
އަހަރެންނަކީ އިނގިރޭސިވިލާތުގެ ލަންޑަނަށް އުފަން މީހަކީމެވެ. އަހަރެން އުޅެބޮޑުވެފައިވަނީ ވަރަށް “އޯޕަން މައިންޑް” މާހައުލެއްގައެވެ. ވަކި ދީނަކަށް ތަބާވުމަށް ނުވަތަ ވަކި ދީނަކަށް އުޅުމަށް އަހަރެންނަށް އެއްވެސް މަޖުބޫރުކަމެއް ނެތެވެ. އަހަރެންގެ ބައްޕައަކީ ކޮންމެވެސް ވަރަކަށް ދީން ޤަބޫލުކުރާ މީހެއް ނަމަވެސް މަންމައަކީ ދީނަކަށް އުޅުމަށް ނަފުރަތުކުރި މީހެކެވެ. މަންމަ އަޔަލަންޑުގެ މީހަކާ ކައިވެނިކޮށްގެން ކްރިސްޓިއަން ދީނުގައި އުޅުމަށްފަހު ވަރިވުމުން (ވަރި ވުމަކީ އަޔަލެންޑްގެ ދީން، ކްރިސްޓިއަން ދީނުގައި، މަނާ ކަމަކަށްވާތީ) އެ ދީނުގެ މީހުންނާ މަންމަ ގުޅުން ކެނޑި، މަންމަ އެދީނުން ބޭރުވިއެވެ
އެހެންކަމުން އަހަރުމެން އުޅެބޮޑުވީ އެއްވެސް ދީނެއް ޤަބޫލުނުކުރާ މާހައުލެއްގައެވެ. ކަލަކު ވޮޑިގެންވާކަމަށްވެސް އަހަރެން ޝައްކުކުރީމެވެ
މަދަރުސީ ހަޔާތުގައި އަހަރެންނަކީ ފެއިލިޔަރެކެވެ. އިމްތިހާނުތަކުން ފާސްނުވާ ކުއްޖެކެވެ. އަހަރެން އޭރުއްސުރެ ބޭނުންވީ މިއުޒިކީ ދާއިރާއިން ކުރިއަށް ދިޔުމަށެވެ. އަހަރެންގެ ބައްޕައަކީ ވިޔަފާރިއެއް ކުރާ މީހެއްކަމުން ބައްޕަގެ ވިޔަފާރީގައި ބައިވެރިވާ އެކަކީ މިއުޒިކު ދާއިރާގެ ވަރަށް ގިނަ ފަރާތަކާ ގުޅުން އޮންނަ މީހެކެވެ. މިހެންކަމުން، މިއުޒިކުގެ ތެރެއަށް (އެންމެ އާދައިގެ މަސައްކަތަކަށް ނަމަވެސް) އަހަރެން ފުރުޞަތު ދިނުމަށް އެދި އެމީހާ ކައިރީގައި އާދޭސްކުރީމެވެ. އެމީހާގެ ފަރާތުން، މިއުޒިކް ގެ ޕްރޮމޯޝަނަލް ކޮމްޕެނީއަކުން އަހަރެންނަށް ފުރުޞަތު ލިބުނެވެ
އެހާ ހިސާބުން މިއުޒިކްގެ ފުރުޞަތުތައް އަހަރެންނަށް ފުލުފުލުގައި ލިބެންފެށިއެވެ. މިއުޒިކްގެ ދުނިޔޭގައި އެތައް މިލިޔަން ބައެއްގެ މެދުގައި މަޝްހޫރު Stevie Wonder ގެ މިއުޒިކް އިވެންޓްތަކުގައި ވަރަށް ބޮޑަށް މަސައްކަތް ކުރުމުގެ ފުރުޞަތު އަހަރެންނަށް ލިބުނެވެ. މިގޮތަށް މަޝްހޫރު ފަރާތްތަކާއެކު ބޮޑު އާމްދަނީއެއް ލިބިގެން އުޅެނިކޮށް އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި އުޅުނު މީހަކު އެއްދުވަހަކު އަހަރެންނަށް ގުޅާފައި ބުނީ އެހެން ކުންފުންޏެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބެން އޮތްކަމަށެވެ
އޭނާ ބުނީ އެމެރިކާގެ Motown Records އިނގިރޭސިވިލާތުގައި ފުޅާކުރުމުގެ ގޮތުން އެ ކުންފުނީގައި މަސައްކަތް ކުރުމަށެވެ. މި ކުންފުންޏަކީ މިއުޒިކްގެ ދުނިޔޭގައި އޭރު 1 ވަނައިގާ އޮތް އަދި ބިލިޔަން ޑޮލަރުން އާމްދަނީ ލިބޭ، މިއުޒީޝަނުންގެ މެދުގައި އެންމެ މަޤުބޫލު ކުންފުންޏެވެ
މިއުޒިކްގެ އެންމެ އުހުގައި އެންމެ މަޝްހޫރު މީހުންނާއެކު މިއުޒިކް އުފެއްދުމުގައި އުޅެންޖެހުމުގެ ސަބަބުން އަހަރެންނަކީ “މުޅި ދުވަހު ޕާރޓީތަކުގައި” އުޅޭ މީހެއްފަދަ މީހަކަށް ވެއްޖެއެވެ. އެހެނީ ދުވަސް ފެށުމާއި ނިމުމާއި ހުރިހާ ވަގުތެއްގައިވެސް، ކެޔަސް ނިދިޔަސް، ކަމަކީ މިއުޒިކެވެ. އެހެން ކަމެއް ނެތެވެ. މިހެން އުޅެނިކޮށް އަހަރެންގެ ތިމާގެ މުސްލިމް ބޭބެއަކު ރޯދަމަހު 27 ވިލޭރޭ (އެއީ ރޯދަމަސް ކަންވެސް އޭރު ނޭނގެ) އައިސް ބުނީ އޭނާއާއެކު އެރޭ މިސްކިތައް ދިޔުމަށެވެ. ނުދާން ވަރަށް ބަހަނާ ދެއްކީމެވެ. ނަމަވެސް ދޫނުކުރުމުން ދާން އެއްބަސްވީމެވެ. އަހަރެން މިސްކިތައް ދިޔައީ ނަމާދުކުރާކަށްނޫނެވެ. ނަމަވެސް މިސްކިތުގެ ފަހަތުގައި ކިޔާތަކެތި އަޑު އެހުމަށާއި ނަމާދުކުރާގޮތް ބެލުމަށް މިސްކިތުގެ ފަހަތުގައި އިށިނދެގެން އިނީއެވެ. ނަމާދު ކުރާ މީހުން ގުނޫތުގައި “އާމީން އާމީން” ކިޔާ އަޑުގެ ޖަޒުބާތާއި އިމާމުގެ އަސަރުގަދަ އަޑުން އަހަރެންނަށް ކޮންމެވެސް ވަރަކަށް އަސަރުތަކެއް ކުރިއެވެ
އެރޭގެ ފަހުން އަހަރެންނަށް ގޮތްތަކެއް ވަމުންދާކަން ފާހަގަވާން ފެށިއެވެ. މިއުޒިކް ކުޅުމާއި އުފެއްދުމުގައި އަހަރެންނަށް ރަނގަޅަށް މަސައްކަތް ކުރެވޭގޮތް ނުވެއެވެ. ވާގޮތެއް ނޭނގެއެވެ. އެކަން ކުރާހިތް ނުވަނީއެވެ. ކުރާކަމެއް ކުރަނީ ހިތާ ދެކޮޅަށް ކަހަލަ ގޮތަކަށެވެ. މަޑުމަޑުން މިހެންގޮސް އަހަރެންގެ މިއުޒިކްގެ ކެރިއާވެސް އޮޔާ ދަނީހެންވެސް ހީވާން ފަށައިފިއެވެ. ބައެއް ރައްޓެހިން ގެއްލެންވެސް ފަށައިފިއެވެ. އަހަރެން “ޒާތަކަށް މޮޔަވާހެންވެސް” ހީވާން ފަށައިފިއެވެ. އަހަރެން މިސްކިތަށް ގެންދިޔަ ބޭބެގެ ދަރިފުޅު އެއްދުވަހަކު އަހަރެން މުސްލިމް އިމާމަކާ ބައްދަލުކުރުވިއެވެ. ވަކި ސަބަބެއް އޮވެގެނެއްނޫނެވެ. ހަމައެކަނި ވާހަކަ ދައްކާލުމަށެވެ. އެ އިމާމް ބުންޏެވެ. ތިޔަ އުޅެވެނީ އެއްވެސް މިސްރާބެއް ނެތް ޙަޔާތެއްގައެވެ”. ޙަޔާތުގެ މުހިއްމު ކަމުގެ މިފަދަ އެތައް ވާހަކައެއް ދެއްކިއެވެ
އޭގެ ފަހުން އެއްދުވަހު އަހަރެން މިއުޒިކްގެ މަސައްކަތުގައި ފޫހިކަންމަތީ ގޮނޑީގައި އިންދާ އަހަރެންނަށް ނިދުނެވެ. ހުވަފެނުގައި އަހަރެންނަށް ފެނުނީ ކާއިނާތުގެ ގޮތް ނޭގޭ ތަނެއްގައި، ދެވޭ ނުދެވޭ ތަނެއް ނޭނގި އަހަރެންނަށް ދެވޭތީއެވެ. މުސީބާތެއް ކަހަލަ ހާލަތެއްގައި ވަނިކޮށެވެ
އިސްލާމްދީނާ ވީކޮޅަށް އަހަރެންގެ ހިތް ލެނބެން މައިގަނޑު 2 ސަބަބެއް މެދުވެރިވިއެވެ. އެއީ އަހަރެން ދަންނަ ތިމާގެ މުސްލިމުންގެ ހިތުގައި އޮންނަ އަމާން ފެނި ހައިރާންވުމެވެ
އަހަރެންގެ ކުރިން ބަޔާންކުރި ތިމާގެ ބޭބެއަކީ ކައިވެނިކޮށްގެން އުޅޭ ދަރިން ގިނަ އަދި އަތްމަތި ދަތި މީހެކެވެ. ނަމަވެސް އޭނާއާ ދިމާވާ ކޮންމެ ފަހަރަކުވެސް އޭނާ އުޅެނީ ވަރަށް އުފަލުންނެވެ. އަބަދު ހިނިތުންވެފައެވެ. ލިބޭ މިންވަރަށް ޝުކުރު ކޮށްގެނެވެ. މިއުޒިކުގެ އެންމެ ބޮޑު ކުންފުނީގައި ބޮޑު އާމްދަނީ އެއް ލިބޭއިރުވެސް އަދި އެންމެ މަޝްހޫރު މިއުޒީޝަނުންނާއެކު އުޅޭއިރުވެސް އަހަރެންނަށް އެފަދަ ހިތްހަމަޖެހުމެއް ނުލިބެއެވެ. ކާއިނާތާއި ދީނާއި އަދި ދިރިއުޅުމާ ބެހޭގޮތުން އަހަރެން އޭނާއާ ކޮންމެ ސުވާލެއް ކުރިޔަސް އޭނާ ޖަވާބުދެނީ “ޤުރުއާނުގައި އޮންނަނީ މިހެން… ޙަދީޘްގައި އޮންނަނީ މިހެން….” މިފަދަ ގޮތަކަށެވެ. ކޮންމެ ސުވާލަކަށްވެސް އޭނާ ފުރިހަމައަށް ޤުރުއާނުންނާއި ހަދީޘުން ޖަވާބުދެއެވެ
އަނެއް ސަބަބަކީ 5 އޮކްޓޯބަރ 1993 ވަނަ ދުވަހު ވީ ކަމެކެވެ. އަހަރެން އެ ގަޑީގައި އުޅުނީ ރައްޓެހިންނާއެކު ބަރ އެއް (ބަނގުރާ ބޮއިގެން މަޖާކުރާ ތަނެއް) ގައެވެ. ކުއްލިއަކަށް އަހަރެންނަށް ޕެނިކް އެޓޭކެއް އައެވެ. މިފަދަ ކަމެއް ދުވަހަކު އަހަރެންނަށް ދިމާވެފައިނުވާތީ ބޭނުންވީ ކުއްލިއަކަށް ދުއްވައިގަންނާށެވެ. އަހަރެންނަށް ހީވީ ބިންގަނޑު އިރައިގެންގޮސް އޭގެ ތެރެއަށް އަހަރެން ގަނބައިގަންނާން އުޅޭހެންނެވެ. ހިތައް ވެރިވެފައިވާ މި އުނދަގޫ ހާލަތުން އަރައިގަތުމަށް ކާރަށް އަރައިގެން ކުއްލިއަކަށް ގެއަށް ދާން ދުއްވައިފީމެވެ
ގެއަށް ދިޔުމަށްފަހު، އަހަރަންގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ދެއަތް މައްޗަށް އުފުލާ ދުޢާ ކުރީމެވެ. (އެދުވަހު ދުޢާ ކުރީ ވަކި ކަލަކަށް ނޫނެވެ.) ދުޢާގައި އަހަރެން ބުނީ “ކަލާކޮ! މިއަޅާއަށް އެހީތެރިވާނދޭވެ! މިއަޅާއަށް އެހީތެރިވާނދޭވެ! މި ވޭނީ މޮޔަވުމުގެ ނުތަނަވަސްކަމުން މިއަޅާ ސަލާމަތްކޮށްފިނަމަ ދެ ހަފުތާ ވަންދެން ހުރިހާ ފާފަތަކުން ދުރުހެލިވާނަމެވެ.” ކުރުކޮށް ބުނާނަމަ އަހަރެން ކަލާނގެއާ ޑީލް އެއް ހެދީއެވެ. (ރަޙީމް ހީލާފައި ބުންޏެވެ. “އެއަށްވުރެ ކުރިން އަތް އުފުލައި އަހަރެން ބުނީ 1 މަސްވަންދެން ޙަރާމް ކަމެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އެއީ މާ ދިގު މުއްދަތެއް ކަމަށްވާތީ ދެ ހަފުތާއަށް ކުރުކޮށްލީއެވެ.”)
ނަމަވެސް ދެ ހަފުތާ ވީއިރުވެސް އަހަރެންގެ ނުތަނަވަންސްކަމަށް ލުޔެއް ނުލިބުނެވެ. މިހެންކަމުން އަލިމަގެއް ލިބޭތޯ، ޙަޔާތުގައި ފުރަތަމަ ފަހަރަށް ޤުރުއާންގެ ތަރުޖަމާ ހުޅުވާފައި ކިޔެވީމެވެ. އިއްތިފާގުން އަހަރެންނަށް ހުޅުވުނީ ސޫރަތުއް ރަޝްޙް އެވެ. އެންމެ ފުރަތަމަވެސް ކިޔުނީ އެ ސޫރަތުގެ 5-6 އާޔަތެވެ. މާނައަކީ: “ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.” މި ދެ އާޔަތް ކިޔެވުމުން އަހަރެންނަށް ލިބުނު ފަސޭހަ ބުނެދޭންވޭސް ނޭނގެއެވެ. މި ދެ އާޔަތަކީ ސީދާ އަހަރެންނަށް އަމާޒުކޮށް ބާވާލެއްވުނު ދެ އާޔަތް ބާއޭވެސް ހިތައް އަރާ ހިތްހަމަޖެހުން ލިބުނެވެ

އެހާހިސާބުން އަހަރެން މަޑުމަޑުން މިއުޒިކް ދާއިރާ ދޫކޮށްލީމެވެ. އަހަރެން މިއުޒިކް ދާއިރާ ދޫކޮށްލީ، މިއުޒިކީ ދާއިރާ ދޫކޮށްލާނެކަމަށް މީހުން ޝައްކުވެސް ނުކުރާނެހާ ދުވަސްވަރެއްގައެވެ. އެހެނީ މިއުޒިކްގެ ދާއިރާގައި އަހަރެންނަށް ނުލިބޭ ކާމިޔާބެއް މަދެވެ. އެވޯޑް ހަފްލާތަކުގައި އަހަރެންގެ އުފެއްދުންތަކަށް ރަނާއި ރިހީގެ އެވޯޑްތައް ވަރަށް ގިނައިން ލިބުނެވެ. އެންމެ މަޝްހޫރު ލަވަކިޔުންތެރިންނަކީ އަހަރެންގެ ގާތް މިތުރުންނެވެ. ވަޒީފާގައި އުޅުނީ މިއުޒިކްގެ އެންމެ މަޝްހޫރު ކުންފުނީގައެވެ. ބޮޑު އާމްދަނީއެއް ލިބެއެވެ
މިއުޒިކް ދޫކޮށްލުންވީ ވަރަށް ހިތްދަތި ކަމަކަށެވެ. އެއީ އަހަރެންގެ މުޅި ދިރިއުޅުން ބިނާވެފައިވާ ކަމެވެ. އާމްދަނީ އަކީއެއީއެވެ. ކެއުމާއި ބުއިމަކީވެސް އެއީއެވެ. ހިތްހަމަޖެހުމަކީވެސް އެއީއެވެ. އެހެންކަމުން އާމްދަނީ ހޯދުމަށް އެކިއެކި މަސައްކަތް ކުރުމަށް މަޖުބޫރުވިއެވެ. ކަންބޮޑުވާ ކޮންމެ ފަހަރަކު ނަމާދުކުރުމާއި ޤުރުއާން ކިޔެވުމުގައި ދެމިހުރީމެވެ. އަދި މުސްލިމް ރަނގަޅު ރައްޓެހިން އިޚްތިޔާރުކުރީމެވެ
އަހަރެން އިސްލާމް ވުމާގުޅިގެން ބައްޕަގެ މާބޮޑު ރިއެކްޝަނެއްނެތެވެ. ނަމަވެސް އަހަރެންގެ އުޅުމަށް (ދީނާ ގުޅޭގޮތަށް) ގެނައި ބަދަލުތަކާމެދު ބައްޕަ ހިންހަމަނުޖެހޭކަން އެނގެއެވެ. ނަމަވެސް އިސްލާމް ވުމާގުޅިގެން މަންމަ ހުރީ ވަރަށް ރުޅިއައިސްފައެވެ. “ތިއުޅެނީ މޮޔަވެގެންތަ؟ ކިހިނެއްވެގެން ތި އުޅެނީ؟ މިފަދަ ބަސްތަކުން އަހަރެންނާ ދިމާލަށް ވަރަށް ހަޅޭއްލެއްވިއެވެ
އަދި އެ ރުޅީގައި މަންމަ އާ ވާހަކަ ނުދައްކާވެސް އެތައް ދުވަހަކު ހުންނަން ޖެހުނެވެ. އަހަރެން ނަމާދުކުރާތަން ފެނުނަސް މަންމަ ވަރަށް ރުޅިއާދެއެވެ. ކުޑަމިނުން މީހަކަށް ފޯނުން “އައްސަލާމް ޢަލައިކުމް” މިހެން ގޮވާލިޔަސް ވަރަށް ރުޅިއައިސްގެން ބުނެއުޅެއެވެ. “ތިކަހަލަ ނުބައި ބަސްތައް ކިޔަނީ ކީއްކުރަންހެއްޔެވެ؟” (ނޯޓް: މަންމަ އިސްލާމްވީގޮތުގެ ވާހަކަ މީގެ ކުރިންވާނީ ކިޔައިދީފައެވެ)
ޤުރުއާން ރާގަށް ރީތިކޮށް ކިޔަވާތީ އަހަރެން އެންމެ ފުރަތަމަ އަޑުއެހި މަޝްހޫރު މީހަކީ ސާދް-އަލް-ޣާމިދީއެވެ. އޭނާގެ ހިތްގައިމު އަޑުން ސޫރަތުލް ފަޖްރުގެ ނިމޭކޮޅުން 27-30 ވަނަ އާޔަތް އަޑުއިވުމުން ހީވީ އަހަރެންނަށް ބުނެދޭން ނޭނގޭ އިޙްސާސްތަކެއް ކުރެވުނެވެ. އެ އާޔަތްތައް (ސާދް-އަލް-ޣާމިދީ ގެ ހިތްގައިމު އަޑުފުޅުން) ވިދާޅުވިއިރު އަހަރެންގެ ދެލޮލުން ކަރުނައައިސް އަހަރެން ޖަޒުބާތުތަކާ ކުޅެއެވެ. (އެ އާޔަތްތަކުގެ މާނައަކީ: އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާށެވެ! ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ)
އަހަރެން އުންމީދު ކުރަނީ ކޮންމެވެސް ދުވަހަކުން ﷲ ތަޢާލާ މިފަދައިން ވަޙީ ކުރައްވާ އަޑު އަހަރެންނަށް އިވޭނެކަމަށެވެ. އިންޝާﷲ އެ ފުރުޞަތު ލިބޭ ދުވަހަކީ ޙަޤީގީ ނަޞީބު އަހަރެންނަށް ލިބޭނެ ދުވަހެވެ

އިސްލާމްވުމަށްފަހު އަދި ދިމާވި ދަތި ދުވަސްތަކަށްފަހު ރަޙީމް ވީ މީޑިއާގެ މީހަކަށެވެ. ދީނީ ދަޢުވަތު ދުނިޔޭގެ ކަންކޮޅުތަކަށް ފޮނުވާ ދާޢީ އަކަށެވެ. ރަޙީމް އަކީ “އިސްލާމް ޗެނަލް” މިނަމުގައި ވަރަށް މަޝްހޫރު ދީނީ ޗެނަލެއް ހިންގުމުގައި އިސްކޮށް އުޅޭ އަދި ވަރަށް ގިނަ ޔޫޓިއުބް އަދި ސޯޝަލް މީޑިއާގެ ޕޭޖްތަކާއި ޗެނަލްތަކުގައި ދީނީ ޝޯތައް ހުށަހަޅައިދޭ ކުޅަދާނަ އަޚެކެވެ
ބައެއް މަސައްކަތްތަކާ ބެހޭގޮތުން ރަޙީމް ބުންޏެވެ. “ޙައްޖުގެ އަޅުކަން ބްރޯޑްކާސްޓްކުރުމާއި ރަސޫލު ބޭކަލުންނާ ބެހޭގޮތުން ޑޮކިއުމެންޓްރީ ތައްޔާރުކުރުމަށްޓަކާ ޙަރަމްފުޅާއި މަސްޖިދުއްނަބަވީ އަދި ޖަންނަތުލްބަޤީޢު ފަދަ މުހިއްމު ތަންތަނަށް ޒިޔާރަތް ކުރުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި މި މަންޒަރުތައް ޗެނަލްތަކުން އެތައް މިލިޔަން ބަޔަކަށް ދެއްކުނެވެ.” މާތްﷲ ރަޙީމް ޖަންގ އަށް ހެޔޮ ރަޙްމަތްލައްވާ ތެދުމަގުގައި އޭނާ ދަމަހައްޓަވާށިއެވެ! އަދި މިފަދަ ހުނަރުވެރި އެހެން ފަންނާނުން ނަށް އިސްލާމް ދީނުގެ ހިދާޔަތު ދައްކަވާށިއެވެ
މާޝާﷲ ވަރަށް ރީތި ވާހަކައެއް. އަދިވެސް އިންތިޒާރުކުރަން