެއިނާއަކުން ހަދާފައިވާ ކުޑަ ތަނެކެވެ. އެތަނަށް މުސްލިމުން ވަދެ، ރުކޫޢުކޮށް ސަޖިދަކުރާ ތަން ކޮންމެ ދުވަހަކުވެސް އަހަރެންނަށް ފެނެއެވެ. އޭރު އަހަރެންގެ އުމުރަކީ 8 އަހަރެވެ. އަހަރެންގެ ގޭގެ ކުޑަދޮރުގައި ދެއަތް އަޅައިގެން އޮވެ މި މަންޒަރުތައް އަހަރެން ކޮންމެ ދުވަހަކުވެސް ބަލަމެވެ. މިކަމަކީ އަހަރެން ވަރަށް ޝައުޤުވެރިވާ ކަމަކަށް ވެއްޖެއެވެ
އަހަރެންގެ މަންމައާއި ބައްޕަގެ ގުޅުން ގޯސްވެ ގަޔަށް އަތްލާ މާރާމާރީވެސް ބައެއް ފަހަރު ހިންގައެވެ. މިފަދަ ދުވަހެއްގައި މަންމައާއި ބައްޕަ ޒުވާބުކޮށް މާރާމާރީ ހިންގަނިކޮށް ފެނިގެން އަހަރެން ބާރަށް ގޮސް އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަނީ ސިޓިންގ ރޫމްގައި އޮތް (ޕާކިސްތާނުގެ ރައްޓެއްސަކު މަންމައަށް ދިން) ޝޯލްއެއް ހިފައިގެންނެވެ. އެ ޝޯލް ކޮޓަރީގެ ތަޅުންގަނޑު މަތީގައި ބައްވާފައި ސަޖިދައެއް ޖެހީމެވެ
އަދި ސަޖިދައިގާ އަހަރެން ބުނީމެވެ. “ކަލާނގެއެވެ. އެމީހުންގެ ޒުވާބު ހުއްޓުވާދޭށެވެ!” އަހަރެން ސަޖިދަކުރިޔަސް އަހަރެންގެ ތުއްތުކަމާއެކު، މި ކުރެވެނީ ކީއްކަމެއް ނޭނގެއެވެ. ނަމަވެސް އެއީ އެއްކަލަ “ކޮންޓެއިނާ މިސްކިތުން” ފެންނަ މަންޒަރު ކޮޕީ ކޮށްލީއެވެ. އަދި އެގޮތަށް ސަޖިދަކޮށް މަންމައާއި ބައްޕަގެ ގުޅުން ރަނގަޅުވުމުގެ އުންމީދެއްގައެވެ. އޭގެ 2 އަހަރުފަހެވެ. އެއްދުވަހަކު އަހަރެން ގެއަށް އައިތަނުން ސްކޫލުން ލިބުނު ޚަބަރަކީ އަހަރެންގެ ކްލާސް ކުއްޖަކު މަގުމަތީގައި ހުއްޓާ ބޮޑު ޓްރަކަކުން ޖެހި މަރުވި ވާހަކައާއި ޖަނާޒާ އޭގެ ދެތިން ދުވަސް ފަހުން އޮންނާތީ ހުރިހާ ކުދިންވެސް ޖަނާޒާއަށް އައުމަށެވެ. އެއީ މުސްލިމް ކުއްޖެކެވެ. މަންމަ ކައިރީގައި އާދޭސް ކުރުމުން ޖަނާޒާއަށް ދިޔުމުގެ ހުއްދަ ދިނެވެ. އަހަރެންނަކީ އެ ޖަނާޒާއަށް ދިޔަ މުސްލިމް ނޫން ހަމައެކަނި އަންހެން ކުއްޖާއެވެ. އަހަރެން ޖަނާޒާގައި ބައިވެރިވީ އަހަރެންގެ ރައްޓެހި ސޯމާލިޔާގެ މުސްލިމް ކުއްޖެއް ކަމަށްވާ ލައިލާ އަތުން ހޯދި ޝޯލެއް ބޮލުގައި އޮޅައިގެންނެވެ. ޖަނާޒާ އޮތީ އީސްޓް ލަންޑަން މޮސްކް ގައެވެ. އެ މިސްކިތުގައި މެންދުރު ނަމާދާއި ކަށުނަމާދުވެސް އަހަރެން (އެހެން މީހުން ކުރާގޮތް ބަލައިގެން) ކުރީމެވެ. ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރުމުން އަހަރެންނަށް ލިބުނު ހިންހަމަޖެހުން ބުނެދޭންވެސް ނޭނގެއެވެ
މަންމައާއި ބައްޕަގެ އަރައިރުމަށް ބަދަލެއް ނައެވެ. ވީ ގޯހެވެ. ގެވެށި އަނިޔާވެސް ވީ އިތުރެވެ. މިކަންކަމުން ނަފްސާނީގޮތުން އަހަރެން ބަލިކަށިވެ ސިކުނޑި ފަޅައިގެންދާ ވަރުވަނީ ވެފައެވެ. އަހަރެން ސާނަވީ ތައުލީމަށް ބަދަލުވިއިރު އަހަރެންގެ ކްލާހުގައި ތިބި މުސްލިމް ކުދިންގެ ތެރެއިން އެއް ކުއްޖަކީ އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއަކު ކަމުގައި ވެއްޖެއެވެ. އޭނާއަކީ ބަރާބަރަށް ނަމާދުކުރާ “ނަމޫނާ” މުސްލިމެކެވެ. އޭނާގެ ގޭގައިވެސް މައިންބަފައިން ގެ ގުޅުން ހަމަ އަހަރެންގެ މައިންބަފައިންގެ ހާލަތާ ގާތްގަނޑަކަށް އެއްގޮތެވެ. ބައެއް ފަހަރު މާގޯހެވެ. އޭނާގެ މަންމައަށް އަނިޔާކުރުމަކީ ކޮންމެ ދުވަހެއްގެވެސް އާދަޔަށް ވަނީ ވެފައެވެ. ނަމަވެސް މި ރަހުމަތްތެރިޔާ ހުންނަނީ ވަރަށް ހަމަޖެހިގެންނެވެ. އޭނާ ހުންނަނީ އަހަރެން ފަދައިން ނަފްސާނީގޮތުން ބަލިކަށިވެ އަބަދު އެކަމާ ވިސްނާކަށްނޫނެވެ. މިކަމާ ބެހޭގޮތުން އޭނާއާ ސުވާލުކުރުމުން ބުނީ “މިކަންކަމުން ތިމަންނަގެ ހިތައް ވެރިވާ ނުތަވަސްކަމުން އަރައިގަތުމަށް ބޭނުންކުރަނީ އަހަރެންގެ އީމާންކަން” މިއެވެ
އިސްލާމް ދީނާބެހޭގޮތުން އަހަރެން ފޮތްތައް ކިޔަން ފެށީމެވެ. ކެސެޓް ޓޭޕްތައް ގަނެގެންވެސް އަޑުއަހަން ފަށައިފީމެވެ. ނަމަވެސް އިސްލާމް ދީނަކީ “ކަޓު” އަދި އަންހެނުންނަށް އަނިޔާވެރި ދީނެއްކަމަށް އަހަރެމެންފަދަ ޣައިރު މުސްލިމުން އޮންނަނީ ޤަބޫލުކޮށްފައެވެ. އަހަރެންގެ މުސްލިމް ރަހުމަތްތެރިޔާއާ ގަވާއިދުން ވާހަކަދައްކާ، ޓޭޕްތައް އަޑުއެހުމުގެ ނަތީޖާއެއްގެ ގޮތުން، އިސްލާމް ދީނަކީ ޙައްޤު ދީންކަމަށް އަހަރެންނަށް ޤަބޫލުކުރެވެން ފެށިއެވެ. އަދި ޤުރުއާނުގެ ސައިންޓިފިކް ހެކިތައް ފެންނަން ފެށިއެވެ. އަހަރެންނަކީ ކުޑައިރުން ފެށިގެންވެސް އަހަރެން ޤަބޫލުކުރާ ކަމެއްގެ މަތީގައި ސާބިތުވުމަށް 150 އިންސައްތައިގެ ހިތްވަރެއް ލާ މީހަކީމެވެ
އެހެންކަމުން އަހަރެންނަށް ބޮޑު ބަދަލެއް އަންނަކަން އެނގި އެކަމަށް ތައްޔާރުވާން ފެށީމެވެ. ނަމަވެސް މިގޮތަށް ފޮތްތައް ކިޔައި، ޓޭޕްތައް އަޑުއަހައި ޤުރުއާން ތަރުޖަމާ ކިޔަން ފެށިނަމަވެސް އަހަރެންގެ ޅަކަމާއެކު މިކަންކަމަކީ އަހަރެންގެ ކުޑަ ސިކުނޑިއަށް ނަގައިގަނެވޭ ކަމަކަށްވުރެ ބޮޑު ކަމަކަށްވެއްޖެއެވެ. “ބޯގޮވާފައިވާ” މީހެއް ފަދައިން ސިކުނޑި ބަރުވުމުން އެކަންކަން ހުއްޓާލީމެވެ. އަދި އިސްލާމްދީނާމެދު ވިސްނުންވެސް ހުއްޓާލީމެވެ. އަދި ލައިލާ އާއި މުސްލިމު ރަހުމަތްތެރިންނާވެސް ގުޅުން ކަނޑާލީމެވެ. މިގޮތުން އެއްދުވަހަކު އަހަރެން އިމްތިހާނަށް ފިލާވަޅު ދަސްކުރުމަށް އިންދާ (ގޮތްނޭނގޭ އިހްސާސްތަކެއްވެ) ފިލާވަޅަށް ދޭ ސަމާލުކަން އެއްކޮށް ހުއްޓުނެވެ
މިކަމާހެދި، ހަމަޖެހުމެއް ލިބޭތޯ މަގުމަތީގައި ހިނގާލާ ވައިޖައްސާލުމުގެ ނިޔަތުގައި ގެއިން ނުކުތީމެވެ. އެއީ ކޮންމެ ދުވަހަކުވެސް އަހަރެން ހިނގާ މަގެވެ. ޓްރެފިކް ލައިޓް ކައިރީގައި ފެހި ބޮކި ދިއްލެންދެން ހުރީމެވެ. ފެހި ބޮކި ދިއްލުމުންވެސް އަހަރެންނަށް މަގު ހުރަސްނުވެ “ގަބުވެފައި” އެތާ ހުރެވުނީއެވެ. އެތައް އިރަކު އެހެން ހުރުމަށްފަހު ގެއަށްގޮސް އަހަރެން ލައިލާއަށް ގުޅީމެވެ. އަދި އަހަރެން އިސްލާމް ވާން ބޭނުންކަމަށް ބުނީމެވެ. އެއީ ހަފްތާ ބަންދެވެ. ޖެހިގެން އައި ހޯމަ ދުވަހު ޝަހާދަތްކިޔައި އިސްލާމްވީމެވެ. އަލްޙަމްދުލިއްލާހިއެވެ!އިސްލާމްވުމާ ގުޅިގެން އަހަރެންނަށް ކުރިމަތިވީ ބޮޑު ގޮންޖެހުމެކެވެ. އިސްލާމްވެ ބުރުގާ އަޅައިގެން ގެއަށްގޮސް ދޮރުގައި ޓެކި ޖެހުމުން ދޮރު ހުޅުވާފައި މަންމައަށް މި މަންޒަރު ފެނި އެތައް ސުވާލެއްކުރިއެވެ. އަހަރެންނަކީ މިހާރު މުސްލިމެއްކަމަށް ބުނީމެވެ. ނަމަވެސް މަންމަ އައީ ރުޅިއެވެ. އަހަރެންގެ އާއިލާއާ ދުރުވިއެވެ. ރަހުމަތްތެރިން ގެއްލުނެވެ. އެހާ ޅައުމުރުގައި އެކަނިވެރިވިއެވެ. އޭރު ބައްޕަ ވަރިކޮށްފައި ދިޔުމާ ގުޅިގެން މަންމަ އުޅުނީ އެހެން މީހަކާ ރައްޓެހިވެގެންނެވެ. އޭނާއަކީ އިސްލާމްދީނަށް ވަރަށް ވަރަށް ނަފުރަތު ކުރާމީހެކެވެ. މުސްލިމަކަށްވީތީ އަހަރެން ދެކެ އަންނަ ރުޅީގެ ހަމަލާތައް އަހަރެންނަށް އޭނާ އަމާޒުކުރަނީ މަންމަ ލައްވައެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 17 އަހަރެވެ. އެއް ދުވަހަކު މަންމަ އަހަރެންނާ ދިމާލަށް ބުންޏެވެ. “އަހަރެން އަހަރެންގެ ޒިންމާ އަދާކޮށްފީމެވެ. މިއަދުން ފެށިގެން މިއީ ކަލޭގެ މަންމައެއްނޫނެވެ. މިގެން ނިކުމެގެންގޮސް އަމިއްލައަށް ދިރިއުޅޭށެވެ.” އެއީ ވަރަށް ހިތްދަތި ދުވަހެކެވެ. އެހާ ޅައުމުރުގައި މަންމަ އަމިއްލައަށް ދޫކޮށް އެއްލާލުމުން ހިތައް ކުރާނެ ހިތްދަތި އަސަރު ވިސްނާލާށެވެ. އެއީ ހިތައް ވަރަށް ވަރަށް ތަދުވި ދުވަހެކެވެ.
އޭގެ ފަހުން ވަޒީފާއެއް ހޯދައިގެން އެކަނި ދިރިއުޅެން ޖެހުނެވެ. އަދި އެހެން ގިނަ (މިތަނުގައި ކިޔައިނުދެވޭފަދަ) ހިތްދަތި ކަންތަކާވެސް ދިމާވިއެވެ. އަހަރެން އިސްލާމްވީ އިސްލާމީ ގުރޫޕެއްގެ ރައްޓެހިކަމާއެކުގައެވެ. ނަމަވެސް އިސްލާމީ އެހެން ފިކުރެއްގެ ގުރޫޕަކާވެސް އަހަރެންނާ ގުޅުން ބަދަހިވެއްޖެއެވެ. މި ދެބައިމީހުންގެ މެދުގައި އެކި ފަހަރު އުޅެންޖެހުމުން ޙައްޤު ރަނގަޅު ގޮތްތަކީ ކޮބައިކަންވެސް ވަކިނުވާން ފެށިއެވެ. އަދި މިގޮތަށް އެކަނި އުޅެންޖެހި މި ހިތްދަތިކަން ވެރިވެ ބަލިވެއްޖެއެވެ
ހޮސްޕިޓަލްގައި އެޑްމިޓްވެސް ކުރިއެވެ. އެނހިދު މަންމައަށް ގުޅާފައި ބުނީމެވެ. “މަންމާއެވެ. އަހަރެން ގެއަށް ގެންދާށެވެ. އަހަރެން އިސްލާމް ދީން ދޫކޮށްލައިފީމެވެ.” އޭގެ ފަހުން ބުރުގާވެސް ނަގައިފީމެވެ. ނަމާދުކުރުންވެސް ހުއްޓާލީމެވެ. މުސްލިމުންނާ އެކު އުޅުންވެސް ހުއްޓާލީމެވެ. މިކަން ކުރިމަތިވީ އިސްލާމީ ހަރުކަށި ބައެއް ކަންކަން އަހަރެންނަށް ތަޖުރިބާ ކުރަންޖެހުމުންނެވެ. ނަމަވެސް އޭރުވެސް އީމާންތެރިކަމުގެ ކުޑަ އުންމީދީ ހުޅުކޮޅެއް އަހަރެންގެ ހިތުގައި ދިއްލިފައިވިއެވެ
އާ ދިރިއުޅުމެއްގައި އާ ވަޒީފާއެއް ހޯދައިގެން ދެތިން އަހަރު އަހަރެން ދިރިއުޅުނީމެވެ. އިސްލާމްދީން ދޫކޮށް، ދީނީ އަޅުކަންތައް ހުއްޓާލުމުން އަހަރެންނަށް ދެން އިހުސާސުވާން ފެށީ ކޮންމެވެސް ކަމެއް މަދުވާކަމުގެ އިހުސާސެވެ. މިގޮތަށް ދުވަސްތައް ފާއިތުވެ، މި އިހުސާސްތައް އުތުރިއަރަން ފަށައިފިއެވެ. މަޑުމަޑުން އިސްލާމްދީނާ ދިމާލަށް އަނެއްކާވެސް ދެވެން ފަށައިފިއެވެ. ބައެއް މީހުން ބުނާތީ އަޑުއަހަމެވެ. ޝަހާދަތް ކިޔުމަކީ އެންމެ ފޮނި އުފާވެރި ވަގުތުކޮޅެވެ. ނަމަވެސް ބުނަންހެއްޔެވެ؟ އެއްވެސް ގުރޫޕެއްގެ ނުވަތަ މީހެއްގެ ޕްރެޝަރަކާ ނުލައި، ޠަބީޢީ ގޮތުން ތިމާ އަމިއްލައަށް ﷲ ވާ ވީ ފަރާތަށް، އިސްލާމްދީނަށް، އަނބުރާ ރުޖޫޢަ ވުމަކީ މާ އުފާވެރި ފޮނި ލައްޒަތެއް ލިބޭކަމެކެވެ. މިގޮތުން އަނެއްކާވެސް (އެފްރިކާ މުސްލިމުން ބުރުގާ އަޅާގޮތަށް) މަޑުމަޑުން ބުރާގާ އަޅައި، ނަމާދުވެސް ކުރަން ފެށިއްޖެއެވެ. މުސްލިމެއްގެ ގޮތުގައި ދެމިހުރީމެވެ
އޭގެ 15 ވަރަކަށް އަހަރު ފަހެވެ. މަންމަ ގުޅިގެން އުޅުނު މީހާއާ ދުރުވެއްޖެއެވެ. އެ ގުޅުމުގެ ނުބައި ނަތީޖާ އާއި އަހަރެންގެ ކުރީގެ ހަނދާންތަކުން އުފެދުނު ޒަހަމްތައް ރަނގަޅުކުރެވޭތޯ މަންމައާ ރަނގަޅު ގުޅުމެއް އުފެއްދީމެވެ. 2015 އައިއިރު އަހަރެން (މަސައްކަތުގެ ގޮތުން) ދިރިއުޅުނީ އުތުރު އެފްރިކާގައެވެ. މަންމަ އުޅުނީ ލަންޑަނުގައެވެ. އެ އަހަރު، އިސްލާމްދީނާ ބެހޭގޮތުން މަންމަ އަހަރެންނާ ސުވާލު ކުރަން ފެށިއެވެ. އަދި މުސްލިމަކަށް ވާން ބޭނުން ވާހަކަވެސް ބުންޏެވެ. އަހަރެންގެ މަންމައަކީ ވަރަށް ގިނައިން ފޮތްކިޔާ، ތާރީޚީ ވާހަކަތަކަށް ވަރަށް ޝައުޤުވެރި މީހެކެވެ. މިގޮތުން ދުވަސްތައް ފާއިތުވެ 2021 ގައި މަންމަ އަށް ޔޫޓިއުބުން (އިސްލާމީ ދަޢުވަތު ފެތުރުމުގައި ވަރަށް މަޝްޙޫރު) ޝެއިޚް ޚާލިދު ޔާސީންގެ ދަރުހެއް ފެނުނެވެ. އެއީ “ދަ ހިސްޓޯރިކަލް ޖީސަސް” މި ނަމުގައި ޝެއިޚް ދެއްވި ދަރުހެކެވެ. އޭގެ އިތުރަށް ޝެއިޚްގެ ދަރުހަކަށްފަހު ދަރުހެއް ބެލިއެވެ. މި ދަރުސްތައް މަންމައަށް ވަރަށް ކަމުދިޔައެވެ. އެއްދުވަހަކު އަހަރެންނަށް ގުޅާފައި ބުނީ ތިމަންނައަށް އެއީ ކާކުކަމެއް ނޭނގޭކަމަށާއި ނަމަވެސް އެމީހާ އެ ދައްކާ ވާހަކަތައް އެ ދައްކަނީ ސީދާ ތިމަންނަގެ ފުރާނަޔާ ކަމަށެވެ. އަދި އޭނާއަކީ ވަރަށް މައުލޫމާތު ހުރި މޮޅު މީހެއްކަމަށާއި ތާރީޚު ދަންނަ މޮޅު ވާހަކަދެއްކުންތެރިއެއް ކަމަށެވެ. އަސަރާއި ސައިންޓިފިކް ހެކި އެ ވާހަކަތަކުގައި އެބަހުރިކަމަށާއި އޭނާ އާ ބައްދަލުކުރަން ބޭނުންކަމަށެވެ
މަންމަ މިހެން ބުނުމުން ޝެއިޚްއާ ދިމާވޭތޯ އަހަރެންނަށް އެނގޭ އެންމެނަށް މެސެޖްކުރީމެވެ. އެތަނުން އެކަކު އަހަރެންނަށް ފޮނުވީ ޝެއިޚްގެ ފޭސްބުކް ޕޭޖްގެ ލިންކެކެވެ. އެ ޕޭޖުން ޝެއިޚް ޚާލިދު ޔާސީންގެ އީމެއިލެއްކަމަށް ފެނުނު މެއިލް އެޑްރެހަކަށް އަހަރެންގެ މަންމަގެ ވާހަކަތައް ބަޔާންކުރުމަށްފަހު އީ-މެއިލެއް ކުރީމެވެ. ތިޔަ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ޝެއިޚް ޚާލިދު ޔާސީން އަކީ ވަރަށް ބިޒީ ބޭފުޅެކެވެ. ޝެއިޚްގެ އިންބޮކްސްއަށް މެއިލް ހިނގައިދާނެކަމަށްވެސް އަހަރެން އުންމީދުނުކުރަމެވެ. އަދި އަހަރެން ހީކުރީ އެ މެއިލް ދާނީ ސްޕޭމް/ޖަންކް ބޮކްސްއަށް ކަމަށެވެ. ނަމަވެސް ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ. އޭގެ ބަރާބަރު 20 މިނެޓް ފަހުން ޝެއިޚް އަހަރެންނަށް ރިޕްލައި ކުރިއެވެ. އަދި ފަހުން އަހަރެންނަށް ގުޅިއެވެ
މަންމަގެ މާޒީ އާއި އިސްލާމް ދީނާ ބެހޭގޮތުން މަންމަ ކުރިން ދެއްކި ވާހަކަތަކާއި މިހާރު މަންމައަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން ޝެއިޚްއާ ވާހަކަ ދެއްކީމެވެ. އަހަރެން ބުނީމެވެ. “ޝެއިޚް ވަރަށް ބިޒީކަންވެސް އެނގެއެވެ. ނަމަވެސް އަހަރެންގެ މަންމައާ ވާހަކަދައްކާ ދީބަލާށެވެ”. ޝެއިޚް އެއްބަސްވިއެވެ. އަދި މަންމަގެ ނަމާ ބެހޭގޮތުން ސުވާލުކުރިއެވެ. އަހަރެން ބުނީމެވެ. “މަންމައަށް ކިޔަނީ އިޓަލީ ބަހުންނަމަ ޖޯސެޕީނާ އެވެ. ނަމަވެސް ޔޫރަޕިއަން އާންމު ބަހުންނަމަ ޖޯސެފީންނެވެ”. މި ނަމުގެ ޢަރަބި މާނަ ޝެއިޚް ބުންޏެވެ. ޝެއިޚް ބުނިގޮތުންނަމަ ޝެއިޚްގެ މަންމަ މިހާރު ވަރަށް މުސްކުޅިވެ ވަރުދެރަ ކަމަށާއި ނަމަވެސް އަހަރެންގެ މަންމަ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިސްލާމްވާނެއެވެ
ވީޑިއޯތައް ކަމުދިޔަނަމަވެސް އިސްލާމް ދީން ކުއްލިއަކަށް ގަބޫލުނުކޮށްފާނެތީ، ކޮންމެވެސް ދިރާސާއެއްކުރުމުގެ ބޭނުމުގައި މަންމައާ ދެތިން ސުވާލެއް ކުރުމަށް ބޭނުންވާ މީހަކު ހުރި ވާހަކަ ބުނުމަށް ޝެއިޚް އެދުނެވެ. އަދި ނަން ނުބުނުމަށްވެސް ޝަރުޠު ކުރިއެވެ. މަންމަ ކައިރީގައި އެވާހަކަ ބުނުމުން “އެމީހާ” އާ ޒޫމް މެދުވެރިކޮށް ވާހަކަ ދެއްކުމަށް އެއްބަސްވިއެވެ. އެ މީހާ އަހަރެން ކައިރީގައި މަންމަގެ ނަމުގެ ޢަރަބި މާނަ ބުނިވާހަކަވެސް ބުނީމެވެ. އެހިސާބުން މަންމައަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. ވީ ކިހިނެއްތޯ އެހުމުން މަންމަ ބުންޏެވެ. “ކޮންމެވެސް އިއްތިފާގެއް އެބަ ކުރިމަތިވެއެވެ. ސީދާ މިއަދު ހެނދުނު އަހަރެންގެ ރައްޓެއްސަކު ކައިރީގައި އަހަރެންގެ ނަމުގެ ޢަރަބި މާނަ ބަލައިދިނުމަށް އެދުނީމެވެ. މިހާރު ދަރިފުޅު ތިޔަ ބުނަނީ އެވާހަކައެވެ. ހައިރާންވީ އެކަމާއެވެ
ކޮންމެއަކަސް ޒޫމް މެދުވެރިކޮށް ޝެއިޚްއަށް ގުޅީމެވެ. އެއީ ޝެއިޚް ޚާލިދު ޔާސީން ކަމެއްވެސް ނުބުނަމެވެ. އަހަރެން ބުނީ ދިރާސާ ކުރާ މީހެއްކަމަށެވެ. އަހަރެން އެ ކޯލް ރިކޯޑްވެސް ކޮށްފައިވާނެއެވެ. ޝެއިޚް ވީޑިއޯ ނުޖައްސައެވެ. އަޑުން އެއީ ކާކުކަމެއް މަންމައަށް ރަނގަޅަށް ނޭގުނެވެ. ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އިސްލާމް ދީނާ ބެހޭގޮތުން މަންމަ ކުރި ސުވާލުތަކަށް ޝެއިޚް ޖަވާބުދެއްވި ސާބިތުކަމާ މޮޅުކަމުން މަންމަ އަށް އަސަރުތަކެއްކުރިއެވެ. އެ ކޯލް ނިމުނު އިރު ޝެއިޚްގެ މަސައްކަތުން މަންމަ އިސްލާމް ދީން ޤަބޫލުކުރާކަން ފާޅުކުރިއެވެ. އަދި ކީރިތި ރަސޫލާ އަކީ ﷲ ގެ ރަސޫލާކަމަށްވެސް ޤަބޫލުކުރިއެވެ
ހުރިހާ ވާހަކައަކަށްފަހު ޒޫމް ކޯލް ނިންމާލުމުގެ ކުރިން ޝެއިޚް ބުންޏެވެ. “SKY” ގެ ދިގުގޮތް އެނގޭތަ؟” ނޭނގެއޭ ބުނުމުން ޝެއިޚް ބުންނެވެ. އޭގެ ދިގުގޮތަކީ Sheikh Khalid Yasin އެވެ. މަންމައަށް ރަނގަޅަށް އަޑު ނީވުމުން ޝެއިޚް ތަކުރާރުކޮށް އެހެން ބުންޏެވެ. ވަގުތުން މަންމައަށް އެނގިއްޖެއެވެ. އަދި ބުންޏެވެ. “ތިއީ ޝެއިޚްކަން ކުރިން އެނގުނުނަމަ ކޮންފަދަ ހެއްޔެވެ؟ ހަމަ ރަނގަޅަށްތަ؟ ޤަބޫލުވެސް ނުކުރެވެއެވެ
އޭގެ ފަހުން ޝެއިޚްއާ އެކު ޒޫމް ބައްދަލުވުންތަކެއް ބޭއްވީމެވެ. އަދި މަންމަ އިސްލާމްވިއެވެ. އަލްޙަމްދުލިއްލާހިއެވެ. އިސްލާމްވުމަކީ ހަގީގަތުގައި އަހަރެމެންނަށް މިނިވަންކަން ލިބުނެވެ. ބުރާ އެޅުމާއި ގަޔަށް ދޫ ހެދުން ލުމުން އަހަރެމެންނަށް އަހަރެމެންގެ ހަޤީގީ މިނިވަންކަން އިޙްސާސްވާންފެށިއެވެ. ގަޔަށް ބާރު އެއްޗެހި ލައިގެން އަންހެނުން އުޅެނީ ހަޤީގަތުގައި އެހެން ބައެއްގެ އަޅުވެތިކަމުގައެވެ. އެމީހުން ދަތުރުކުރަނީ ނުބައި މިސްރާބަކަށެވެ. އެއީ މުއްސަނދިކަން ހޯދުންނަމަވެސް، ހިތްއެދޭ ލައްޒަތެއް ހޯދުން ނަމަވެސް ހަގީގަތުގައި އެދެވެނީ ބައެއްގެ އަޅުވެތިކަމާ ދިމާލަށެވެ. ނަމަވެސް އަހަރެން ބޭނުންވަނީ އަހަރެން އުފެއްދެވި އަދި އަހަރެން އެ ފަރާތަކަށް ރުޖޫޢަ ވާނެ ފަރާތުގެ އަޅުވެތިކަމުގައި ހުންނާށެވެ. ރަސޫލާ ހަދީސް ކުރައްވާފައިވާގޮތުން އެންމެ ބޮޑަށް ލޯބިވެ އަޅާލަންޖެހެނީ މަންމައަށެވެ. ދެންވެސް މަންމައަށެވެ. ދެންވެސް މަންމައަށެވެ. މިއިން ދޭހަކޮށްދެނީ އިސްލާމް ދީނުމުގައި އަންހެނާއަށް ދީފައިވާ މަޤާމެވެ. ވަކި ޙުދޫދެއްގައި އަބުރާއި ޢިފްޢަތްތެރިކަން ރައްކާތެރިކޮށްގެން ހުރުމަށް ރަސޫލާ އަންގަވާފައިވަނީ އަންހެނުންގެ ރައްކާތެރިކަމަށެވެ
އެކަލޭގެފާނުގެ ބަސްފުޅުތަކުން އަންހެނުން ސިފަކުރައްވާފައިވަނީ “ޖަވާހިރު” ގެ ގޮތުގައެވެ. ޣައިރު މުސްލިމުންނަށް އަހަރެން ބުނެލަން ބޭނުންވަނީ މިފަދައިންނެވެ. “ދިރިއުޅުމުގައި މަޤްޞަދުތަކެއް ވެއެވެ. ކަށަވަރެވެ. މި ދިރިއުޅުމަކީ ދަތިތަކާއި އުނދަގޫތަކުން ފުރިގެންވާ އިމްތިހާނުގެ ގޮވައްޗެކެވެ. ބޭއިންސާފާއި ވޭނާއި ހިތްދަތިކަމާއި ދެރަޔާއި މޮޅިވެރިކަމަކީ މި ދިރިއުޅުމުގެ ބައެކެވެ. މާމެލާމެއްޔަށް ބަލާށެވެ. ކުޑަ އޮށަކުން ހެދުނު ގަހަކުން އެކި ކުލަކުލައަށް ފަރިވެ ފޮޅޭ ރީތި މާމެލާމެލި އުފެދޭ އާދަޔާޚިލާފުގޮތަށް ބަލާށެވެ. އަދި ފިނިމޫސުމް އަންނައިރު މާތަށް މަރުވެ، ގަސްތައް ހިކިވެ، ފަތްތައް ވެރި މޫސުމަށް އަންނަ ބަދަލަށް ވިސްނާށެވެ. ކަނޑެއްގެ ކުރިމަތީގައި ހުރެ އެ ކަނޑަށް ބަލާށެވެ. އެ ކަނޑުގެ ފުންމިނާއި ކަޅުއަނދިރި އެ ކަނޑުގެ އަޑީގައި މަސްމަހާމެއްސާއި ދިރުންތައް އުފެދިފައިވާ ގޮތަށް ތަކުރާރުކޮށް ނަޒަރުހިންގާ ބަލާށެވެ. އެންމެ އާދައިގެ ގަހެއްގެ ފަތެއްނަމަވެސް ނަގާބަލާށެވެ. އެ ފަތުގެ ރޮނގުތަކާއި ބައްޓަމާއި ކުލައަށް ބަލަށެވެ. މި ފަތް އައީ ކޮންތާކުން ހެއްޔެވެ؟ މި ފަތުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެ މަލުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެ ކަނޑުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ދެން ވިސްނަބަލާށެވެ. ތިބާއަކީވެސް އެ ދިރުންތަކެކޭ އެއްގޮތަށް ކޮންމެވެސް ފަރާތަކުން އުފައްދަވާފައިވާ މަޚުލޫޤެކެވެ. ގަހާއި، ފަތާއި، މަލާއި، ކަނޑުގައި ބޭނުމެއް އޮންނަނަމަ ތިބާގެ ޙަޔާތުގައިވެސް ބޭނުމެއް އޮންނާނެއެވެ. އެކަމާމެދު ފުންކޮށް ވިސްނާށެވެ
ނޯޓް: އާލިޔާ އުމް ރައްޔާން ދީފައިވާ އިންޓަވިއު އަކުން ކޮށްފައިވާ ތަރުޖަމާއެއް