
ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައި އުޅުނު ޝައިޚެކެވެ. އޭނާ ކިޔައިދިނެވެ. އެއް ފަހަރަކު ކޮންފަރެންސެއްގައި ބައިވެރިވުމަށް އަހަރެން އޭޝިއާގެ ޤައުމަކަށް ދިޔައެވެ. ދަތުރުގެ ކަންކަން ފުރުމުގެ އެއް ދުވަސްކުރިން ނިމުނެވެ. ކޮންފަރެންސްގެ ކަންކަމުގައި އުޅެންޖެހުނު ބުރަކަމުން ވަރުބަލިކަން ފިލުވާލުމަށް ހޮޓަލެއްގައި މަޑުކުރުމަށް ނިންމީމެވެ. މި ސިޓީގެ ކަންކަން އެހާ ބޮޑަށް ނޭނގެއެވެ. އެހެންވެ އެންމެ އަވަހަށް ފެނުނު ރަނގަޅުހެން ހިވާ ޒާތުގެ ހޮޓަލަކަށް ދިޔައީމެވެ. އެތަނުން ބޮޑަށް ފެނުނީ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ މަޖާކުރުމުގެ މާހައުލެއް އޮތްތަނެއްގެ ގޮތުގައެވެ. އެވަގުތު އެތަނުގައި ހުރި ބިދޭސީ މުސްލިމް މުވައްޒަފަކަށް އަހަރެން ފެނިގެން ބުންޏެވެ. “ޝައިޚެވެ. މިއީ ތިބާ ހުރުމަށް އެންމެ އެކަށީގެންވާ ތަނެއްނޫނެވެ. މި ނޫން އެހެންތަނެއް ހޯއްދަވާށެވެ. ޝައިޚަކު މިފަދަ ފާޙިޝް ޢަމަލުކުރާ ތަނެއްގައި ވަނިކޮށް ބަޔަކަށް ފެންނާކަށް ނޭދެމެވެ.” އެތަނުން ފެނުނު މަންޒަރުތަކުންނާއި އެ މުސްލިމް އަޚާ ދެއްކި ވާހަކަތަކުން އަވަހަށް އެތަނުން ނުކުމެގެން ދިޔައީމެވެ.
އެތަނުން ނުކުމެގެން ގޮސް އަހަންނަނަށް ދެވުނީ ވަރަށް ބޮޑު ޕާރކް އަކަށެވެ. އެއީ ރޭގަނޑުގެ އިރާކޮޅުގެ ވަގުތެއް ކަމުންނާއި ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން އެ ޕާރކްގައިވާ ބެންޗެއްގައި އިށީނުމާއެކު ނިދިޖެހިއްޖެއެވެ. ހޭލެވުނު އިރު ފަތިސް ވަގުތު ވަނީ ވެފައެވެ. އަހަރެން އެނބުރި ސަޢުދީއަށް ދާ ފްލައިޓް އޮތީ މެންދުރުފަހު ކަމުން ހިތައް އެރީ ކުރީބައިގައި އެއަރޕޯރޓަށްގޮސް އެތަނުގައި ވަގުތު ހޭދަކުރުމަށެވެ. ކާރެއް ހޯދައިގެން އެއަރޕޯރޓަށް ގޮސް އެތަނުގައިވާ ނަމާދުކުރާ ކޮޓަރިއެއްގައި ފަތިސް ނަމާދުކުރީމެވެ. އަދި ނަމާދުކޮށް ނިންމައިގެން ޒިކުރުކުރުމަށް އިންދާ، ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން ނިދިޖެހިއްޖެއެވެ. އޭރު ނަމާދު ކޮޓަރީގައި އެކަކުވެސް ނެތެވެ. ގާތްގަނޑަކަށް ގަޑިއެއް ހާއިރު ކޮށްފައި އަހަރެންނަށް ހޭލެވުނީ މީހެއްގެ ރުއިމުގެ އަޑަށެވެ. އޭރު އަހަރެންނާ މާދުރުނޫން ހިސާބެއްގައި އިށީނދެލައިގެން އިނީ ގައިމުވެސް 30 އަހަރަށްވުރެ ދޮށީ ނުވާ އުމުރުގެ ޒުވާނެކެވެ. އޭނާ ގިސްލާފައި ރޮނީއެވެ. ދައިއަކު ގެއްލިގެން މަޔަކު ރޯ ފަދައިން އަސަރާއެކުގައެވެ. އޭނާއަށް މާބޮޑު ސަމާލުކަމެއް ނުދީ އޮށޯތުމާއެކު އަނެއްކާވެސް އަހަރެންނަށް ނިދިއްޖެއެވެ.
ދެން އަހަރެންނަށް ހޭލެވުނީ މެންދުރު ނަމާދު ވަގުތުގައެވެ. އޭރު އެއްކަލަ ޒުވާނާ ހަމަ އެތަނުގައި ނަމާދަށް ހުއްޓާ ފެނުނެވެ. އެވަގުތު ނަމާދު ނިންމާފައި ބާރަށް އޭނާ އަހަރެންނާ ދިމާލަށް އައެވެ. އޭނާގެ ލޮލަށް ބަލާލުމުން ހީވީ 3-4 ދުވަސް ވަންދެން ނުނިދާހުރި މީހެއް ހެނެވެ. އޭނާ ވަނީ ވަރަށް މާޔޫސް ވެގެންނެވެ. އޭނާ ވަރަށް ހައިރާންވެ ބުންޏެވެ. “އޭ ޝައިޚެވެ. ތިބާއަށް ނިދޭތަ؟ ހަމަ ނިދުނީތަ؟ ކިހިނެއް؟” އަހަރެން ބުނީމެވެ. “އާނއެކެވެ. ވެފައިވާ ވަރުބަލިކަމުގެ ސަބަބުން އަހަރެންނަށް ނިދުނެވެ.” އޭނާ ބުންޏެވެ. “އަހަރެންނަކަށް ނުނިދެއެވެ. މިހާރު ނުނިދާތާ 3 ދުވަސް ވެއްޖެއެވެ. ނިދި ނާދެއެވެ. މާޔޫސްވެއްޖެއެވެ. ނުއެއް ކެވެއެވެ. މަޖާކޮށް ހީ ސަމާސާކޮށް ހަދާކަށް ނުކުރެއެވެ.”
ފްލައިޓް ފުރުމަށް އަދިވެސް ގަޑިއިރުތަކެއް އޮތުމުން އޭނާ ކައިރީގައި ވީގޮތް ކިޔައިދޭން ބުނީމެވެ. އޭނާ ކިޔައިދިނެވެ. އަހަރެންނަކީ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އަހަރެންނަކީ ސަޢުދީ ޢަރަބިއްޔާގެ މީހަކީމެވެ. އަހަރެންގެ އާއިލާއަކީ ވަރަށް މުއްސަނދި އާއިލާއެކެވެ.
އަހަރެމެން އާއިލާއަކީ ވިޔަފާރިވެރި އާއިލާއެކެވެ. ތަނަވަސްވެ މިލިޔަނަރުންނަށް ވެފައިވާ އާއިލާއެއްގެ މިލިޔަނަރަކީމެވެ. ބޭނުންވާ ކޮންމެ ކަމެއް ލިބޭ ވަރުގެ ތަނަވަސް ބައެކެވެ. އެއް ފަހަރަކު އަހަރެން ހިތަށް އެރިއެވެ. ނުލިބޭ މުއްސަނދިކަމެއް ނެތެވެ. މިނޫން އެހެން ތަޖުރިބާއެއް ބޭނުމެވެ. ޝައިޠާނާގެ ވަސްވާހުގައި ޖެހިގެން ވަގުތު ކޮޅަކަށް ނަމަވެސް (ހިތް އުފާކޮށްލުމަށް) މަޖާވާނެކަމެއް ކުރުމަށް ނިންމީމެވެ. ނަމަވެސް އަހަރެންގެ ޝަހަރުގެ އެންމެނަށް އަހަރެން އެނގޭނެތީ އަހަރެން ގަސްތުކުރީ އެހެން ޤައުމަކަށް ދާށެވެ. ވިޔަފާރި ދަތުރެއްގައި ދަނީކަމަށް ބުނެ އާއިލާއަށް އަންގާފައި މިޤައުމަށް އަހަރެން އައީމެވެ. އަދި މި ސިޓީގައި އެހެން ބައެއް ޤައުމުތަކުގެ މީހުންނާއެކު ރެސްޓޯރަންޓްތަކުންނާއި ކްލަބްތަކުންނާއި ތިއޭޓަރުތަކުން ދިމާވެ ވާހަކަ ދައްކަމުންގޮސް ދެތިން ދުވަހެއް ވީއިރު އަހަރެންގެ ހަވާނަފުސުގެ އެދުންތައް ދިޔައީ މަތިވަމުންނެވެ. ކުރިން ބޮޑެތި ޚަރާމް ކަންކަން ކަމުގައި ފެނުނު ބައެއް ކަންކަން އާދައިގެ ކަންކަމަށް އެވީ ތިން ދުވަސްތެރޭ ބަދަލުވެއްޖެއެވެ. އަހަރެން ވަށައިގެން އުޅުނު މީހުން ރާބޮއެ ޖުވާކުޅުނެވެ. ނަމަވެސް ﷲ ގަންދީ ބުނަމެވެ. އަހަރެން ރަލެއްނުބޮމެވެ. އަދި ޖުވާކުޅެވެސް ނަހަދަމެވެ.
ނަމަވެސް އެމީހުންގެ ތެރޭގައި ދެ ދުވަހެއް އިތުރަށް ފާއިތުވީއިރު ނުހަނު ރީތި ޒުވާން އަންހެން ކުދިންވެސް އަހަރުމެންނާއެކު އުޅެމުންދިޔައެވެ. އޭގެ ތެރެއިން ނުހަނު ރީތި ޒުވާން އަންހެނަކަށް އަހަރެންގެ ހިތް ދެވެން ފެށިއެވެ. އޭނާގެ ޖަޒުބާތީ ވާހަކަތަކުގައި އަހަރެން ޖެހުނެވެ. އަދި މިސިޓީގެ އަގުބޮޑު ހޮޓަލެއްގެ ކޮޓަރިއެއްގައި އޭނާއާއެކު އަހަރެން އެކަހެރިވީމެވެ. އޭނާގެ މަޅީގައި ރަނގަޅަށްޖެހުނެވެ. އަދި އޭނާއާއެކު ޒިނޭކުރުމުގެ ފާފާއިގާ އަހަރެން ޣަރަޤުވިއެވެ.
އެރޭ ނިމި އަނެއް ދުވަހުގެ ހެނދުނު އަހަރެންނަށް ހޭލެވުނުއިރު އޭނާ ހިނގައްޖެއެވެ. އަދި އެކަން ހަދާންވެ އަހަރެންނަށް މިކުރެވުނު ކަންކަމަށް ލަދުވެތިވެ ބިންމައްޗަށް ތިރިވެ ރޯން ފެށުނެވެ. ދަރިންނާއި އަނބިމީހާ އަދި އާއިލާ މަތިން ހަނދާވެ ހިތްދަތިވާން ފެށިއެވެ. އަހަރެން ހިތައް އެރިއެވެ. ހަމަ ޔަޤީނެވެ. މާތްﷲ އަހަރެންނަށް މާފު ނުކުރައްވާނެއެވެ. އަހަރެންގެ މި ފާފަ ނުފުހެވޭނެއެވެ. ހިތްދަތިވި ވީވަރުން ހޮޓަލުން ނުކުތުމަށް ބާރަށް ހިނގައިގަނެ، އެންމެ ތިރިއަށް އައިއިރު، މިކަމުގައި އަހަރެންނަށް އެންމެ ބޮޑަށް ބާރުއެޅި އެކަކު ތިރީގައި ރާފުޅިއެއް ހިފައިގެން ހުއްޓެވެ.
ވެފައިވަނީ ކީއްތޯ އެހުމުން އަހަރެން ބުނީމެވެ. ޒިނޭ ކުރެވިއްޖެއެވެ. އެއީ ބޮޑު ފާފައެކެވެ. އަހަރެން ދާނީވެސް ވަކި ކޮންތާކަށްހެއްޔެވެ؟ އޭނާ ބުންޏެވެ. “ރަހުމަތްތެރިޔާއެވެ! ހާސްނުވާށެވެ. މި ފުޅިން އެތިކޮޅެއް ބޯލާށެވެ. އޭރުން ހުރިހާ ކަމެއް ހަނދާންނެތިދާނެއެވެ.”. އަހަރެން ދޫކޮށްލާށޭ ދޫކޮށްލާށޭ ގޮވަމުން ހޮޓަލުން ނުކުމެގެން ދިޔައީ ސަލާންޖަހާ މީހެއް ފަދައިން މިސިޓީގެ އެކިއެކި ތަންތަނުގައި، މަގުމަތީގައި ހިޔާވަހިކަމަކަށް ނުވަދެއެވެ. މަގުމަތީގައި ޑަސްބިން ހޮވައިގެން ކައިބޮއި އުޅޭ މީހުން ފެނިފައި އެމީހުންވެސް އަހަންނަށްވުރެ ރަނގަޅޭ ހިތަށް އެރިއެވެ. އެ ހާލުގައި އަހަރެންގެ ރަށަށް (ސަޢުދީގެ ރިޔާޟްއަށް) ދިޔުމަށް މި އެއަރޕޯރޓަށް އައީއެވެ.
އޭނާވެ ވާހަކަތައް ނިމުމުން ޤުރުއާނުން އަހަންނަށް އެންމެ ރީތި އަދި އެންމެ ގުޅޭހެން ހީވާ އާޔަތް އޭނާއަށް އިއްވީމެވެ. އެއީ ސޫރަތުއް ޒުމަރުގެ 53 ވަނަ އާޔަތެވެ. މާނައީ “ކަލޭގެފަނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ”.
މި އާޔަތް އަހަރެން ކިޔައިދީ ނިމުމުން އޭނާ ބުންޏެވެ. ޝައިޚެވެ. ތެދެކެވެ. ﷲ ހުރިހާ ފާފަތަކަށް މާފުދެއްވައެވެ. ނަމަވެސް އަހަރެން ފިޔަވައެވެ. އަހަރެންނަކީ މުސްލިމުން ޙައްޖަށާއި ޢުމްރާވުމަށް އަންނަ ޙުރުމަތްތެރިވެގެންވާ ބިމުގެ އަހުލުވެރިއެކެވެ. އަހަރެންނަކީ ކައިވެނިކޮށްގެން އުޅޭ އަދި ދަރިންތިބި މީހެކެވެ. އަހަރެންނަށް މާފެއްނެތެވެ. ޔަޤީނެވެ. އެހިސާބުން އަހަރެންގެ ފްލައިޓްގެ ގަޑިޖެހުމުން، އޭނާގެ ފޯނު ނަންބަރު ހޯދައިގެން އަހަރެން ފުރަން ދިޔައީމެވެ. ފްލައިޓް މަތީގައި އަހަރެން ހިތައް އެރީ (މިފަދަ ކިތަންމެ މާޔޫސީ މީހަކު އަހަރެންނަށް ފެނިފައިވާތީ) އޭނާ ދެތިން ހަފުތާ ފަހުން އެކަން ހަނދާން ނެތޭނެކަމަށެވެ.
އަހަރެން ރިޔާޟް އަށް އައިތާ މަސްދުވަސް ފަހުން އަޙްމަދުގެ ފޯނެއް އައެވެ. އޭނާ ބުނީ މިސްކިތުގައި ބައްދަލުކުރުމަށް އެދޭކަމަށެވެ. އެއީ ޙައްޖު މޫސުމާ ދާދިގާތުގައެވެ. މިސްކިތުން އޭނާއާ ބައްދަލުވި އިރު އޭނާއަށް ބަދަލުތަކެއް އައިސްފައިވެއެވެ. އޭނާ ބުންޏެވެ. ޝެއިޚެވެ. އަހަރެން ތިބާއާ ބައްދަލު މިކުރީ އަލްވަދާޢު ކިޔުމަށެވެ. އަހަރެން ބުނީމެވެ. ދަނީ ކޮންތާކަށްހެއްޔެވެ؟ އޭނާ ބުންޏެވެ. އަހަރެން އަމިއްލައަށް ސަޢުދީ ސަރުކާރާ ހަވާލުވަނީއެވެ.
އޭރުން އަހަރެން ކުރި ޒިނޭގެ ކުށަށް ރަޖަމްވެ މި ދުނިޔެއިން ނިމިގެންދާނެއެވެ. އަހަރެން ބުނީމެވެ. އަޙްމަދެވެ. ތިބާ މޮޔަވީހެއްޔެވެ؟ ދަރިން އެބަތިއްބެވެ. އަނބިމީހާ އެބަހުއްޓެވެ. ﷲ އަންގަވާފައިވަނީ ތިޔަހެން ހަދާކަށްނޫނެވެ. އަވަހަށް ތައުބާވާށެވެ! އޭނާ ބުންޏެވެ. ތިމަންނަގެ އަނބިމީހާއާއި ދަރިންނަށް ﷲ ގެ ޢަޛާބުން ސަލާމަތްކޮށެއް ނުދެވޭނެއެވެ.
އޭނާއަށް ވިސްނައިދެވޭތޯ އަހަރެން ވަރަށް ގިނަ ވާހަކަ ދެއްކީމެވެ. އަދި އެންމެ ފަހުން ބުނީމެވެ. އަޙްމަދެވެ. އަހަރުމެން ދެމީހުންވެސް އިޙްތިރާމްކުރާ، ޤަދަރު އުފުލިގެންވާ “ބޮޑު” ޝޭޚެއްގެ ކައިރިއަށް ހިނގާށެވެ. އޭނާ ތިގޮތަށް ޢަމަލުކުރުމަށް ބުނެފިނަމަ އަހަރެން ދެކޮޅެއް ނަހަދާނަމެވެ. އެންމެ ފަހުން އަޙްމަދު އެކަމަށް އެއްބަސްވިއެވެ. މިދެންނެވި “ބޮޑު” ޝެއިޚް ކައިރިއަށް ދިޔުމުން ވަރަށް އަޑުހަރުކޮށް ވިދާޅުވީ އޭނާ އަމިއްލައަށް ރަޖަމްވުމަށް ދިޔުމެއްނެތޭ، ތައުބާވާށެވެ. އޭނާ އެ ޝެއިޚުގެ ވާހަކަވެސް ޤަބޫލެއްނުކުރިއެވެ. ނަމަވެސް ޝެއިޚު ބުންޏެވެ. އަހަރެންނަށް އެނގިފައިވާ ޢިލްމަކުން މެނުވީ ވާހަކަ ނުދައްކަމެވެ. އެހިސާބުން އަޙްމަދު ހިނގައްޖެއެވެ.
ދުވަސްތަކެއް ފަހުން އަނެއްކާވެސް އަޙްމަދުގެ ފޯނެއް އައެވެ. މިފަހަރުވެސް މިސްކިތުން ބައްދަލުކުރުމަށް އެދުނެވެ. އަހަރެން ދިޔައީމެވެ. އޭނާ ބުންޏެވެ.
ޝެއިޚެވެ. އަނެއްކާވެސް އަލްވަދާޢު ކިޔަމެވެ. އަހަރެން ބުނީމެވެ. މިފަހަރު ތިޔަ ދާން އުޅެނީ ކޮންތާކަށް ހެއްޔެވެ. އޭނާ ބުންޏެވެ. މި އުޅެނީ ޙައްޖަށް ދާށެވެ. އަހަރެން ބުނީމެވެ. ސުބްޙާނަﷲ! ދެމީހުން އެކުގައި ދާން ހިނގާށެވެ. އޭނާ ބުންޏެވެ. ނޫނެކެވެ. އަހަރެން އެކަނި ހިނގައިދާނަމެވެ. އެފަހަރުގެ ޙައްޖަށް އަހަރެންވެސް ދިޔައީމެވެ. ހިލަ އުކުމަށް ޖަމްރާއެއްގައި އުޅެނިކޮށް އަޙްމަދު ފެނުނެވެ. އަހަރެން އޭނާއަށް ގޮވީމެވެ. ނަމަވެސް އަހަރެންނަށް ނުފެންނަން ވެގެން އޭނާ ދުވެ ފިލިއެވެ.
ޙައްޖުގެ އަޅުކަން ނިމި ރިޔާޟުން އަނެއްކާވެސް އަހަރެން އަޙްމަދާ ބައްދަލުކުރީމެވެ. އޭނާ ބުންޏެވެ. ޝެއިޚެވެ. އަހަރެންނާ އެއްކޮށް އުޅެން ތިޔަ އުޅެނީ ކީއްވެހެއްޔެވެ. އަހަރެންނަކީ ފާފަވެރިއެކެވެ. ތިޔައީ މައުޞޫމް މީހުންނެވެ. އަހަރެން ދޫކޮށްލާށެވެ. ދުވަސްތަކެއް ފާއިތުވެގެން ދިޔައެވެ. އަޙްމަދު ޤުރުއާން ހިތުން ދަސްކުރިއެވެ. އަދި ދެދުވަހުން އެއްދުވަހު ރޯދަ ހިފަން ފެށިއެވެ. މިސްކިތުގައި ކޮންމެ ދުވަހަކު 5 އަހަރު ވަގުތަށް ދާންފެށިއެވެ. އެވެސް އެހެން ގިނަ މީހުންނަށްވުރެ ކުރިންނެވެ. ޞަދަޤާތް ކުރުމާއި ހެޔޮ ޢަމަލުކުރުމުގައި ވަރުގަދައަށް ޘާބިތުވިއެވެ.
އަހަރުތަކެއް ފާއިތުވިއެވެ. މަދީނާއަށް ވަޑައިގެންނެވި ފުންނާބުއުސް ޢިލްމުވެރިއަކު ރިޔާޟްގައި ދަރުހެއް ދެއްވިއެވެ.
އެ ޝެއިޚުގެ ދަރުސްގައި މިސާލެއް ނެންގެވީ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އުޅުއްވި ސަޙާބީއެއް ކަމުގައިވާ އައްރަބީޢު ބްން ޚުޒައިމް އާ ބެހޭގޮތުންނެވެ. ދަރުސްގައި ބުންޏެވެ. ބައެއް އިސް ސަޙާބީން އިސްލާމް ދީނުން ބޭރުކުރެވޭތޯ މަސައްކަތް ކުރުމަށް އުޅުނު ބަޔަކު އެއް ފަހަރަކު އައްރަބީޢު ބްން ޚުޒައިމް ބަދަލުކުރެވޭތޯ އެ ސަހަރުގައި އުޅުނު ރީތިކަމަށް މަޝްހޫރު އަންހެނަކަށް 100 ދީނާރު ދިނުމަށްފަހު އެ އަންހެނާއަށް ބުންޏެވެ. އައްރަބީޢު ބްން ޚުޒައިމް އަށް ދޮނެއް ދޭށެވެ. އެ އަންހެނާ، އައްރަބީޢު ބްން ޚުޒައިމް މަޣްރިބް ނަމާދު ނިންމާފައި އައި މަގުމަތީގައި އެ އަންހެނާ އޭނާގެ ރީތިކަން ދައްކައި، އައްރަބީޢު ބްން ޚުޒައިމް އާ ކައިރިވާން އުޅުމުން އެ މާތް ޞަޙާބީ އަޑުގަދަކުރައްވާ ވިދާޅުވިއެވެ. ކަލޭ ކަށްވަޅުގައި ގަޑިއެއްހާ އިރަށް އޮވެއްޖެނަމަ ތިޔަ ރީތިކަން ދެމިއޮންނާނެހެއްޔެވެ؟ އަދި ﷲ ގެ ދަރުބާރުގައި ކަލޭގެ ރީތިކަން ބޭނުންކުރި ގޮތާބެހޭގޮތުން ކަލޭ ޖަވާބުދާރީ ވާނީ ކިހިނެއް ހެއްޔެވެ؟ އެ އަންހެނާއަށް ކުރި ހިތްދަތި އަސަރުން އޭނާ އެތަނުން ދުވެ ފިލީއެވެ.
އަދި އޭނާ ތައުބާވެ އޭނާގެ ފުށުންވެސް އެތައް ބަޔަކަށް ހިދާޔަތު ލިބުނެވެ.
އެވަގުތު ދަރުސް މާލަމުގެ ތެރެއިން މީހަކު ރޮއެފައި ބުނި އަޑުއިވުނެވެ. “އައްރަބީޢު ބްން ޚުޒައިމް އެ އަންހެނާ ދޫކޮށް ޙައްޤުގެ މަގުގައި ސާބިތުވީއެވެ. ނަމަވެސް އަހަރެން ކުރީ ޒިނޭއެވެ.” އެއީ އެއްކަލަ އަޙްމަދުކަން ވަގުތުން އަހަރުމެންނަށް އެނގުނެވެ.
އޭގެ ފަހުން އަޙްމަދު ނުފެނި ދުވަސްތަކެއް ފާއިތުވިއެވެ. އަހަރެންނަށް ކުރީގެ ޝައިޚުންނަށްވުރެ މާ ފުންނާބުއުސް ޢިލްމުވެރިޔަކާ ދިމާވިއެވެ. އެ މާތް ޝެއިޚާ ދިމާވެގެން މި އަޙްމަދުގެ ވާހަކަ އަހަރެން ކިޔައިދިނީމެވެ. އެ ޝައިޚު އަންނާ މުޚާޠަބުކޮށް ބުންޏެވެ. “ޤުރުއާނުގައިވާ މި އާޔަތް ނުދެކެމުހެއްޔެވެ؟ އެ އާޔަތް ތިޔަ އަޙްމަދަށް ކިޔައިދޭށެވެ.” އަހަރެން ބުނީމެވެ. ކޮން އާޔަތެއް ހެއްޔެވެ. އެވަގުތު ޝައިޚް ވިދާޅުވީ ސޫރަތުލްފުރުޤާންގެ 68-70 ވަނަ އާޔަށެވެ.
މާނައީ: “އެއުރެންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާ މީހުންނެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ޙައްޤު ގޮތުގައި މެނުވީ ނުމަރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ. އެމީހަކަށް ޤިޔާމަތްދުވަހުން ޢަޛާބު ގިނަކުރައްވާ ހުއްޓެވެ.
އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޛާބުގެ ތެރޭގައި އެމީހަކު ދެމިހުންނާނެތެވެ. ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙް ޢަމަލުކުޅަ މީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) ﷲ އެއުރެންގެ ނުބައިކަންތައް ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”
މި އާޔަތްތައް އަޙްމަދުއަށް ކިޔައިދޭން އަހަރެން އަވަސްވެގަތީމެވެ. ޖެހިގެން އައި ނަމާދު ގަޑީގައި މިސްކިތަށް ދިޔައިރު މިންބަރުގެ ކައިރީގައި (އަބަދުވެސް އޭނާ އިށީންނަ މަޤާމުގައި) އޭނާ އިނެވެ. އަހަރެން ބުނީމެވެ. އޭ އަޙްމަދެވެ. އޭ އަޙްމަދެވެ. މި އާޔަތްތައް އަޑުއަހާށެވެ! ދެން އެ އާޔަތްތައް ކިޔައިދިނީމެވެ. އާޔަތްތައް ކިޔަވައި ނިމުމުން އަޙްމަދު އައިސް އަހަރެން ގައިގާ ބައްދާލިއެވެ. އަދި ގިސްލާފައި ރޯންފެށިއެވެ. އަދި ބުންޏެވެ. ޝެއިޚެވެ. ﷲ ގަންދީ ބުނެމެވެ. އަހަރެން ވަނީ ޤުރުއާން ހިތުދަސްކޮށްފައެވެ. ނަމަވެސް މި އާޔަތްތައް އަހަރެންނަށް މިވަރަށް ފާހަގަމިވީ އަދި އަލަށެވެ. މިއީ ﷲ ގެ ކަރާމާތެވެ. އެރޭގެ ނަމާދުގައި މިސްކިތުގައި އިމާމަށް ނާދެވުމުން އިމާމްވެ ނަމާދުކުރަންވެސް ޖެހުނީ އަޙްމަދަށެވެ. ނަމާދުގައި އަޙްމަދު ކިޔެވީ ފުރުޤާން ސޫރަތުގެ ކުރިން ބުނި އާޔަތްތަކެވެ. ވަކި ހިސާބަކުން ގިސްލަގިސްލާފައި ހުއްޓުން އަރައެވެ.
އޭގެ މަސްތަކެއް ފަހެވެ. ރަމަޟާންމަހުގެ ދުވަހެކެވެ. އަހަރެންނަށް އަޙްމަދުގެ ބައްޕަގެ ކޯލެއް އައެވެ. އޭނާ ބުނީ އަވަހަށް އެ ގެއަށް އައުމަށެވެ. އަހަރެން އަވަހަށް އަޙްމަދުގެ ގެއަށް ދިޔައީމެވެ. އެއީ ބޮޑު ގަނޑުވަރެކެވެ. މުއްސަނދި ދިރިއުޅުމެވެ. އަގުބޮޑު ވަޞީލަތްތަކެވެ. ދޮރުމަތިން އަޙްމަދުގެ ބައްޕަ އަހަރެންނާ ބައްދަލުކޮށް ބައްދާލުމަށްފަހު ރޮއެގެންފައި ބުންޏެވެ. “ތިބާގެ އެކުވެރި އަޙްމަދު ސަލާމް ބުންޏެވެ. އަދި ރޭގައި ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެއްޖެއެވެ” އަހަރެންނަށް ވަރަށް ދެރަވެ ގިސްލެވުނެވެ. އެ ވަގުތު އަވަހަށް އަންނަން އެ ބުނީ އަޙްމަދުގެ ޖަނާޒާ ކުރިއަށް ދާތީއެވެ. ގޭގައި މޫނުދައްކާ ނިންމާފައި މޫނު އަޅަން ތައްޔާރުވަނީއެވެ. އަހަރެން އެންމެ ފަހު ފަހަރަށް އަޙްމަދުގެ މޫނު ބަލާލީމެވެ. ސުބްޙާނަﷲ! ދުވަހަކުވެސް އަހަރެން އެފަދަ އުޖާލާ އަލިކަމެއް ލިބިގެންވާ މޫނެއް ނުދެކެމެވެ. ދުޢާކުރުމަށްފަހު އޭނާގެ ނިތްކުރީގައި ބޮސްދިނީމެވެ.
ޖަނާޒާ ނިންމާފައި އޭނާގެ ބައްޕަ ކައިރީގައި އެހީމެވެ. އަޙްމަދުގެ ވާހަކަ ކިޔައިދޭށެވެ. ވީ ކިހިއްނެއް ހެއްޔެވެ؟ އަޙްމަދުގެ ބައްޕަ ބުންޏެވެ. “ރޭގައި އަހަރުމެން ދެމީހުން އެކުގައި މަޣްރިބް ނަމާދުކޮށް ނިންމާފައި އަހަރެން ބުނީމެވެ. ދަރިފުޅާއެވެ. ބައްޕައާއެކު ރޯދަވިއްލުމަށް ގެއަށް ދާން ހިންގާށެވެ. އޭނާ ބުންޏެވެ.
ބައްޕާއެވެ. ނޫނެކެވެ. މިރޭ މިސްކިތުގައި ގިނަ ވަގުތު އިނުމަށް ހިތްއެދެއެވެ. ޚާއްޞަ ކަމެއް އިޙްސާސްކުރެވެއެވެ.” ދެން އަހަރެން އޭނާ ދޫކޮށް ގެއަށް އައިސް ކައިގެން ނިމުނުއިރުވެސް އަޙްމަދު ނާންނާތީ އަޙްމަދުގެ ކޮއްކޮ ކައިރީގައި، މިސްކިތަށްގޮސް އަޙްމަދު ގޮވައިގެން އައުމަށް ބުނީމެވެ.
އިރުކޮޅެއްފަހުން އެކުއްޖާ ރޮމުން ރޮމުން އައިސް ބުންޏެވެ. ބޭބެ އަޙްމަދު އެއްވެސް ވާހަކައެއް ނުދައްކައެވެ. ވެއްޓިފައި އެބައޮތެވެ. ވަގުތުން އަހަރެން ކާރުގައި މިސްކިތަށް ބާރަށް ދިޔައީމެވެ. ދިޔައިރު މިސްކިތުގެ މިންބަރު ކައިރީގައި އަޙްމަދު އޮތީ ވެއްޓިފައެވެ. އަނިޔާއެއް ވެފައެއްނޫނެވެ. ނަމަވެސް ކިޔާނުކިޔާ އެއްޗެއް ނޭނގެއެވެ. އަތުގައި ޤުރުއާނުގެ މުސްޙަފެއް އޮތެވެ. ވަގުތުން އަޙްމަދު ނަގާފައި އަހަރެންގެ އުނގުގައި ބޭއްވީމެވެ. ވާހަކައެއް ބުނަން އުޅޭކަން ވަގުތުން އެނގިއްޖެއެވެ. އަޙްމަދު ބުންޏެވެ. “އަހަރެންގެ ސަލާމް ޝެއިޚަށް ރައްދުކޮށްދޭށެވެ! އަހަރެންގެ ސަލާމް ޝެއިޚަށް ރައްދުކޮށްދޭށެވެ!” އޭގެ ފަހުން ވަރަށް ސާފުކޮށް އެއްވެސް އުނދަގުލެއްނެތި ސޫރަތުލް ފުރުޤާންގެ 68-70 އާޔަތްތައް ކިޔަވަންފެށިއެވެ. އެ ތިން އާޔަތް ކިޔަވައި ނިމުމާއެކު އަހަރެންގެ އަތްދަނޑިމައްޗަށް އޭނާ މަރުވެއްޖެއެވެ.
އަޙްމަދުގެ ބައްޕަ ބުންޏެވެ. އަޙްމަދުގެ ޗުއްޓީ ދަތުރުގައި އޭނާއަށް ވީ ކީއްކަން ބުނެބަލާށެވެ! އަހަރެން އެ ވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނުމަށް އަހަރެން ވަނީ ވަޢުދުވެފައެވެ. އެހެންކަމުން ސީދާ އެވާހަކަ ނުބުނެ އަހަރެން ބުނީމެވެ. “އަޙްމަދުގެ ރަޙްމަތްތެރިއަކު އޭނާއާ ވަކިވެ މާޔޫސްވީއެވެ. ހިނދުކޮޅަކަށް އީމާންކަމާ ދުރަށް އޭނާއަށް ދެވުނީއެވެ. އިތުރު ބޮޑުކަމެއް ނުވެއެވެ”
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިތަންމެ ބޮޑު ފާފައެއް ކުރެވުނަސް ﷲ ގެ ޙަޟްރަތުން މާޔޫސް ނުވާށެވެ. ތައުބާވެ ޙައްޤުގެ މަގަށް ރުޖޫޢަވާށެވެ! މާދަމާވެސް މަރުވެ އަޖަލުއައިސް ތިމާއާ ބައްދަލުކޮށްފާނެއެވެ. ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ! ހެޔޮ ދުޢާ ކުރުމުގައި ދެމިހުންނާށެވެ! ﷲ އީ އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. އެހެން މީހުންނަށް އަބަދުވެސް ހެޔޮބަހެއް ނޫނީ ނުބުނާށެވެ! މަރާ ބައްދަލުކުރާއިރު ކޮށްފައިވާ ހެޔޮ ޢަމަލަކުންނޫނީ ފައިދާ ނުކުރާނެކަން ދަނެ، ޒުވާން ދުވަސްތައް ހެޔޮ ގޮތުގައި ހޭދަކުރާށެވެ! ތައުބާވުމަށް ލިބޭނީ މަދު ވަގުތުކޮޅެކެވެ. ފުރުޞަތުގެ ބޭނުން ކުރައްވާށެވެ!
ހައްދަވާ ބޮޑުކުރެއްވި ރަޙްމާންވަންތަ އަދި ރަޙީމްވަންތަ ރަސްކަލާކޮ! އަޅަމެންނަކީ މިފަދަ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ!
މިއީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ބިލާލް އަސްޢަދު ވިދާޅުވެދެއްވާފައިވާ ވާހަކައެކެވެ. މިވާހަކައިގެ މައިގަނޑު މެސެޖަކީ ތައުބާއެވެ. ތައުބާއަށް މާޔޫސް ނުވުމެވެ. އުންމީދު ކަނޑާނުލުމެވެ.